ads
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު
ޖަވާބުދާރީ ކުރުމަށް ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް ބޭނުންވޭ: ޑރ. ސަވާދު
ސުލްހަވެރިކަމާ އެކު ވެރިން ޖަވާބުދާރީ ކުރުމަށްޓަކައި "ޕެޓިޝަން" ހުށަހެޅޭނެ ނިޒާމެއް ރާއްޖެއަށް އުފަން ކުރަންޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. ސަވާދު "ސީއެންއެމް" އަށް ވިދާޅުވީ ޑިމޮކްރަޓިކް ނިޒާމެއްގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށާއި، ސަރުކާރާއި މަޖިލީހާއި ޖުޑިޝަރީގެ ޒިންމަކީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުން ކަމަށެވެ. ނަމަވެސް މިހާރު ގާނޫނުއަސާސީ އޮންނަ ގޮތުން ރައްޔިތުންނަށް ބަސް ބުނުގެ ހައްގު ލިބެނީ ފަސް އަހަރުން އެއް ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުލަތާއި ރައްޔިތުން ގުޅުވައިދޭ ހަމައެކަނި އެއްޗަކީ ވޯޓު ފޮށި ކަމަށް ޑރ. ސަވާދު ވިދާޅުވި އެވެ.

ޑރ. ސަވާދު ވިދާޅުވީ މިއީ ޒަމާނީ ޑިމޮކްރަސީއެއްގައި ކަން އޮންނަން ޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި އެކަން އެހެން އޮތުމުގެ ސަބަބުން ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މާލިއްޔަތާ މެދު ކޮންމެ ފަދަ ގޮތަކަށް އަމަލުކުރި ނަމަވެސް ރައްޔިތުންނަށް ބަހެއް ބުނެވޭނެ ސުލްހަވެރި ނިޒާމެއް ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ޕެޓިޝަން ހުށަހެޅުމުގެ ނިޒާމެއް އުފަންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ސަވާދު ފާހަގަކުރެއްވި އެވެ. އެގޮތުން ސަވާދު ވިދާޅުވީ ޕެޓިޝަން ހުށަހެޅުމުގެ ނިޒާމަކީ ސަރުކާރުގެ ކަންކަން ބަދަލުކޮށް އިސްލާހުކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށެވެ. 

އަދި ސަރުކާރުތަކުގެ އަމަލުތަކާ މެދު ރައްޔިތުންގެ މެދުގައި އަސާސީ ގޮތެއްގައި ނުތަނަވަސްކަމެއް ނުވަތަ ހިޔާލުތަފާތުވުންތަކެއް އުފެދެން ފަށައިފި ނަމަ ސަރުކާރުން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި، އެ ޖަވާބު ހޯދުމަށް ރައްޔިތުންނަށް ފަސް އަހަރު ދުވަހު މަޑު ނުކުރެވޭނެ ކަމަށް ޑރ. ސަވާދު ވިދާޅުވި އެވެ.

ޑރ. ސަވާދު އިތުރަށް ވިދާޅުވީ މިއީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ނިއުޒީލެންޑްގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގައި ވެސް ތަޖުރިބާކުރަމުން އަންނަ އުސޫލެއް ކަމަށާއި، މިފަދަ ޒަމާނީ ޑިމޮކްރަސީގެ އައު ވިސްނުންތައް ރާއްޖެއިން ވެސް ބަލައިގަންނަން ޖެހޭ ކަމަށެވެ.

"އެކަން ހުއްޓުވައި ހާލަތު ބަދަލުކުރުމަށްޓަކައި އަހަރެމެން އެބަޖެހޭ އިތުރަށް ވިސްނަން. ދުނިޔޭގަ މިހާރު ކަންކުރާ ގޮތެއް އެއީ ޕެޓިޝަން ހެދުން. ޕެޓިޝަން ހެދުމަކީ މިބަދަލު ނުވަތަ އިސްލާހު ގެނައުމަށް އޮތް ފުރުސަތެއް." ޑރ. ސަވާދު ވިދާޅުވި އެވެ.

ރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ވީއްސުރެ ލިބޭ އެންމެ ބޮޑު ގެއްލުމަކީ ސަރުކާރުތަކާއި ރައްޔިތުންނާ ދެމެދު އޮންނަން ޖެހޭ ދުޅަހެޔޮ އިތުބާރު ގެއްލުން ކަމަށް ސަވާދު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުތަކާ މެދު އުފެދޭ ނުތަވަނަސްކަމާއި ކަންބޮޑުވުންތަކަށް ޖަވާބު ހޯދަން ދިގު މުއްދަތަކަށް އިންތިޒާރު ކުރަން ޖެހޭ ގޮތަށް އޮތުމުން، ސަރުކާރުން ރައްޔިތުންގެ އެދުންތަކުގައި ކޮޅުފައިން ޖެހި ނަމަވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނަ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ވެރިން ޒިންމާދާރު ކުރެވޭނެ ފަދަ އޮނިގަނޑެއް ތަރުތީބުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނަށް ބަސް ބުނުމުގެ ޖާގަ އިތުރުކޮށް، ވެރިން އެކަމަށް އިޖާބަދިނުމަކީ ދުސްތޫރީ ވާޖިބެއް ކަމަށް ކަނޑައެޅިފައިވާ ނިޒާމެއް އެކުލަވާލުން ކަމަށް ސަވާދު ވިދާޅުވި އެވެ. އެފަދަ ނިޒާމެއްގެ ތެރެއިން، ސަރުކާރުގެ ދައުރުގެ ކޮންމެ ހިސާބަކުން ރައްޔިތުން ނުތަނަވަސްވާ ފަދަ ކަންތައްތަކެއް ފެނުނު ކަމުގައި ވީނަމަވެސް، ޕެޓިޝަން ހުށަހަޅައިގެން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޑރ. ސަވާދު ވިދާޅުވި އެވެ. 

އަދި މިއީ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމާއި، ފުލުހުންނާއި ސިފައިން ނެރެގެން ބަގާވާތް ކުރުމުގެ ބަދަލުގައި، ޑިމޮކްރަސީގެ ރީތި އުސޫލުން ވެރިން ޖަވާބުދާރީ ކުރެވޭނެ މަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާއި، ސަރުކާރުން އެކި އިރު ކަންކުރާ ގޮތަށް ރައްޔިތުންގެ މެދުގައި ހިތް ނުތަނަވަސް ކަމާއި ކަންބޮޑުވުން ވަކި ހިސާބަކަށް ދިޔައީމަ، ރައްޔިތުންނަށް އެކަމާމެދު ކަމެއް ކުރެވޭނެ ޖާގަ ލިބެން ޖެހޭނެ. އެއީ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްގެނެއް ނޫން. ނޫނީ ރިޝްވަތު ދީގެން ސިފައިންނާއި ފުލުހުން ނެރެގެން ބަގާވާތް ކޮށްގެނެއް ނޫން." ޑރ. ސަވާދު ވިދާޅުވި އެވެ.

ސަވާދު ވިދާޅުވީ، ޕެޓިޝަން ހުށަހެޅުމުގެ ނިޒާމު އޮންނަން ވާނީ ދެފުށް ފެންނަ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން ޕެޓިޝަން ހުށަހެށި ސަބަބާއި އޭގައި ސޮއިކުރި މީހުންގެ ތަފްސީލުގެ އިތުރުން އެ ހުށަހެޅުމަށް ލިބޭ ޖަވާބުވެސް ފެންނަން ޖެހޭނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ސަވާދު އިތުރަށް ވިދާޅުވި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބެއްވުނު އިންތިހާބުތަކުގައި ވެސް ފެނިގެންދިޔައީ ސަރުކާރަށް ހެދުނު ގޯސްތައް ރަނގަޅުކޮށް ހަމަ މަގަށް އައުމަށް ރައްޔިތުން ސުލްހަވެރިކަމާއެކު ގޮވާލި މަންޒަރު ކަމަށެވެ. އަދި މިއީ ސުލްހަވެރިކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބާރު އިތުރުކުރުމުގެ މުހިންމުކަން ހާމަވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ޕެޓިޝަން ހުށަހެޅުމުގެ ނިޒާމެއް އުފަންކުރުވުމުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ދައުރު ހަމަވަންދެން ޕާޓީގެ މަސްލަހަތު އިސްކޮށްގެން ފިލައި ތިބުމުގެ ބަދަލުގައި ރައްޔިތުންނަށް ޖަވާބުދާރީވާން މަޖުބޫރުވާނެ ކަމަށް ޑރ. ސަވާދު ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ސަވާދު ވަނީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ހިޔާލަކީ ރައްޔިތުންނަށް ލިބޭ ޖަވާބުދާރީ ކުރުމުގެ ބާރު އިތުރަށް ހަނިވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ދެ އިންތިހާބު ވަކިން ބޭއްވިޔަސް ދައުލަތް ހިންގުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ރައްޔިތުން ގަބޫލުކުރާކަން ވޯޓުގެ ނަތީޖާއިން ހާމަވެފައިވާ ކަމަށެވެ. އަދި ހަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަދަލުގައި، އެހެން ގައުމުތަކެކޭ އެއްފަދައިން ޑިޖިޓަލް އަދި އަދުލުވެރި ނިޒާމެއްގެ ތެރެއިން ހަރަދު ކުޑަ ކުރެވޭނެ ކަމަށް ސަވާދު ވަނީ ވިދާޅުވެފަ އެވެ.

މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑި ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ. 

އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުން"

ހުށަހެޅުން:

  • ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަން ކުރުވައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދަން

ނަތީޖާ:

  • ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަން މެދުވެރިކޮށް ހުށަހެޅުމުން އެކަންކަން ބެލުމަށް މަޖުބޫރުވާ ހާލަތެއް ދުސްތޫރީ ގޮތުން އުފަންވެ، ގައުމުގެ މަންފާއަށް ވުރެ ސިޔާސީ ޕާޓީތަކުގެ ފައިދާއަށް ކުރާ ކަންކަން ނިމުމަކަށް ނެގެވި، ރައްޔިތުންގެ ބާރު ހިނގާކަން ކަށަވަރުވުމާއެކު ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ ނިޒާމެއް ތައާރަފުވުން

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;