ޖަސްޓިސް ޕުރުޝައިންދްރަ ކުމާރު ކޯރަވް ނެރުއްވި މި އަމުރުގައި ވަނީ މި ލަވައިގެ އެއްވެސް ބައެއް ނުވަތަ ލަވައިގެ ކަލިމަތައް ވެސް އާންމުންނަށް ފެންނާނެހެން ސޯޝަލް މީޑިއާގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައެވެ.
ކޯޓުން މި އަމުރު ނެރުނީ މި ލަވައިގެ މައްސަލަ ހިންދޫ ޝަކްތީ ދަލްގެ ފަރާތުން ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި، މި ލަވައިގެ ސަބަބުން ކޯޓުގެ އަބުރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި މިއީ އަންހެނުންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ވަރަށް ދަށު ދަރަޖައަކަށް ހަދާފައިވާ ލަވައެއް ކަމަށާއި، މީގައި އެއްވެސް ފަންނީ ނުވަތަ އިޖުތިމާއީ އަގަކަށް ވާނެ ކަމެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ މި ލަވައިގެ ކަލިމަތަކަކީ ހަމައެކަނި ހުތުރު އެއްޗެއް ނޫން ކަމަށާއި، މިއީ އަންހެނުންނަކީ ހަމައެކަނި ޖިންސީ އުފާ ހޯދަން ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ދައްކުވައިދޭ، އިންސާނިއްޔަތާ ހިލާފު ލަވައެއް ކަމަށެވެ. އެހެންކަމުން ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއްގައި މި ލަވަ ބޭނުންކުރުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ކޯޓުން ބުންޏެވެ.
"ވޮލިއަމް 1" އަކީ މީގެ ގާތްގަނޑަކަށް ވިހި އަހަރު ކުރިން ހަނީ ސިންގް ކިޔާފައިވާ ލަވައެކެވެ. މި ލަވައަކީ އޭރު ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ލަވައެއް ނަމަވެސް، އޭގެ ކަލިމަތައް ހުރި ގޮތުން އިންޑިއާގެ އެކި ހިސާބުތަކުގައި މީގެ ކުރިން ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. މިހާރު ކޯޓުން ވަނީ މި ލަވަ އެއްކޮށް މަނާކުރުމަށް އިންޑިއާ ސަރުކާރަށް ވެސް އަންގާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;