މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑޭއާ ބައްދަލުކޮށް ސްޕެއިނުން ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ދެވަނަ މެޗުގައި ސްޕެއިނުން މިރޭ ނިކުތީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ސައުދީ އަރަބިއްޔާ 4-0 އިން ބަލިކޮށް ސްޕެއިނުން މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ދެންމެ ވަނީ ހޯދައިފަ އެވެ.
އަނިޔާ އަކުން ރިކަވާވެގެން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ޔަމާލް ވަނީ ފުރަތަމަ މިނިޓުން ފެށިގެން ތަފާތު ދައްކަން ފަށައި، 10 މިނިޓް ތެރޭ ސްޕެއިނަށް ލީޑުނަގައިދީފަ އެވެ. މިކޭލް އޮޔާޒަބާލް ދިން ބޯޅައަކުން ޔަމާލް މި ލަނޑު ޖެހިއިރު، އޭނާ އަކީ ޕެލޭ އަށް ފަހު ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އަދި، ޔޫރޯ އާއި ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސައުދީއަށް ކޯނަރެއް ރަނގަޅަށް ދިފާއު ނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ސައުދީގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިކެލް އޮޔާޒަބަލް އެވެ.
އޭގެ ތިން މިނެޓު ތެރޭ ސްޕެއިނުން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފަ އެވެ. ޑެނީ އޮލްމޯ ބޮލުން ޖައްސާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސައުދީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން އޮޔާޒަބަލް އެވެ.
ސައުދީން ކޮންމެ ވެސް ވަރަކަށް ފުރަތަމަ ހާފުގައި ކައުންޓަ އެޓޭކުގައި ކުރިއަށް ޖެހިގެން އެޓޭކްތަކެއް ކުރެވޭތޯ ބެލި ނަމަވެސް، ސްޕެއިނުގެ ކީޕަރު އުނާއި ސިމޯން ޓެސްޓް ކޮށްލެވޭނެ މާ ރަނގަޅު ހަމަލާތަކެއް ފޮނުވާނުލެވުނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ ސްޕެއިނުން ހަތަރު ވަނަ ލަނޑު ޖެހި އެވެ. އެއީ، ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ސްޕެއިނުގެ ފުލްބެކް، މާކް ކުކުރޭއާ ފޮނުވާލި ޝޮޓް ސައުދީގެ ކީޕަރު، މުހައްމަދު އަލްއޮވައިސް މަތަކުރިއިރު، ރީބައުންސް ބޯޅަ ގޯލަށް ވަނީ އެ ޓީމުގެ ޑިފެންޑަރު، އަލް ތަމްބަކްތީ ގައިގައި ޖެހިފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްޕެއިންގެ ފެރާން ޓޮރޭސް، ސައުދީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. ނަމަވެސް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ޕެނަލްޓީ އޭރިއާ ތެރޭގައި ފެރާން ޓޮރޭސް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
ސްޕެއިނަށް މެޗުގެ ކުރީކޮޅު ލީޑު ހޯދައިދިނުމަށްފަހު، ލަމީން ޔަމާލް، މިކޭލް އޮޔާޒަބާލްއާ އެކު އުފާފާޅުކުރަނީ. - ފޮޓޯ: އައިމޭޖްން އިމޭޖަސް ރޮއިޓާސް
މި ނަތީޖާއާއެކު ސްޕެއިނުން ވަނީ ހަތަރު ޕޮއިންޓު ހޯދައި، ދެވަނަ ބުރުގެ އުންމީދު އާކޮށްފަ އެވެ. ސްޕެއިނުން ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތް ޓީމުގެ ވެސް ގޮތުގަ އެވެ. ސުޕަ ކޮމްޕިއުޓަރު އޮޕްޓާއިން ވެސް ލަފާކޮށްފައި އޮތީ އެގޮތަށެވެ.
ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ސްޕެއިނަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އުރުގުއޭ އާއި ތިން ވަނައިގައި އޮތް ކޭޕް ވާޑް އަދި ހަތަރެއްގައި އޮތް ސައުދީ އަރަބިއްޔާ އަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މީގެ ތެެރެެއިން ކޭޕް ވާޑް އާއި އުރުގުއޭ އިން އެއް މެޗު ކުޅުނުއިރު، ސައުދީން ވަނީ ދެ މެޗު ކުޅެފަ އެެވެ.
ކުރިއަށް މިރޭ ހުރި މެޗުތަކަކީ:
ބެލްޖިއަމް - އީރާން (00:00)
އުރުގުއޭ - ކޭޕް ވާޑް (03:00)
ނިއު ޒީލެންޑް - މިސްރު (06:00)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;