މިގޮތުން 2022 ވަނަ އަހަރު ބަލި ޖެހުނުކަން އެނގުނު ހިސާބުން ފެށިގެން، އޭނާގެ ދިރިއުޅުމަށް އައި ބޮޑު ބަދަލާއި، އެ ބަލީގެ ސަބަބުން އަމިއްލަ ނަފްސަށް އިސްކަންދޭން ދަސްވި ގޮތް އޭނާ ވަނީ ކިޔައިދީފައެވެ. ބޮލީވުޑްގެ މި އެކްޓަރު ބުނި ގޮތުގައި ކެންސަރު ޖެހުނުކަން އެނގުމަކީ ކޮންމެ މީހަކަށް ވެސް ލިބޭނެ ބޮޑު ސިހުމެކެވެ.
ބަލީގެ ފަރުވާގެ ތެރޭގައި އުޅުނުއިރު އޭނާ ގެންގުޅުނު ކެއިންބުއިމުގެ އާދަތަކަށް ޗައްވީ ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ހަކުރާއި ޖަންކް ފުޑް ކެއުން ހުއްޓާލައި، ގަޑިން ގަޑިއަށް ސިއްހަތަށް ފައިދާހުރި ތަކެތި ކެއުމަށް އޭނާ އިސްކަންދިނެވެ. އަދި ރޭގަނޑު 8 ޖެހުމުގެ ކުރިން ކައި ނިންމުމާއި، ގަވާއިދުން ކަސްރަތު ކުރުމަކީ ބަލިން އަވަހަށް ފަސޭހަވުމަށް ލިބުނު ބޮޑު އެހީއެއް ކަމަށް އޭނާ ބުންޏެވެ. މި ދަތުރުގައި އޭނާއަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ، ނަފްސާނީ އުފާވެރިކަމަށްޓަކައި އަމިއްލަ ނަފްސަށް އިސްކަންދިނުމެވެ.
ކެންސަރު ޖެހުމަކީ ދިރިއުޅުން ނިމުން ނޫން ކަމަށާއި، އެއީ އާ ދިރިއުޅުމެއްގެ ފެށުން ކަމަށް ޗައްވީ ގަބޫލުކުރެއެވެ. "މިއީ އޭނާއަށް ލިބުނު ދެވަނަ އުފަންވުމެއް" ކަމަށް ސިފަކުރަމުން ޗައްވީ ބުނީ، މިހާރު އޭނާ ބަލިން އެއްކޮށް ސަލާމަތްވެފައިވާ ކަމަށެވެ. މިހާރު އޭނާ އަންނަނީ އޭނާގެ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ހިތްވަރު ދެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;