ޔޫޓިއުބް ޗެނަލެއްގައި ވާހަކަދައްކަމުން ޖާންވީ ބުނީ، ޝިކާރަކީ އޭނާގެ "ސޭފް ސްޕޭސް" ނުވަތަ އެންމެ ރައްކާތެރި މާހައުލު ކަމަށެވެ. އަދި ޝިކާރުގެ ކައިރީގައި އުޅޭއިރު އޭނާގެ އަސްލު ސިފަ އެއްވެސް ޖެހިލުމެއް ނެތި ދެއްކޭ ކަމަށާއި، އޭނާއާ އެކު އުޅެވެނީ ކުޑަކުއްޖަކު ފަދައިން ކަމަށް ޖާންވީ ބުންޏެވެ.
ޖާންވީ އިތުރަށް ބުނި ގޮތުގައި ޝިކާރަކީ ހަމައެކަނި އޭނާގެ ލޯބިވެރިޔާއެއް ނޫނެވެ. އޭނާގެ ބައްޕަ ބޮނީ ކަޕޫރާއި އާއިލާގެ އެހެން މީހުންނަށް ވެސް ޝިކާރަކީ ފެށުނީއްސުރެ ވަރަށް ގާތް އެކުވެރިއެކެވެ. އެއްވެސް އަމިއްލަ އެދުމެއް ނެތި، ދީލަތި ގޮތަކަށް އެހެން މީހަކަށް އެހީތެރިވާ ފިރިހެނަކު އޭނާ މީގެ ކުރިން ދެކެފައި ނުވާ ކަމަށް ވެސް ޖާންވީ ފާހަގަކުރިއެވެ. ޝިކާރު ޕަހާރިއާ އަކީ އިންޑިއާގެ ކުރީގެ ހޯމް މިނިސްޓަރު ސުޝީލްކުމާރު ޝިންޑޭގެ ކާފަ ދަރިއެކެވެ.
ލޯބީގެ ދިރިއުޅުމުގެ އިތުރުން، ޖާންވީގެ ފިލްމީ ކެރިއަރުގައި ވެސް މިހާރު އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން އޭނާ ކުޅެފައިވާ ފިލްމު "ހޯމްބައުންޑް" ވަނީ 98 ވަނަ އެކަޑަމީ އެވޯޑްސްގެ ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީގެ ޝޯޓްލިސްޓުގައި ހިމެނިފައެވެ. މިއީ ޖާންވީގެ ފިލްމީ މަސައްކަތުގައި މިހާތަނަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމެވެ. މީގެ އިތުރުން ޖާންވީ މިހާރު އަންނަނީ ޓައިގާ ޝްރޮފާއެކު އާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;