ޒަރީންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މަންމަ މަރުވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މަރުވިއިރު އުމުރަކީ 65 އަހަރެވެ. އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޒަރީންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޒަރީން ހާން އާއި ސަނާ ހާންގެ ލޯބިވާ މަންމަ ޕަރުވީން ހާން، އޭޕްރީލް މަހުގެ 8 ވަނަ ދުވަހު މި ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މަންމަގެ ޖަނާޒާގެ ކަންތައްތައް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ވެސް އެ ބަޔާނުގައި ވަނީ ހިއްސާކޮށްފައެވެ. މަންމަގެ ބަލިހާލަތާ ބެހޭގޮތުން ޒަރީން މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވެއެވެ.
ޒަރީންގެ މަންމަގެ ބަލިހާލަތު ބޮޑުވެގެން އައިސީޔޫގައި ވެސް ފަރުވާ ދީފައިވެއެވެ. މިދިޔަ މަހު ޒަރީން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، އޭނާގެ މަންމަ އައިސީޔޫއިން ނެރުނު ނަމަވެސް އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށެވެ. އަދި މަންމައަށް ހެޔޮ ދުއާކޮށްދިނުމަށް އޭނާގެ ފޭނުންގެ ކިބައިން އެދިފައިވެއެވެ. މިދިޔަ ފެބުރުއަރީ މަހު ފެށުނު ރޯދަ މަހުގެ ތެރޭގައި ވެސް ޒަރީން ވަނީ އޭނާގެ އުފަންދުވަސް ފާހަގަނުކުރީ މަންމަ ބަލިވެ ހޮސްޕިޓަލުގައި އޮތުމުން ކަމަށް ބުނެފައެވެ.
އެ ދުވަސްވަރު ޒަރީން ބުނީ އޭނާއަށް ލިބޭނެ އެންމެ ބޮޑު ހަދިޔާއަކީ އޭނާގެ މަންމައަށް އެންމެން ހެޔޮ ދުއާކޮށްދިނުން ކަމަށެވެ. ޒަރީންގެ މަންމަ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދާފައެވެ. ނަމަވެސް އޭރު ފަރުވާއަށްފަހު ގެއަށް ދޫކޮށްލި ނަމަވެސް، ފަހުން ބަލިހާލަތު ގޯސްވެ އަލުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނީއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;