ކުރިން އޮތް ގޮތަށް އަހަރެންގެ މޭމަތީގައި ބީނިޝް ހަމަޖެހިލި އެވެ. މަޑުމަޑު ހުދު ޓީޝާޓުގައި ކުދިކުދި އިނގިލިތަކުން ފިރުމަމުން ދިޔައީ ބީނިޝް، ހިޔާލަކަށް ގެއްލި އޮވެގެންކަން ޔަގީނެވެ.
އަހަރެންގެ މަސައްކަތަށް، އަހަރެންވެސް އެނބުރުނީމެވެ.
"ޔޫ ނޯ ލީވް މަންމާ އެނޑް ބީނިޝް؟" ބޯ ހިއްލާލާފައި އަހަރެންގެ މޫނަށް ބަލައިލާފައި ބީނިޝް ސުވާލުކުރި އެވެ. ތަފާތު ސުވާލެކެވެ. ނުތަނަވަސްވެ، ސިކުނޑި މަސައްކަތްކުރުން ހުއްޓުނު ވަގުތުކޮޅެކެވެ.
ދެ ލޮލުގައި ވަނީ އުއްމީދެވެ.
އެ އުއްމީދާއި، އަހަރެންނަށް ކުރާ އެ އިތުބާރު ގެއްލުވާލަން ހިތެއް ނުރުހުނެވެ. މި ދަރިފުޅުގެ ހިނިތުންވުމާއި، އުއްމީދުގެ އެ ބަލައިލުމަށްޓަކައި ކޮންމެ ފަދަ ގުރުބަނީއެއް ވާންވެސް އަހަރެން ފަހަތަކަށް ނުޖެހޭނަމެވެ.
ބީނިޝް 'އަހަރެން ބޭނުން ނުވާ' ދުވަހެއް އަޔަސް، އެ ދެ މައިން އެކަނިވެރި ކޮށްލާފައި ނުދާނަން ކަމަށް ވައުދުވީމެވެ.
އަބަދުވެސް ބީނިޝް، ހިނިތުންވެފައި ހުރުމުގެ މުހިއްމުކަންވެސް އެ ދަރިފުޅަށް ބުނެދިނީމެވެ.
އިން ޝާ ﷲ، އަހަރެންގެ މި ވައުދު ދަމަހައްޓާނެކަމަށް ވައުދުވީމެވެ. އަހަރެންނާއިމެދު އެ ދަރިފުޅުގެ ހިތުގައި އުފެދުނު އުއްމީދަށް ހިތްވަރުދިނުމަށެވެ.
"ފޮލެވަރ؟" ބީނިޝް އަހައިލި އެވެ.
"ޔެސް! ފޮރެވަރ" އަހަރެން ބުނީމެވެ.
"ކޮންމެ ދުވަހަކު ﷲއަށް ދުއާ ކުލާނަން.. މަންކީ ނުދޭތޯ" ވަރަށް ލޯބިކޮށް ބުނެލި އެވެ. ހިނިގަނޑު ކޮންޓްރޯލް ކުރެވުނީތީ ﷲގެ ހަޒްރަތަށް ހަމްދާއި ޝުކުރެވެ.
"މަންމަ ބުނީ ހުލިހައި ބަސްއަހައި ކުދިންގެ ދުއާ ﷲ ތައާލާ އިޖާބަ ކުލައްވާނެޔޭ" އަހަރެންގެ މޭގައި ބޮނޑިވެލަމުން ބީނިޝް ބުންޏެވެ.
"ކޮންމެ ދުވަހަކު ނަމާދުކޮށް، ގުރުއާން ކިޔަވައި ދުއާ ކުރާނީ ވަރަށް މޮޅުކުދިން" އަހަރެން ބުނީމެވެ.
"މާލިކްގެ ބީނިޝްއަކީ އެންމެ މޮޅު، އެންމެ ބަސް އަހައި.. އެންމެ ބެސްޓް، އެންމް ލިޓްލް ޕްރިންސެސް" ބީނިޝްގެ ބޮލުގައި ބޮސްދެމުން އަހަރެން ބުނީމެވެ.
އެއާއި އެކު ކޮޓަރީގައި ވެރިވެގެން ދިޔައީ ލޮބުވެތި ހިނިތުންވުމެއްގެ އަޑެވެ. އެއީ އަހަރެންގެ ހިތަށް ފިނިކަން ގެނެސްދިން އަޑެކެވެ.
"މަންމަ ހޭޒް ސޭމް" ލެޕްޓޮޕްއަށް އިޝާރާތްކޮށްފައި ބީނިޝް ބުންޏެވެ.
"އައި ނޯ! މަންމަ މަސައްކަތްކުރަނީ ފަހަދު އަންކަލްއަށް ދޯ!"
"ޔެސް، ފޯ ފަހަދު އަންކަލް!"
މަންމަ މަސައްކަތްކުރާ ކޮމްޕެނީއަށް ދުވަހެއްގައިވެސް ދިޔައިންތޯ އަހަރެން ސުވާލު ކުރީމެވެ. ބޮލުގެ އިޝާރާތުން ބުނެލީ ދުވަހަކުވެސް އެ އޮފީހަށް ނުދާކަމަށެވެ. އަދި މަންމައާއެކު މަންމަގެ އޮފީހަށް ބީނިޝް ދިއުމަކީ އެހައި ރަގަޅުކަމެއް ނޫންކަމަށް މަންމަ ބުނެދޭކަމަށް ބުންޏެވެ.
މިހާރު އަހަރުމެން ދެމީހުންނަކީ ދެ އެކުވެރިންނަށް ވާތީ ބީނިޝްއަށް އެ އޮފީހަށް ދިއުމުގައި ހުރަހެއް ނެތްކަމަށް ބުނެދިނީމެވެ. ހަމައެކަނި ބޭނުން ވާނީ މަންމަގެ ހުއްދަކަމަށްވެސް ބުނީމެވެ.
އުފަލުން އަތްތިލަބަޑި ޖަހއިލާފައި ތެދުވެ އަހަރެންގެ ދެ ކޮލުގައި ބޮސްދީފައި، އަނެއްކާވެސް މޭ މަތީގައި އޮށޯތެވެ.
ޓީވީ ހުޅުވައިދެންތޯ ސުވާލު ކުރީމެވެ.
އަމިއްލައަށް އެކަން ކޮށްލިޔަސް އަހަރެންގެ މައްސަލައެއް ނެއްތޯ، ބީނިޝް ސުވާލުކުރި އެވެ. ފުރިހަމަ ހުއްދައާއެކު ޓީވީ ރިމޯޓްވެސް ދިނީމެވެ. ބީނިޝްގެ ހާއްސަ ސިފަތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް ސިފައަކީ މިއީ އެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރީން، އިޒުނަ ހޯދުމުގެ އާދަ އެވެ. މި އާދަ ބަދަލުކުރާން އަހަރެން ބޭނުމެއްވެސް ނޫނެވެ. ދިރިއުޅުމުގެ ހުރިހައި ހިސާބަކުންވެސް އެ ސިފަ މުހިއްމުވާނެތީ އެވެ.
ޗެނަލްތަށް ބަލަމުންގޮސް، ޓީވީ ހުއްޓުވާލީ ދައްކަމުންދިޔަ އިންޑިޔާގެ ރިއަލިޓީ ޝޯވ އަކަށެވެ.
ފެންނަ ފެނުމަށް އެއީ ކުޑަކުދިންގެ ޝޯވއެއް ނޫންކަމަށް އަހަރެން ބުނީމެވެ.
"ހޫ އިޒް ކިޑް؟" ކުޑަކުޑަ ބީނިޝް ސުވާލުކުރި އެވެ.
"ޔޫ" އަހަރެން ބުނީމެވެ.
"ނޯ ނޯ އައި ނޯ ކިޑް، އައި އެޑަލްޓް!" ބޯ ދެފަރާތަށް ތަޅުވާލާފައި، ޔަގިންކަމާއެކު ބީނިޝް ބުންޏެވެ. އިހްތިޔާރަކާއި ނުލައި ހިނިތުންވެވުނެވެ. ކިތަންމެ ވަގުތެއް ބީނިޝްއާއެކު ހޭދަކުރާން ޖެހުނަސް ފޫހިނުވާނެކަން ޔަގީންވި އެވެ.
މިފަހަރުވެސް އަހަރެންގެ ޕްރިންސެސްއާއި އެއްބަސްވުން ނޫން ގޮތެއް ނެތެވެ.
ޖެހިގެން އައި ގަޑި ދެ ގަޑީރު ވަންދެންވެސް ބީނިޝް އަހަރެންގެ މޭމަތީގައި އޮތީ ޓީވީ ބަލާށެވެ. ކާން ގެންގުޅުނު ނަޓްސް ޕެކެޓް ދިނުމުން، މަޑުމަޑުން އޮވެގެން ކައިލައިފި އެވެ.
އަހަރެން ކުރަމުންދިޔަ މަސައްކަތަށް ކުޑަވެސް ހުރަހެއް ނެތެވެ. އުނދަގޫ ކުރުމެއް، ނުވަތަ އިރުއިރުކޮޅުން ޓިވީ އަޑު ގަދަކުރުމާއި ޗެނަލް ބަދަލުކުރުން ނުވަތަ އަޑު މަޑުކުރުމެއްވެސް ނެތެވެ.
އިންތިހާއަށް މި ދަރިފުޅުދެކެ އަހަރެން ލޯބިވާ ގިނަ ސަބަބުތަކުގެ ތެރެއިން މިއީ އެންމެ ހާއްސަ އެއް ސިފަ އެވެ. މާ ޝާ ﷲ ބަސްއަހައި ކިޔަމަންތެރި ދަރިއެކެވެ.
އަހަރުމެން ދެމީހުންގެ 'މަސައްކަތުގެ' ވަގުތުތަށް ދިޔައީ ދިގުވަމުންނެވެ.
ލޮޅުމެއް އެރީ ދޮރުގައި ޓަކި ޖަހައިލި އަޑަށެވެ.
ވަނުމުގެ ހުއްދަ ދިނުމުން މަޑުމަޑުން ދޮރު ހުޅުވާލި އެވެ.
ދޮރުމަތީގައި ހުރީ ކައިރާ އެވެ.
"ބީނިޝް" މަޑުމަޑުން ކައިރާ ގޮވައިލި އެވެ.
އެތެރެއަށް ވަނުމަށް އަހަރެން އެދުނީމެވެ.
މަޑުމަޑުން ކައިރާ އެތެރެއަށް ވަދެ، ކަޅި ހިނގާލިތަނާ ބީނިޝް ފެނުނެވެ. އޭނާގެ ދެ ލޮލުގެ ނުތަނަވަސްކަން ފަނޑުވެ އަމާންކަން ވެރިވިތަން ދުށީމެވެ.
އިށީނުމަށް އެދި، އެނދުން ޖާގަ ދެއްކީމެވެ. ނަމަވެސް އިށީނުމަށް ކައިރާ އިންކާރުކުރި އެވެ.
"ކައިރާ، އިށީންދޭ.. ޕްލީޒް" އަހަރެންގެ އާދޭހަށް އޭނާ އިށީނެވެ. ފައިލާކޮޅުން ކުޑަކުޑަ ޖާގައެއްގައި އެވެ.
ކައިރާ ފެނުމާއެކު ބީނިޝްގެ ހިނިތުންވުން ބަބުޅާލި އެވެ.
"މަންމާ" ވަރަށް ލޯބިން ގޮވައިލި އެވެ.
"ދަރިފުޅު ގާތުގައި މަންމަ ބުނީމެއްނުން އެކުދިންނަށް ޑިސްޓަރބް ނުކުރައްޗޭ" މަޑުމަޑުން ކައިރާ ބުނެލީ، އޭނާގެ ދަރިފުޅުގެ ސަބަބުން އަހަރެންންގެ 'މިނިވަންކަމަށް' ތުރާލެއް ލިބުމަށް ނޭދޭތީ އެވެ.
"ބީނިޝް ނޯ ޑިސްޓާބިންގ..އައި އާސްކް ފޯ ޕާމިޝަން" އަހަރެންގެ މޫނަށް ބަލައިލާފާއި ބީނިޝް ބުންޏެވެ. އޭނާއާއި އެއްބަސްވުމަށް އެ ކުޑަކުޑަ ނަފުސު އަހަރެންގެ ކިބައިން އެދެނީކަން ޔަގީނެވެ.
"ކައިރާ، ހަމަޖެހޭ! މިއީ އެއްވެސް ކަމެއް ނޫން.. މި ކޮޓަރިއަށް ބީނިޝް ވަނީ އަހަރެންގެ ހުއްދަ ލިބިގެން.. މި އެނދަށް އެރީވެސް، އަހަރެން ގާތުގައި އޮށޯތީވެސް ހުއްދަ ހޯދައިގެން.. މާ ޝާ ﷲ، ބީނިޝްއަކީ ވަރަށް ލޯބިކުއްޖެއް.." ފަހުބައި އަހަރެން ބުނެލީ ބީނިޝްގެ ދެ ލޮލަށް ބަލައިލާފައި އޭނާއަށް ހިތްވަރުދެމުންނެވެ.
"ބޭބެ ކައިރިއަށް އަބަދު އައިސް އުޅުނަސް، މާލިކްގެ ގާތަށް އިރުއިރުކޮޅާ ބީނިޝް އައުން އެހައި ރަގަޅެއް ނުވާނެއްނުން.." އަހަރެން މަސައްކަތްކުރަން ގެންގުޅުނު ލެޕްޓޮޕްއަށް ބަލައިލާފައި ކައިރާ އެބުނި ޖުމުލަ ވަރަށް ރަގަޅަށް ވިސްނުނެވެ.
"އެ ކީއްވެ؟" ސުވާލުކުރީ ސީދާ ޖަވާބު އަޑުއަހަން ބޭނުންވެގެންނެވެ.
"މިހެން އުޅެއުޅެ ބޭބެ ހުންނާނީ ބީނިޝްގެ މިޒާޖަށް ހޭނިފައި.. ބޭބެއާއި އެއްކޮށް އުޅެން ބީނިޝްއަށްވެސް ހުންނާނީ ފަރިތަވެފައި.." އިސްޖަހައިލާފައި ކައިރާ ބުނެލި އެވެ.
ބީނިޝްއާއި ދިމާއަށް އަހަރެން ބަލައިލީމެވެ. ޝައުގުވެރިކަމާއެކު ޓީވީ ޝޯވ ބަލަން އޮތެވެ.
ކުރިންވެސް އަހަރެން ބުނެފައިވާ އެއްޗެއް ތަކުރާރުކޮށްލުމުގެ މުހިއްމުކަން ވިސްނުނެވެ. އަހަރެންގެ ފަރާތުން ބީނިޝްއަށް އެއްވެސް ނުރައްކަލެއް ނޯންނާނެކަމެވެ. އަހަންނާއެކު ވަގުތު ހޭދަކުރުމަށް ބީނިޝް އައުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމެވެ. އަދި އަހަރެންގެ ގާތުގައި ބީނިޝް ވުމުން، އެކަނިވެރިކަން ފިލައި ހިތްހަމަޖެހުން ލިބޭކަމަށްވެސް ބުނީމެވެ.
އަހަރެންގެ ވާހަކައަށް ކައިރާ ދެކޮޅެއް ނުހަދަ އެވެ. އެއްބަހެއްވެސް ނުވެ އެވެ. އެކަމަކު އޭނާގެ ޕޮއިންޓް ބާރުގަދަ ކުރެވޭތޯ އިތުރަށްވެސް މަސައްކަތް ކުރި އެވެ. ކުޑަކުއްޖަކަށް ވުމުން ބައެއް ފަހަރުނަމަވެސް ބީނިޝްގެ ހައްދު އޭނާއަށް ނޭގޭތީ، އެހެން މީހުންނަށް އުނދަގޫވާން ނޭދޭކަމަށް ކައިރާ ބުންޏެވެ.
އަނެއްކާވެސް ކައިރާ ބުނެލީ އަހަންނާއި ފަހަދުގެ ތަފާތު ބީނިޝްއަށް އެނގެން ޖެހޭނެ ކަމަށެވެ. އަހަރެންގެ ނާރުތަކުގައި ލޭހިނގުން ތަގައްޔަރުވީ އެހިސާބުންނެވެ.
އެކަމަކު ކުޑަކުޑަ ނަފުސެއް އަހަރުމެން ދެމީހުންގެ ދެމެދު ވަނިކޮށް މިވަގުތު މި މައުލޫ ކުރިއަށް ގެންދިއުން ރަގަޅެއް ނޫނެވެ.
"މި ވަގުތަށް، މި މައުލޫ ނިންމާލާ.. މި ވާހަކަ އަހަރުމެން ކުރިއަށް ގެންދާނީ އެހެން ފަހަރަކުން" އަހަރެން ބުނެލީމެވެ. ރާގު ބަދަލުވެއްޖެކަން ކައިރާއަށް އެނގޭނެ އެވެ.
"މިކަމުގައި ދައްކާނެ މާ ބައިވަރު ވާހަކައެއް ނެތް!" ރާގު ބަދަލުކޮށްލާފައި އޭނާވެސް ބުންޏެވެ.
ފާޅުގައި އަހަރެން ދެކޮޅު ހެދީމެވެ. މި މައުލޫގައި ދައްކަންޖެހޭ ބައިވަރު ވާހަކަ އެބަހުރިކަމަށް ބުނީމެވެ.
"ވަރަށް އިހްތިރާމައެކު ބުނަން، ބީނިޝްއަކީ އަހަރެންގެ ދަރިފުޅު.. އޭނާއަށް އެންމެ ރަގަޅު ގޮތް އިނގޭނީ އަހަންނަށް!" ކައިރާގެ އެ ޖުމުލައާއެކު އަހަރެންގެ ކޯ ކަށިގަނޑަށް ބާރުކޮށްލެވުނެވެ. އެކަމަކު ނަފުސު ކޮންޓްރޯލް ކުރީމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;