އޭނާގެ އުފެއްދުންތެރި ކުންފުނި ޓްރިމޫރްތީ ފިލްމްސް މެދުވެރިކޮށް ކުރި މި ދައުވާގައި ރަޖީވް ވަނީ، އޭނާގެ ފިލްމުގެ މަގުބޫލުކަން ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ބުނެ އަދިތްޔާ ދާރްގެ ފިލްމީ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރަޖީވް ވަނީ ފިލްމުގެ އުފެއްދުންތެރިންނަކީ "ވައްކަން ކުރާ ބަޔެއް" ގެ ގޮތުގައި ސިފަކޮށްފައެވެ.
މި މައްސަލައިގައި ރަޖީވް އެދިފައިވަނީ "ދުރަންދަރު 2" އިން އެ ލަވަ ވަގުތުން އުނިކުރުމަށާއި، ހުއްދަނެތި ލަވަ ބޭނުންކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. މީގެ އިތުރުން މިކަމަށް އާންމުކޮށް މައާފަށް އެދުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ. ރަޖީވް ވިދާޅުވީ ފިލްމު ސިނަމާތަކުގައި ދެއްކި އިރު އެ ލަވަ ބޭނުންކޮށްފައި ހުރިކަން އެނގުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށާއި، މިއީ އެއްވެސް ގޮތަކަށް މައާފު ކުރެވޭނެ އަމަލެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"ދުރަންދަރު 2" އަކީ ރަންވީރު ސިންގް މުހިންމު ރޯލަކުން ފެންނަ، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ ފިލްމެކެވެ. ނަމަވެސް މި ގާނޫނީ މައްސަލައާ ގުޅިގެން ފިލްމުގެ އުފެއްދުންތެރިން ކަމަށްވާ ޓީ-ސީރީޒް އާއި ލޯކޭޝް ދާރް އަދި ޖޯތީ ދޭޝްޕާންޑޭއަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. ރަޖީވް ވިދާޅުވީ މިއީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫން ކަމަށާއި، މިއީ އޭނާގެ މަސައްކަތާއި އޭނާގެ ފިލްމުގެ އަގު ހިފެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ކޯޓުން މިކަމަށް އިންސާފުވެރި ނިންމުމެއް ނިންމާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;