އެ ބޭންކުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރުފިޔާ ކާޑަށް ލިބެމުން ދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުންދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން އެ ލިމިޓް އެހެން ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.
އެހެންވެ ދެމެހެއްޓެނެވި ގޮތެއްގައި އެ ހިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށް ދިނުމަށް އިސްކަން ދިނުމުގެ ގޮތުން ބައެއް ވިޔަފާރި ސައިޓުތަކުން ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާކަމަށް އެމްއައިބީން ބުންޏެވެ.
އަދި މި ނިންމުމާ ގުޅިގެން އީ-ކޮމާސް ސައިޓުތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނީ ބަދަލު ގެނައި ނަމަވެސް ބައެއް ވިޔަފާރި ސައިޓުތައް ފިޔަވާ ކަސްޓަމަރުން އާންމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި، ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި، ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ހަރަދުތަކަށް 250 ޑޮލަރު ލިމިޓް ބޭނުން ކުރެވޭނެ ކަމަށެވެ.
އެ ބޭންކުން ބުނި ގޮތުގައި މި ނިންމުން ނިންމި ސަބަބަކީ މި ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބޭންކުން ވަނީ މައާފަށް އެދިފަ އެވެ.
ބޭރު ފައިސާ ލިބުމުގެ ދަތިކަމާ ހެދި އެހެން ބޭންކުތަކުން ވެސް ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ވަނީ ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;