"ވަރަށް އިހްތިރާމައެކު ބުނަން، މިއީ ބީނިޝްގެ މަންމަ.. އެ ދަރިފުޅަށް އެންމެ ރަގަޅު ގޮތް އިނގޭނީ އަހަންނަށް!" އެތައް ޖަޒުބާތެއް ހިމެނުނު ޖުމުލައެކެވެ. އޭނާގެ އެ ޖުމުލައާއެކު އަހަރެންގެ ކޯ ކަށިގަނޑަށް ބާރުކޮށްލެވުނެވެ. އެކަމަކު ނަފުސު ކޮންޓްރޯލް ކުރީމެވެ.
"ވަރަށް ރަގަޅު ވާހަކައެއް! އެކަމަކު ބުނަން، ހަގީގަތެއް ނެތި، މާ ކަންތައްގަނޑު ބޮޑުކުރުމުގެ ބޭނުމަކީ ކޮބާ؟" ހިތަށް އައި ގޮތަށް އަހަރެން ބުނެލީމެވެ.
"މިއީ ކަންތައްގަނޑު ބޮޑުކުރުމެއް ނޫން!" ތުހުމަތަށް އޭނާ އިންކާރު ކުރި އެވެ.
"މިއަށްވުރެން ބޮޑު ތެދެއް ކައިރާއަކަށް މިއަދު އަޑެއް ނީވޭނެ!" އަހަރެންވެސް ގޮތް ދޫކުރާކަށް ނެތީމެވެ.
"ދަރިފުޅާ ބީނިޝް، އާދޭ ގެއަށް ދާން!" ދެ ބުމަ ގޮއްޖަހައިލާފައި، ކައިރާގެ އެ ބުނުމަށް އަހަރެން ގާތަށް އައީ ހިންޏެވެ.
އަހަރެންގެ މޭމަތީގައި އޮތް ބީނިޝްއަށް ކަހެރުވަކެކޭވެސް ހީނުވެ އެވެ. ގުޑައިވެސް ނުލައި އޮތީ ޓީވީ ބަލާށެވެ. ޗޮކެއް ކަނޑާލާފައި ކައިރާގެ މޫނަށް އައިރެން ބަލައިލީމެވެ. ޖަންބުކުލައިން ރަތްވަމުންދިޔަ މޫނު ވަރަށް ހިތްގައިމެވެ. ރުޅިއައިސް ފުފެމުން ދިޔައިރުވެސް ތާޒާ މިނިފެންމަލެކޭ އޭނާއެކޭ ތަފާތެއް ނެތެވެ.
"ބީނިޝް!" އަޑަށް ކުޑަކޮށް ބާރުލާފައި މަޑުމަޑުން ކައިރާ ގޮވައިލި އެވެ. ބީނިޝްގެ ސަމާލުކަން ހޯދުން މިވަގުތަށް ކައިރާއަށް ވަރަށް މުހިއްމުކަން ޔަގީނެވެ.
"ހޫމްމްމމ.. ޔެސް، މަންމާ؟" އެތަނުގައި ހޫނު ބަހުސެއް ހިނގިކަމުގެ ލިސާނެއްވެސް ނެތެވެ. ވަރަށް ހަމަޖެހިލާފައި އަހަރެންގެ މޭމަތިން ތެދުވެ، އެނދުގެ އަރިމަތީގައި، އަހަރެންގެ ގާތުގައި އިށީނެވެ.
"ހިނގާ ދާން" ކައިރާގެ އަތް ދިއްކޮށްލާފައި ބުނެލި އެވެ.
"އައި ލައިކް ހިމް!" އަހަރެންގެ މޫނަށް ބަލައިލާފައި މައުސޫމް ގޮތަކަށް ބުނެލި އެވެ.
ލޮލާއި ހަމައަށް ހިނިތުންވުން ދަތުރުކުރުމަށް ސިކުންތެއްވެސް ނުނެގި އެވެ.
"އައި ލައިކް ޔޫ ޓޫ ކަޕްކޭކް!" ބީނިޝްގެ ކުދި ދަތްތަށް ދައްކާލާފައި ހީލި އެވެ.
"ގެއަށް ހިނގާބަލަ، ދަރިފުޅާ ބީނިޝް!" އާދޭސްކޮށްފައި ކައިރާ އެދުނީ އޭނާއާއެކު ބީނިޝް ދިއުމަށެވެ. އެކަމަކު މި ކުޑަކުޑަ ދަރިފުޅުގެ މައުސޫމްކަން އިންތިހާ އެވެ.
"ގްރްރރްރްރރ.. އޯކޭ މަންމާ! އުމްމްމް މަންކީ، ގުޑް ނައިޓް! އައި ވިލް މިސް ޔޫ!" އަހަރެންގެ ކޮލުގައި ވަރަށް ލޯބިން ބޮސްދެމުން ބީނިޝް ބުނެލި އެވެ.
ދިރިހުރި އިންސާނެއްގެ ހިތް އުފަލުން ނަށާލާނެ ގޮތް އިހްސާސް ކުރެވޭނީ އެ ހިތްގައިމު ހިނދުކޮޅު ދުވަހަކުވެސް އިހްސާސްކޮށްފައި ވާނަމަ އެވެ.
ލެޕްޓޮޕް ދުރަށް ޖައްސާލާފައި އަހަރެން ހަމަޖެހިލީމެވެ. އަދި ބީނިޝް ގެނެސް ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލީމެވެ. އެ ދަރިފުޅުގެ ދެ ކޮލާއި މޫނުގެ އެތަން މިތަނުގައި ބޮސްދިނީމެވެ.
"ގުޑްނައިޓް ކަޕްކޭކް! އައި ވިލް މިސް ޔޫ ޓޫ! ގިވް މީ އަ ކޯލް، އޯކޭ!" އަހަރެންނަށް ގުޅައިލުމަށް ދައުވަތު ދެވުނީ ކީއްވެކަމެއް ނޭގެ އެވެ.
ބީނިޝް ދިއުމުން އެކަނިވެރިކަން ނޫން އެހެން އިހްސާސެއް އަހަރެންނާއި އެކު ނުވާނެކަން ޔަގީނެވެ. އެކަމަކު ބީނިޝް ބޭނުންވެއްޖެނަމަ، ގުޅާލުމަށް އެދެވުނީ ހިތުގެ އެންމެ އަޑިންނެވެ. ކޮންމެއަކަސް އެކަމުގެ އިޒުނަ ދެވިއްޖެ އެވެ.
"ކޯލް؟" މަންމައާއި ދަރިފުޅު އެކުއެކީގައި އަހަރެންގެ މޫނަށް ބަލައިލި އެވެ.
"ޔެސް، ކޯލް!" އަހަރެންގެ ބަސް ވަރުގަދަކޮށްލީމެވެ.
"އޯކޭ، ޓުމޯލޯ އައި ވިލް ބްލިންގ ޔޫ ކުކީސް!" ޓާޓާ ކިޔާލާފައި ބުނެލި އެވެ.
"އިންތިޒާރު ކުރާނަން!" ބީނިޝް ބުރަކަށީގައި ފިރުމާލާފައި އަހަރެން ބުނީމެވެ.
އަހަރެންގެ އަތުތެރެއިން، ކިއާރާގެ އަތުތެރެއަށް ދެމިގެންއިރު އާފުރެން ފަށައިފި އެވެ. ޓާޓާ ކިޔާލާފައި ކޮޓަރިން ނިކުތުމުގެ ކުރީން ކިއާރާގެ ކޮނޑުމަތީގައި އޮވެ، ދެ ލޯ މެރެން ފަށައިފި އެވެ.
މުޅި ރޭ އަހަރެން ހޭދަކުރީ ފަހަދުއާއެކު އެވެ. އެކަމަކު އަހަރެންގެ ސިކުނޑީގައި 'ބީނިޝް' ނޫން އެހެން ހިޔާލެއް ނެތެވެ. އެއްވެސް އިންސާނަކާއިމެދު މި މިންވަރަށް އަހަރެން ދުވަހަކުވެސް ނުވިސްނަމެވެ. އެ ދަރިފުޅަށް ދުނިޔޭގެ ހުރިހައި އުފަލެއް ހައްގެވެ.
..................
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އޮފީހަށް ދާން ތައްޔާރުވެގެން ކޮޓަރިން އަހަރެން ނިކުތްއިރު، ފަހަދު ހުރީ ދެ މީހުންނަށް ސައި ހަދާފަ އެވެ. އަހަރެން ފެނުމާއެކު ހިނިތުންވަމުން ދުވަހުގެ ސަލާމް ރައްދުކޮށްލި އެވެ. އުފަލާއެކު އެ ސަލާމް ބަލައިގަނެ، އޭނާއަށްވެސް ދުވަހުގެ ހެޔޮ ދުއާ ރައްދުކުރީމެވެ. އެވޮކާޑޯ ޓޯސްޓް ނަގާފައި، އަނގަޔަށްލާން ހަރަކާތްކޮއްލި ވަގުތު، ބޭރު ދޮރުގައި ހިފައިލިހެން ހީވެގެން އަހަރެންގެ ސަމާލުކަން ހުއްޓުނީ އެ ދިމާއަށެވެ.
ކުއްލިޔަކަށް ދޮރު ހުޅުވާލައިފައި ދުވެފައި އެވަނީ ބީނިޝް އެވެ. މަޑު ނޫ ކުލައިގެ ޖީންސް ސޯޓަކާއި ހުދު ކުލައިގެ ޓީޝާޓް ކޮޅެއްގައި އެ ދަރިފުޅުގެ ފުރިހަމަކަން ނިހާޔަތަށް ފުރިހަމަ އެވެ.
"މަންކީކކކކ.." ނުހަނު ބާރަށް އަހަންނަށް ގޮވައިލީ ހިތްހަމަޖެހިގެންކަން ޔަގީނެވެ.
"ގުޑް މޯނިންގ ކަޕް ކޭކް" އުރާލާފައި އަހަރެންގެ އުނގުގައި ބޭންދީމެވެ.
ދުވަހުގެ ތަހުނިޔާ، އަހަރެންނާއި ފަހަދުއަށް ބީނިޝް ރައްދުކޮށްލީ މުޅި ދުވަސް އުޖާލާ ކޮއްދެމުންނެވެ.
"ގުޑް މޯނިންގ ގާރލް ފްރެންޑް!" ފަހަދުގެ ރަސްމީ ގޮތުގައި ބީނިޝްއާއި ސަމާސާ ކޮއްލި އެވެ.
"ޔޫ ނޯ ސްލީޕް އެޓް ނައިޓް؟" ފަހަދުގެ މޫނަށް ބަލައިލާފައި ބީނިޝް އަހައިލި އެވެ.
ރޭގައި ނިދިން ކަމަށް ބީނިޝް ގާތުގައި ފަހަދު ބުންޏެވެ. ސުވާލު ކުރަން ޖެހުނު ސަބަބާއިމެދުވެސް ފަހަދު ސުވާލު އުފެއްދި އެވެ.
ފަހަދުގެ ސުވާލަށް ބީނިޝްގެ ޖެހިލުންވުމެއް ނެތެވެ.
ދެ ލޯ ރަތްވެފައި އެ ހުރީ ކިއްވެތޯ ބީނިޝް ސުވާލު އުފެއްދުމުން ދެމީހުންގެ ބަހުސް ހޫނުވާން ހިނދުކޮޅެއްވެސް ނުނެގި އެވެ.
އަހަރެން އިހްތިޔާރުކުރީ ހިމޭންކަމެވެ. އެއްވެސް އެއްޗެއް ނުބުނެ އަޑުއަހަން އިނީމެވެ. ބީނިޝްގެ ތަހުގީގީ ސުވާލުތަކަށް ޖެހިލުންވަމުން ފަހަދު ދިން ޖަވާބުތަކުގެ މަންޒަރު ބެލުމަކީ މިހައި ޝައުގުވެރި ކަމެއް ކަމަށް ހީކުރެވިފައެއް ނެތެވެ. ރޭގަނޑު ލަސްވަންދެން ހޭލާ ނުހުރުމަށާއި ބީނިޝްއާއި، ބީނިޝްގެ މަންމަގެ ބަސް އަހައިގެން ކޮންމެ ރެއަކު ކުރިން ނިދުމަށް ފަހަދުއަށް ނަސޭހަތް ދިނީ، 'މާމަ'އެއް ފަދައިންނެވެ.
"ބީނިޝް، އައި ލަވް ޔޫ ޕްރިންސެސް" ދެމީހުންގެ ބަހުސް ހުއްޓުވާލާނެ ގޮތެއް އަހަރެން ހޯދަން ޖެހުނީ 'ބެސްޓް ފްރެންޑް'ގެ ދިފާއުގައި އެވެ. މި ދަރިފުޅުގެ މޫޑް ބަދަލުކޮށްލުމަކީ ނުހަނު ފަސޭހަ ކަމެކެވެ.
"އައި ލަވް ޔޫ ޓޫ" އަހަރެންގެ ކޮލުގައި މަޑުމަޑުން ބޮސްދެމުން ބީނިޝް ބުނެލީ ހިމޭންކަމާއެކު އެވެ. ހަމަ އެވަގުތު އެތެރެއަށް ވަނީ ކައިރާ އެވެ.
"ބީނިޝްއަށް ބަނޑުބޮޑު އިރު ކައިރާ ކެއީ ކޯންޗެއް؟ މިއީކީ އާދައިގެ ކަމެއް ނޫން..!" ދެ ލޮލުގެ ކަޅި އަނބުރާލާފައި ބޯ ދެފަރާތަށް ތަޅުވާލަމުން ފަހަދު ބުނެލި އެވެ.
އަހަރެން ގާތަށް ވަރަށް ހިނި އައެވެ. ކްރީމް ކުލައިގެ ޓޮޕް ކޮޅަކާއި ކާކީ ސްކާޓަކާއި އޮލިވް ގްރީން ޝޯލްގައި ކައިރާ ފެންނަނީ ވަރަށް ތާޒާކޮށެވެ. މިވަރުގެ ފުރިހަމަ އަންހެން ކުއްޖަކު އަހަރެން ނުދެކެމެވެ. ކައިރާއާއިމެދު އަހަރެންގެ ހިތާއި ނަފުސުގައި ކުރިލައި ހެދެމުން މިދާ އިހްސާސްތައް ކޮންޓްރޯލްކުރާނެ ފޮމިއުލާއެއް ބޭނުމެވެ. އެކަމަކު އަހަރެންގެ އިލްމުގައި އެކަމުގެ މައުލޫމާތެއް ނެތެވެ.
"ޗޮކްލެޓް!" ފަހަދުގެ ސުވާލަށް ޖަވާބު ދިނުމަށް ސިކުންތެއްވެސް ކައިރާ ބޭނުމެއް ނުވި އެވެ.
"މުސްކުޅި މާމަގަނޑެއް!"ބީނިޝްއާއި ދިމާއަށް ބަލައިލާފައި ޝަކުވާގެ ރާގުގައި ފަހަދު ބުންޏެވެ.
އަމިއްލަ ދިފާއުގައި ވަގުތުން ތެދުވި އެވެ. ބީނިޝްގެ ބޮޑު ދެ ލޯ ވައްކޮށްލުމުން ބިރުގަތީ ފަހަދު އެވެ.
"އައެމް ސޮރީ، އޯކޭ؟" އެހެން ގޮތެއް ނެތުމުން ފަހަދު މައާފަށް އެދުނެވެ.
"ގުޑް!" ހިނިތުންވެފައި ކުޑަކުޑަ ބީނިޝް ބުންޏެވެ.
ކުރިން ކުރެވުނު ބަހުސްގެ ތަފްސީލާއި ފަހަދު ރޭގަނޑު ނުނިދާ އުޅޭކަމުގެ ޝަކުވާ އެހިސާބުން ނިންމާލީއެއް ނޫނެވެ. ކައިރާއަށް މައްސަލަ ހުށަހަޅައި އިސްލާހް ވުމަށް ފަހަދުއަށް ނަސޭހަތް ދިނުމަށްވެސް އެނގި އެވެ. އަހަރެންގެ ހިނިގަނޑު ކޮންޓްރޯލް ނުވުމުން، ރުޅި އައީ ފަހަދު އެވެ.
"ބީނިޝް ދަރިފުޅާ، ބައެއް ފަހަރު ބޮޑެތި ކުދިން ބައެއް މަސައްކަތްތައް ކުރަން ރޭގަނޑު ހޭލާވެސް ތިބެންޖެހޭ ފަހަރު އަންނާނެ.. ފަހަދުބޭބެއަކީ ދަންވަރު މަސައްކަތްކުރަން ފަރިތަވެފައި ހުންނަ ކުއްޖެއްވީމައި ބައެއް ރޭރޭ އެހެންވެސް ދިމާވާނެ" ބީނިޝްއަށް ވިސްނައިދިނުމަށް ކައިރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.
ރޭގަނޑު އަވަހަށް ނިދަން ޖެހޭނެ ވާހަކަ މަންމަ ގާތުގައި ނުބުނަންތޯ، އަހަރެން ބީނިޝްއާއި ސުވާލުކުރީމެވެ. ޖަވާބު ދިނުމަށް ސިކުންތެއްވެސް ބޭކާރު ނުކުރި އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;