ads
އިނާ މޯލްޑިވްސްގެ ސީއީއޯ، މުހައްމަދު ފިރާގު
އަމިއްލަ ފައިދާއަށް ވުރެ ގައުމު އިސްކޮށް ޖެޓެކްސް ޑީލް ހުއްޓުވުނީތީ އުފާވޭ: ފިރާގު
މި ސަރުކާރުގެ ކުރީކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓް ޓާމިނަލާއި ސީއައިޕީ ލައުންޖް ދުބާއީގެ ޖެޓެކްސްއަށް ދިނުން ހުއްޓުވީ އަމިއްލަ ފައިދާއަށް ވުރެ ގައުމު އިސްކޮށްގެން ކަމަށާއި، އެކަން ހުއްޓުވުނީތީ މިއަދު އުފާވާކަމަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.
Advertisement

ޖެޓެކްސް ޑީލާ ގުޅޭ ވާހަކަތަކެއް މިދިޔަ އަހަރު ތެރޭގައި ދައުރުވި ނަމަވެސް، ފަހުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

އެކަމާ ބެހޭ ވާހަކަތައް ހިއްސާކުރައްވައި ފިރާގު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޖެޓެކްސް ޑީލް ކުރިއަށް ދިޔަ ނަމަ ގައުމަށް ލިބޭނެ ގެއްލުމާއި، އެނާ ޑީލާ ދެކޮޅަށް ކުރި މަސައްކަތް ހުއްޓުވުމަށް ފައިސާ ހުށަހެޅިކަން ފާހަގަކުރައްވާފަ އެވެ.

މިކަމާ ގުޅޭގޮތުން ފިރާގު މިއަދު "ސީއެންއެމް" އަށް ވިދާޅުވީ، ޖެޓެކްސްއަށް ޓާމިނަލް ދިނުމުގެ މަސައްކަތް ކޮށްފައިވަނީ މި ދައުރުގެ ކުރީކޮޅުގައި ކަމަށާއި، އެކަމުގައި އިސްކޮށް އުޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ކަމަށެވެ.

ފިރާގު ވިދާޅުވި ގޮތުގައި އެ ޑީލް ހުއްޓުވަން މަސައްކަތްކުރެއްވީ އެއީ ސަރުކާރަށާއި ގައުމަށް ވެސް ރަނގަޅު ކަމަކަށް ނުވާތީ އެވެ. އެގޮތުން ސަރުކާރުގެ އެކި ވުޒާރާތަކާއި ކަމާ ގުޅޭ އެކި ފަރާތްތަކަށް އެކަމުގެ ނުރައްކަލާއި ލިބޭނެ ގެއްލުން ހިއްސާކުރެއްވުމުން ފަހުން އެ ޑީލް ކުރިއަށް ނުގެންދަން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުގައި ޖެޓެކްސްއަށް ޓާމިނަލް ދިނުމުގެ ކަންތައްތައް ހަމަ ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ގޮސްފަ އޮތީ. އަޅުގަނޑުމެން ވެސް މި ދާއިރާގަ އުޅޭތީ ތަޖުރިބާއާ އެކީގަ، އޭގެ ހުރި ނުރައްކަލާ ލިބޭނެ ގެއްލުމުގެ ވާހަކަ ދައްކައިގެން ސަރުކާރުން ނިންމެވީ އެކަން ކުރިއަށް ނުގެންދަން." ފިރާގު ވިދާޅުވި އެވެ.

މިދިޔަ އަހަރު ޖެޓެކްސް ޑީލާ ގުޅޭ ގޮތުން ވާހަކަތައް ފެންމަތިވެފައި ވަނިކޮށް، ދުބާއީގެ ކުންފުންޏާ އެކު އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި، އެކަން ކުރަން މަސައްކަތް ނުކުރާ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު އެމްއޭސީއެލްއިން ބުނެފައިވެ އެވެ. ނަމަވެސް ފިރާގު ވިދާޅުވީ އެ ޑީލްގެ މަސައްކަތް އޭރު ކުރިއަށްދިޔަ ކަމަށާއި، އެކަން ފިނޭންސް މިނިސްޓަރަށާއި އެމްއޭސީއެލްގެ އޭރުގެ ބޯޑު މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން ޑީލް ނިންމުމަށްޓަކައި ޖެޓެކްސްގެ ބޭފުޅުން ރާއްޖެ އައިސް ޓާމިނަލް ބަލައި، ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުވެސް ކުރެއްވި ކަމަށް ފިރާގު ވިދާޅުވި އެވެ. ޖެޓެކްސްއަކީ ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށް ވުމުން، އެ މައުލޫމާތު ފުރަތަމަ އެނގުނީ އެ ކުންފުނީގެ އިސް ބޭފުޅުންގެ ފަރާތުން ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

"އޭރު އެ ވާހަކަތައް ކުރިއަށް ގެންދިޔަ ހަމަ ބަރާބަރަށް. އަޅުގަނޑުމެން އޭތި ޕަބްލިކް ކުރީމަ އެ ހިސާބުން އެ ބޭފުޅުން ހުއްޓާލީ އެކަންތައް. ހަމަ ޖެޓެކްސް މީހުން މިކޮޅަށް އައިސް ޓާމިނަލް ބަލައި ބައްދަލުކޮށް ހެދި." ފިރާގު ވިދާޅުވި އެވެ.

ފިރާގު އިތުރަށް ވިދާޅުވީ އެ ޑީލާ މެދު ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލަން ފެށުމުން، އެކަން ނުކުރުމަށް ޝަރުތުކޮށް ޖެޓެކްސްގެ ފަރާތުން ހުށަހެޅުމެއް ލިބުނު ކަމަށާއި، ނަމަވެސް އަމިއްލަ ފައިދާއަށް ވުރެ އިސްކުރީ ގައުމު ކަމަށެވެ. އެގޮތުން އެ ޑީލް ހުއްޓުވުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަން ހުއްޓުވުނީތީ މިއަދު ވަރަށް އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތް ކުރެއްވުމުން ބޯޑުގެ މެންބަރުންގެ ހިތްހަމަނުޖެހުން އޮތް ނަމަވެސް އެކަމާ ފަރުވާލެއް ނެތް ކަމަށް ފިރާގު ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން އެ ޑީލް ކުރިއަށް ގެންދަން މަސައްކަތް ނުކުރާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެ މަސައްކަތް ހުއްޓާލީ އެކަމުގެ ސަބަބުން ލިބޭނެ މާލީ ގެއްލުމުގެ ވާހަކަ ތަފްސީލީ ގޮތެއްގައި ދައްކައި އެކަމާ ދެކޮޅަށް ކުރެއްވި މަސައްކަތުން ކަމަށް ފިރާގު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ވާހަކަ ނުފެތުރި ނަމަ އެކަން އިންނާނީ ވެފަ. ވިޔަފާރިއެއް ކުރާއިރު އޭގެ ރިސްކް އެނަލައިޒްކުރާނެ، މިސާލަކަށް ކާކުތޯ މީގެ ތްރެޓަކީ. އަޅުގަނޑު ޕަބްލިކަށް މީތި ބްލޯކުރަން ފެށީމަ، ކޮންމެވެސް ކަހަލަ އޮފާއެއް ދީގެން ވެސް ބުނާނެ މިކަން ކުރެވޭތޯ ބަލާދޭށޭ." ފިރާގަށް ލިބުނު ހުށަހެޅުމާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ޓާމިނަލެއް ބޭރުގެ ފަރާތަކަށް ދޭން އުޅޭ ކަމުގެ އަޑު ފެތުރުމުން، އެކަމުގެ ކަންބޮޑުވުން ވެސް އޭރުގެ ނައިބު ރައީސް އަހްމަދު އަދީބާ ހިއްސާ ކުރައްވައި، އެކަން ވިޔަ ނުދެއްވުމަށް އެދިވަޑައިގެންނެވި ކަމުގައި ފިރާގު ފާހަގަކުރެއްވި އެވެ.

ފިރާގު އިތުރަށް ވިދާޅުވީ ޖެޓެކްސް ޑީލް ކުރިއަށް ދިޔަނަމަ، ގިނަ އަދަދެއްގެ ޖެޓް މޫވްމަންޓްތައް ގެއްލުމާއި، ބޮޑު އަގުގައި ތެޔޮ ވިއްކުމުގެ އިތުރުން، ސީއައިޕީ ލައުންޖުން ލިބޭ އާމްދަނީ ގެއްލުން ފަދަ ކަންކަން ކުރިމަތިވީސް ކަމަށެވެ. އެހެންކަމުން، ހިމޭނުން ހުންނަވައިގެން ލިބެން އޮތް އަމިއްލަ މަންފާއަށް ނުބަލައި އެކަން ހުއްޓުވުނީތީ އާއި، ޖެޓްތައް ރާއްޖެ އައިސް އެކަމުން މިހާރު ގައުމަށް ލިބޭ ފައިދާގެ ވާހަކަ އިވުމުން ނުހަނު އުފާވާ ކަމަށް ފިރާގު ވިދާޅުވެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;