ads
ދަރިފުޅު - 10 ވަނަ ބައި
އެޕިސޯޑް 10
Advertisement

ރޭގަނޑު އަވަހަށް ނިދަން ޖެހޭނެ ވާހަކަ މަންމަ ގާތުގައި ނުބުނަންތޯ، އަހަރެން ބީނިޝްއާއި ސުވާލުކުރީމެވެ. ޖަވާބު ދިނުމަށް ސިކުންތެއްވެސް ބޭކާރު ނުކުރި އެވެ.

"ނޯ"

"ކީއްވެ؟"

"އައި ނޯ ނޯ" 

ބީނިޝްގެ ޖަވާބުތަކާއި ޖަވާބުތައް ދިނުމުގައި އޭނާގެ ލޮލާއި ތުންފަތާއި މޫނަށް ގެންނަ ހަރަކާތްތައް އިންތިހާއަށް ލޯތްބެވެ.

މަންމައަކީ ބޮޑު ކުއްޖަކަށް ވާތީ، މަންމަ ގާތުގައި ނުބުނަނީ ކަމަށް ބީނިޝް ބުންޏެވެ.

"ބީނިޝް ދަރިފުޅާ، މަންމަ ކައިރިއަށް އާދޭ! މާލިކްގެ އޮފީސް ގަމީހާއި ފަޓުލޫނު ހަޑިވެދާނެ" އަހަރެންގެ ސީރިއަލް ތަށިން ބީނިޝްއަށް އެތިކޮޅެއް ލެވުމުން ކައިރާ ބުންޏެވެ. އަހަރެންގެ މޭގައި ބޮނޑިވެލާފައި ބީނިޝް، އިޝާރާތްކުރީ އަހަރެންނާއި ދުރަށް ދާން ބޭނުން ނޫން ކަމެވެ.

"އެއްވެސް ކަމެއް ނޫން.. މާބޮޑަށް ހާސްނުވޭ" ކައިރާއަށް ބަލައިލާފައި އަހަރެން ބުނީމެވެ.

"ދެންމެ އެ އައީ ސައިބޮއެގެން.. މާލިކްގެ ގަޔަށް މިލްކް އެޅިދާނެ.." ހާސްވެފައި ކައިރާ ބުންޏެވެ.

އަހަރެން ބީނިޝްއަށް މި ލަވަނީ، އޭނާއަށް ކާންދޭ ހިތުންނެވެ. ބީނިޝް އެ ކަނީ މަޖުބޫރަކުން ނޫނެވެ. އަހަރެންގެ ނާސްތާގައި ބީނިޝް ބައިވެރިވީ، އަހަރެންގެ އަތުން ކާ ހިތުން ވަރަށް ލޯބިން ނެވެ. އެކަން ކައިރާއަށް ވިސްނައިދިނީމެވެ.

"މާލިކް، މިރޭ އަހަރެން ގެއަށް ނާންނާނަން އިނގޭ.. އައު ޕްރޮޖެކްޓުގެ ސައިޓްތަކަށް މިއަދު ދާންޖެހޭތީ އޮފީސް ނިންމާލާފައި ގެއަށް ނައިސް އަހަރެން ދާނީ ރިސޯޓަށް.." ފަހަދުގެ ތާވަލު އޭނާ ބުނެދިނެވެ. 

"ކައިރާ، އަހަރެންގެ މާދަމާގެ ތާވަލުގައި އެއްވެސް މުހިއްމު ކަމެއް އެބައޮތްތަ؟" ފަހަދު ސުވާލުކުރީ ކައިރާއާއި އެވެ. ފަހަދުގެ ހުރިހައި ކަމެއް ނުހަނު ފުރިހަމައަށް ބަލަހައްޓަނީ ކައިރާ އެވެ.

"ނޫން.. ބައެއް ޕްރެޒެންޓޭޝަންތަކާއި، އިމާރާތް ތަކަށް ގެނެވުނު ބަދަލުތަކުގެ ޑިޒައިންތައް ދިރާސާކޮށްލުން އެބަ އޮތް" ޖެހިލުމެއް ނެތި ކައިރާ މައުލޫމާތި ދިނެވެ. އޭނާގެ ޔަގީންކަމާއި އެކަމަށް އޭނާ ތައްޔާރުވެފައިހުރި ގޮތް އަހަންނަށް ވަރަށް ކަމުދިޔަ އެވެ.

"އަހަރެންނާއެކު މިއަދު އޮފީހަށް ދާނަންތަ؟ ނޫނީ ގޭގައި މަޑުކުރާނީތަ؟" ފަހަދު ސުވާލުކުރީ ކައިރާ އާއި އެވެ.

"މައްސަލައެއް ނެތިއްޔާ، ބީނިޝްއާއެކު ގޭގައި މަޑުކޮށްލަން ބޭނުމީ" ފަހަދުގެ ހުއްދަ އޮތްނަމަ، ކައިރާ ބޭނުންވާ ގޮތް އޭނާ ބުންޏެވެ. 

ގޭގައި މަޑުކުރުމުގެ ހުއްދަ، ފަހަދު ދިނުމުން ކައިރާގެ މޫނުމައްޗަށް ވެރިވި އަމާންކަމާއި ލުއި ހިނިތުންވުން އަހަރެން ފާހަގަކުރީމެވެ.

"ނޯ ނޯ މަންމާ، އައި ގޯ ވިތް މަންކީ" އަހަރެންގެ ގައިގައި ބޮނޑިވެލާފައި ބީނިޝް ބުންޏެވެ

ބީނިޝް އެދުނު ހުއްދަ ނުދިނުމަށް ކިތަންމެ އުޒުރެއް ކައިރާ ދެއްކި އެވެ. ނަމަވެސް ބީނިޝް އެއްބަސް ކުރުވޭނެ މަގެއް ކައިރާއަކަށް ނުފެނުނެވެ. ތަކުރާރުކޮށް ބީނިޝް ބުނަމުންދިޔައީ އަހަންނާއެކު އޮފީހަށް ދާން ބޭނުންކަމަށެވެ.

"ކައިރާގެ މައްސަލައެއް ނެތިއްޔާ، އަހަރެންނާއެކު ބީނިޝް ދިއުމުގެ ހުއްދަ ދޭންވީނުން" ކައިރާގެ ހުއްދައަށް އެދުމަށް އަހަންނަށް ފަސޭހައެއް ނުވި އެވެ.

ނަމަވެސް ބީނިޝް އެދުނު ކޮންމެ ކަމެއް ކޮށްދިނުމަކީ އަހަރެންގެ އުފަލެކެވެ. ބީނިޝް، ގެންގޮސްފިނަމަ އަހަރެންގެ މަސައްކަތަށް ހުރަސް އެޅޭނެކަމާއި، ދިމާވެދާނެ ކިތަންމެ އުނދަގުލެއްގެ ވާހަކައިން ކައިރާ އުޒުރު ދެއްކި އެވެ. ކައިރާއާއި ދެކޮޅަށް އެއްވެސް ކަމެއް ކުރަން 'ހިތް' އިޒުނައެއް ނުދިނެވެ. ހަތިޔާރު ބަހަށްޓާން ޖެހުނީ އަހަރެންގެ ފަޅީންނެވެ.

ވަރަށް ހާއްސަ ހަދިޔާއެއް ގެނެސްދިނުމަށް ވައުދުވަމުން އަހަރެންނާއެކު ބީނިޝް ނުގޮސް މަންމަ ގާތުގައި ހުރުމަށް ނަސޭހަތް ދިނީމެވެ. ލިބޭނެ ހާއްސަ ހަދިޔާއަށްޓަކައި ނުހަނު ފަސޭހައިން އެ ދަރިފުޅު އެއްބަސްވެއްޖެ އެވެ. 

އިތުރު ވަގުތުކޮޅެއް ބީނިޝްއާއެކު ހޭދަކޮށްލުމަށް އަހަރެން ގަސްތުކުރީމެވެ. ބައެއް ވާހަކަދެއްކުމާއި އޭނާއާއިއެކު ކުޅެން އަހަރެން ވަގުތު ހޭދަކުރީމެވެ. އާފުރެން ފެށުމާއެކު އަހަރެންގެ ދެ އަތުގެ ތެރޭގައި ބީނިޝް ބޮނޑިކޮށްލާފައި ކޮނޑުމަތީގައި ބޭއްވީމެވެ. 

ސޯފާގައި އިށީންދެލައިގެން އިން ކައިރާގެ ހިމޭންކަން ފާހަގަކުރެވުނެވެ. އޭނާއާއި ގާތަށް ދިއުމުގެކުރިން ބީނިޝްގެ ބޮލުގައި އަހަރެން ބޮސްދިނީމެވެ.

އޭރު، ފަހަދު ދިޔަފަހުން އިރުކޮޅެއް ވެއްޖެ އެވެ.

ކައިރާއާއި ދާދި ގާތުގައި އިށީނީމެވެ.

"ކައިރާ" 

އަހަރެން ގޮވައިލުމުން ސީދާ އަހަރެންގެ ލޮލަށް އޭނާ ބަލައިލި އެވެ. ކުއްލިޔަކަށް ނިއްކުރިއަށް ރޫ އަރުވައިލެވުނެވެ. ކުރިން އަހަންނަށް ފާހަގަ ނުކުރެވުނީ ކީއްވެބާ އެވެ؟ ކައިރާގެ ދެ ލޮލުގެ ރަތް ކަމާއި ދުޅަކަން އިންސާނެއްގެ ހިތް ނުތަނަވަސްކޮށްލާހައި ނުރައްކަލެވެ.

"ފަސޭހައިން ކަންކަމަށް އިއުތިރާފްވުމާއި، އިހްސާސްތައް ހާމަކުރުމަކީ އަހަރެންގެ މިޒާޖުގައިވާ ސިފައެއް ނޫން.. އެކަމަކު ކައިރާ ގާތުގައި ބުނެލަން ބޭނުން.. ބީނިޝްއާއި ކައިރާ، އަހަންނަށް ވަރަށް މުހިއްމު! މިހެން ބުނާއިރުވެސް އިނގޭ، ތި ދެ މައިންނާއި އަހަރެން ބައްދަލުވީ އިއްޔެ! އެކަމަކު މި ވާހަކަ މި ބުނީ ހިތުގެ އެންމެ އަޑިން!" ވަރަށް މަޑުމަޑުން އަހަރެން ބުނީމެވެ. 

އަހަރެންގެ ބުނުމަށް ކައިރާ އެއްވެސް އެއްޗެއް ނުބުންޏެވެ. އާއެކޭ ބުނުމަށް ނުވަތަ އެކަން ގަބޫލުކުރުމަށް އޭނާ ހަރަކާތްކޮށްލީ ބޮލުންނެވެ.

"އަހަރެން މިވަގުތު މި ދަނީ އޮފީހަށް.. އަހަރެންގެ ކޮޓަރީގައި ބީނިޝް ބާއްވާލާނަން" ތެދުވަމުން އަހަރެން ބުނީމެވެ.

"ނޫނޭ.. މިވަގުތު ބީނިޝް ގެންދާނީ ގެއަށް" ކައިރާގެ ނިންމުމަށް އަހަރެން އެއްބަސްވީމެވެ.

ނިދިފައި އޮތް ބީނިޝް، ކައިރާއަށް ދެމުން އެ ދަރިފުޅުގެ ބޮލުގައި އަހަރެން ބޮސްދިނީމެވެ. ހަމަ އެސިކުންތުގައި ކައިރާނެ ނިއްކުރިއާއި ދިމާއަށް އަހަރެންގެ ތުންފަތް ގާތްކޮށްލެވުނީ ކީއްވެގެންކަން، އަމިއްލަ ނަފުސަށް ބުނެދޭންވެސް އަހަރެން ނުކުޅެދެ އެވެ. 

ކައިރާގެ ދެ ލޯ ބޮޑުވި މަންޒަރު ދުށީމެވެ. ވީގޮތެއް ނޭގުނެވެ. ކުއްލިޔަކަށް ދެ ފިޔަވަޅު ފަހަތަށް ނެގުނެވެ.

ތެޅިގަތްފައި އަހަރެންގެ ލެޕްޓޮޕް ދަބަހާއި ތަޅުދަނޑި ނަގައިގެން ގޭގެ ދޮރާއި ދިމާއަށް މިސްރާބުޖެހީމެވެ. ގެއިން ނިކުތުމުގެ ކުރިން 'ބާއި' ބުނެލީމެވެ. ހަމަ އެ ހިނދުގައި ކައިރާގެ 'ބާއި' ދެ ކަންފަތުގެ އަމާންކަމެއް ކަމުގައި ފުދުނެވެ.

...............

މުޅިދުވަސް އަހަރެން ހޭދަކުރީ އެ ދެމައިންގެ ހަނދާންތަކުގައި އެވެ. އޮފީހުގެ ބުރަ ތާވަލުގެ ތެރެއިން ފުލުފުލުގައި އޮތް ބައްދަލުވުންތަކަށްވުރެން، އެ ދެމައިންނާއެކު ވަގުތު ހޭދަކުރުން މިއަދު އަހަންނަށް މާ މުހިއްމެވެ. އަމިއްލަ ހިތުގައި އެފެދެމުން މިދާ އިހްސާސްތަކާއިމެދު އަހަރެން އަޖައިބުވި އެވެ. މަސައްކަތާއި އޮފީހަކީ އަހަރެންގެ ބައިވެރިޔާ އެވެ. މީޓިންގތަކާއި ފޯން ކޯލްތަކަކީ އަހަރެންގެ ވިންދެވެ. ކުއްލިޔަކަށް މިވަރުގެ ބާރުގަދަ އިހްސާސަކުން އަހަރެންގެ ޝައުގުވެރިކަން ބަދަލުވީ ކީއްވެ ހެއްޔެވެ؟

"މާލިކް"

"ޔެސް؟"

"ވީ އެންމެ އަވަހަކަށް އެބަޖެހޭ ނިއުޔޯކަށް ފުރަން"

"ކީއްވެ؟''

"ދެ ހަފްތާ ފަހުން ބާއްވަން ހަމަޖައްސާފައި އޮތް ބައްދަލުވުމާއި އެ މަސައްކަތްތަކުގެ ފެށުން މާދަމާ ރެއަށް އެމީހުން އަވަސްކޮށްފި.. ސަބަބަކީ، ކްލިއެންޓުން ސިންގަޕޫރުގައި ބާއްވާ އިވެންޓަކަށް ވަރަށް ކުއްލިގޮތަކަށް ދަތުރުކުރާންޖެހުން.. މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް.. އަތުން ބީވެއްޖެނަމަ، ލިބިދާނެ ގެއްލުން ފޫ ބެއްދުމަކީ ޒަލްޒަލާއަކަށް ނޫނީ ނުވާނެ..!" އަހަރެންގެ ޕީއޭ ތައިމޫރުއަކީ ނަމޫނާ މަސައްކަތްތެރިއެކެވެ. އަހަރެންގެ އިޝާރާތެއް ވުމުގެކުރީން ކަންކަން ނިންމުމަކީ އޭނާގެ ހުނަރެކެވެ. 

"އޯކޭ- ކިހައި ދުވަހަކަށް؟" އަހަރެން ސުވާލުކުރީމެވެ.

"އެންމެ އަވަސްވެގެން އެއްމަސް، އެކޮޅުގައި ހޭދަކުރާންޖެހޭނެ.. ސީދާ މާލިކްގެ ބެލުމުގެ ދަށުން ނޫނީ އެންމެ ކަމެއްވެސް ކުރިއަށް ގެންދިއުން ރަގަޅެއް ނުވާނެ.." ތައިމޫރް ބުންޏެވެ.

"އެންމެ ރަގަޅު! އަހަރެންގެ ޓިކެޓް ބުކްކޮށްލާފައި ތަފްސިލްތައް މެއިލް ކޮއްލާ!"

"ހުރިހައި ކަމެއް ނިމިއްޖެ!" މި ޕްރޮޖެކްޓަށް ތައިމޫރް ތައްޔާރުވެފައި ވަނީ ނުހަނު ފުރިހަމައަށެވެ. 

"އޯކޭ- ފްލައިޓުން ބައްދަލުކޮށްލާނަން.." އަހަރެން ބުނީމެވެ.

"އަހަރެން އަތުގައި އެބަހުރި މާލިކްގެ ސޫޓްކޭސް" ރާގު ބަދަލުކޮށްލާފައި އޭނާ ބުންޏެވެ.

"ވަޓް؟؟" އަހަންނަށް ލިބުނީ ހައިރާންކަމެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;