އަހަރެންގެ ހިތް ފުނޑުފުނޑުވެއްޖެ އެވެ. ދެމައިންގެ މުހިއްމުކަމަށް އަހަރެން ދައުވާކުރިތާ ފާއިތު މިވީ އެންމެ މަސް ދުވަހެވެ. ދެމައިންނަށް ހިމާޔަތާއި ރައްކާތެރިކަން އެންމެ ބޭނުންވި ވަގުތުގައި އަހަރެން ކޮބައި ހެއްޔެވެ؟ ގަތް ބިރުން ހިންދިރުވައިލެވުނެވެ.
"ކައިރާ" އަހަރެންގެ ދެލުން އެ ނަން ބޭރުވީ ވައިއަޑުން ކަހަލަ ގޮތަކަށެވެ.
ވަރުބަލިކަމާއި ލޮޑުކަމާއެކު ކައިރާގެ އިސް އުފުލާލި އެވެ. އަހަރެން ފެނުމާއެކު އޭނާގެ ދެ ލޮލުގެ އިހްސާސަށް ބަދަލުއައިކަން ފާހަގަކުރީމެވެ. އުނދަގުލުން، ތަޅުމުގައި އަތް ވިއްދާފައި ކައިރާ ކޮޅަށް ތެދުވީ ބީނިޝް، އޭނާގެ ހިމާޔަތުގައި ރައްކާ ކޮށްލަމުންނެވެ. މައިވަންތަ ކުލުނުގެ ވަރުގަދަކަން އިހްސާސްވި އާދަޔާ ހިލާފު ވަގުތުކޮޅެކެވެ.
ދުވެފައި އައިސް އަހަރެންގެ މޭގައި ކައިރާ ބޮނޑިވެލި ވަގުތެއް އަހަންނަށް ނުވެސް އެނގުނެވެ.
"ޝްޝްޝްޝޝޝ.. އިޓްސް އޯކޭ.. އަހަރެން މިއައީ" ފަރުވާތެރިކަމާއެކު ދެމައިންގެ ގައިގައި އަހަރެންގެ ދެ އަތް ވަށައިލަމުން މަޑުމަޑުން ބުނެލީމެވެ.
"ކައިރާ، އާރ ޔޫ އޯ-ކޭ؟" ފަހަދު ސުވާލުކުރި އެވެ.
އިސްއުފުލައި ބަލައިލުމެއް ނެތި އަހަރެންގެ މޭގައި ފިތިގެން ހުރެ، ބޮލުން އިޝާރާތްކޮށްލީ އާއެކޭ ބުނުމަށެވެ.
އަޖައިބެއްފަދަ ހާލަތެކެވެ! ކާކުކަން ރަގަޅަށް ނުވެސް ދަންނަ، އަންހެނަކާއި އޭނާގެ އަންހެން ދަރިފުޅަށް އަހަރެންގެ ދެ އަތުގެ ތެރޭގައި ހިމާޔަތް ދީގެން މަޑުމަޑުން ބުރަކަށީގައި ފިރުމަމުން ހިތްވަރު ދިނީމެވެ. ދޮގު ކުރެވެން ނެތް ހަގީގަތަކީ، މި އިހްސާސްގެ ފުރިހަމަކެމެވެ. އަހަރުތަކަށްފަހު އަހަންނަށް ލިބެމުން މިދާ އަމާން ކަމެވެ. އަހަރެންގެ ދިރިއުޅުން ފުރިހަމަވެފައިވާކަމަށް ހިތް ބުނެފި އެވެ. އަހަރެންގެ ހަޔާތް އާބާދުކުރުމުގެ ފުރިހަމަ އިހްސާސްކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.
"ހަމަޖެހިލާ.. މަޑުމަޑުން ނޭވާ ލެވޭތޯ މަސައްކަތްކޮށްލާ!" ކައިރާއަށް އިވޭނެ ވަރަށް މަޑުމަޑުން އަހަރެން ބުނެލީމެވެ.
ކަކޫ ލަންބާލާފައި އަހަރެންގެ ދެ އަތް މަތީގައި ކައިރާއާއި ބީނިޝް އުފުލާލީމެވެ. ދެމައިން އެކަކު އަނެކެއްގެ ގައިގައި ބައްދާލާފައިވާތީ، އެކަމަށް ލޮޅުމެއް ނާންނާނެ މިންވަރަށް އަހަރެން ސަމާލުވީމެވެ.
ގެނައިގޮތަށް ގެނެސް، އަހަރެންގެ އެނދުމަތީގައި ދެ މައިން ބޭއްވީމެވެ. ދުވެފައި ގޮސް، ފެން ފޮދެއް ގެނެސް، ކައިރާއަށް ފެން ފޮދެއް ދިނުމަށް ފަހަދު އަވަސްވި އެވެ.
ވަރަށް އުނދަގުލުން، މަޑުމަޑުން ފެންފޮދެއް ބޯލި އެވެ. އަދިވެސް ބީނިޝްގެ ގައިން ކައިރާ ދޫކޮށްނުލަ އެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް އޭނާގެ ދަރިފުޅު އޭނާއާއި ދުރުކުރުމަށް އެމަންމަ ފުރުސަތު ނުދޭނެކަން އެއަށްވުރެން ފުރިހަމައަށް ސާބިތުކޮށްދޭނީ ކިހިނެއް ހެއްޔެވެ؟
ކައިރާއާއި ދާދި ގާތުގައި އަހަރެން އިށީނީމެވެ. ނިއްކުރީން ކަފައިގެން ގޮސްފައި އިން ތަނެއް ލޮލުގައި އަޅައިގަތީ އެވަގުތު އެވެ.
"ސުބުހާނަﷲ... ކައިރާ، މިއީ ކިހިނެއްވެފައި؟" ކަފައިގެން ގޮސްފައިވާ ޒަހަމްގައި އަތް ޖައްސާލަން އަހަރެން މަސައްކަތް ކުރީމެވެ.
ބޯ ދެފަރާތަށް ތަޅުވައިލަމުން، އަވަސް ހަރަކާތަކާއެކު ކައިރާ ފަހަތަށް ޖެހިލުމުން ހިތަށް ތަދުވި އެވެ.
ކޮޅަށް ތެދުވީމެވެ. ދުރަށް ދިއުމަކަށް ނޫނެވެ. ފަސްޓްއެއިޑް ކިޓް ނެގުމަށެވެ.
"ކައިރާ، ޒަހަމް ސާފުކޮށްލަންތަ؟" ކައިރާގެ އިޒުނައަށް އެދުނީމެވެ. އޭނާ އެކަމަށް އިންކާރުކުރީ ބޮލުގެ އިޝާރާތުންނެވެ.
"ކައިރާ، ތި ޒަހަމް ޖެހޭނީ ސާފުކުރަން.. ޕްލީޒް!" އާދޭހާއިއެކު އަހަރެން ބުނީމެވެ.
މިފަހަރުވެސް އޭނާ ކުރީ އިންކާރެވެ. ފަހަދުގެ އެހީއަށް އެދި އޭނާއަށް އަހަރެން ބަލައިލީމެވެ. ލިބިފައިވާ ޝޮކުން އަދިވެސް ފަހަދުއަށް ސަލާމަތް ނުވެ އެވެ. އޭނާގެ އެސްފިޔައެއްވެސް ތަޅުވައި ނުލައި ބަލަހައްޓައިގެން ހުރީ ދެމައިންނަށެވެ.
ކުރިއަށްވުރެން ގާތަށް އަހަރެން ޖެހިލީމެވެ. ކަފަކޮޅެއްގައި ޑިޓޯލް ލާފައި އެތަން ސާފުކުރަން ތައްޔާރުވީމެވެ. ކައިރާގެ ބޯ ފަހަތަށް ގެންދިއުމުން، އަހަރެން ކުރަން އުޅުނު މަސައްކަތް ނާކާމިޔާބު ވި އެވެ. ތަކުރާރުކޮށް އެކަމަށް އަހަރެން މަސައްކަތްކުރީމެވެ. ކޮންމެ ފަހަރަކުވެސް ކައިރާ ކަންތައް ކުރީ ހަމަ އެގޮތަށެވެ. ތަންކޮޅެއް ބާރަށް ފުއްކިބައިގައި ހިފަހައްޓާފައި ދެ ލޯ ވައްކޮށްލީމެވެ. އަދި ހިތްހަމަނުޖެހޭކަން ދައްކާލާފައި ގަދަކަމުން ކަހަލަ ގޮތަކަށް ޒަހަމް ސާފުވެސް ކުރީމެވެ. އެކަމަކު ބޭސްއަޅަންވެސް ކައިރާ އިންކާރުކުރި އެވެ.
"އިނަފް! އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިގެން ނުވާނެ!" ހަރުކަށިކަން ދައްކާލާފައި އަހަރެން ބުނީ ތަންކޮޅެއް ބާރަށެވެ.
އަހަރެންގެ ހަރުކަށި ބުނުމާއެކު ކައިރާގެ ދެ ލޯ ރަތްވެ، ހޫނު ކަރުނައިގެ ކޯރު ދެ ކޯތާފަތުން ދެމިގަތުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. ހިތަށް ތަދުވި، އުނދަގޫ މަންޒަރެކެވެ. ނަމަވެސް މިވަގުތު މުހިއްމުވީ ކައިރާގެ ސިއްހަތެވެ.
"މާލިކް، ކައިރާއާއި ވާހަކަދައްކާނީ ތަންކޮޅެއް މަޑުން..!" އިންޒާރު ނޫން އެހެން ރާގެއް ފަހަދުގެ ބުނެލުމުގައި ނެތެވެ.
"ބާރަށް ބުނެވުނީ، ބަސް ގަބޫލު ނުކުރާތީވެ" މަޑުމަޑުން އަހަރެން ބުނެލީމެވެ. ކައިރާގެ ތިރީ ތުންފަތުގައި ދަތް އަޅައިލިކަން އަހަރެން ދެނަހުރީމެވެ.
"ކޮންމެ ހާލެއްގައިވިޔަސް އަހަރެންގެ ކޮއްކޮއާއި މުއާމަލާތު ކުރަންވާނީ ހިމޭންކަމާއެކު!" އަހަރެންނާއި ދިމާއަށް ދެ ލޯ އަޅާއިލާފައި ފަހަދު ބުންޏެވެ.
"ފައިންންން!!! ފަހަދުގެ ކޮއްކޮ ކައިރައި ބުނޭ، އޭނާގެ ޒަހަމްގައި ބޭސް އަޅަންދެން ހިމޭނުން، އިންނާށޭ!" ތަންކޮޅެއް ބާރަށް އަހަރެން ބުނީމެވެ.
"މަޑުން ވާހަކަނުދެއްކެންޏާއި މާލިކް ދުރަށް ދޭ!" ފަހަދު ހިތްހަމަ ނުޖެހުނީ މާބޮޑަށެވެ.
އެކަމުގައި ކުރެވޭނެ ކަމެއް ނެތެވެ. ލޭ މަނާ ނުވެ އޮތް ޒަހަމްގައި ބޭސް އެޅުން މިވަގުތަށް ވަރަށް މުހިއްމެވެ. ފަހަދުއާއި އަހަރެންނާއި ދެމެދުގައި ނުތަނަވަސްކަން އުފެދެމުންދާކަށް އެނގުމުން ކައިރާ ހިމޭންވި އެވެ. ބޭސް އެޅުމަށް އިޝާރާތް ކުރަމުން އަހަރެން ގެ ލޮލަށް ބަލައިލި އެވެ. ލބުނު ފުރުސަތުގައި އެކަމަށް އަވަސްވެގަތީމެވެ.
ބޭސް އަޅައި ނިމުމުން ފަސްޓްއެއިޑް ކިޓް، ސައިޑްޓޭބަލް މަތީގައި ބޭންދީމެވެ.
"މަންމާ..!" ބާރަށް ރޮއެގަތްފައި ބީނިޝް ތެދުވި އެވެ.
ރޮއެގަތުމާއެކު ގިސްލެވިއްޖެ އެވެ.
"ދަރިފުޅު ގާތުގައި މަންމަ މިހުރީ.. ހަމަޖެހިލާ ދަރިފުޅާ!" ކައިރާގެ އަޑަށް، އޭނާގެ މޫނަށް ބީނިޝް ބަލައިލި އެވެ. ދެމައިންގެ ހަތަރުކަޅި ހަމަވި ވަގުތު، ކުރިއަށްވުރެން މާ ބާރަށް ބީނިޝް ރޮއެގަތެވެ. ކައިރާގެ މޭގައި ބީނިޝް ބޮނޑިކޮށްލަމުން، އަނެއްކާވެސް ދެމައިން ރޯން ފަށައިފި އެވެ.
"އައި އެމް ސޮރީ" މަޑުމަޑުން ބީނިޝްގެ ކަންފަތްދޮށުގައި ކައިރާ ބުންމުންދިޔަ އެވެ.
މިފަހަރުވެސް ބީނިޝް ރޮއެގަތީ އިންސާނެއްގެ ހިތް ކުދިކުދިކޮށްލާފަދަ ވޭނީ އަޑަކުންނެވެ.
"އައި- ސޯ- ސޮލީ- މަމް-މަންމާ!" އުކުނޑި ކޮއްޓަމުން ނުހަނު އުނދަގުލުން ބީނިޝް ބުނެލި އެވެ.
އެއީ ހިތަށް ކެއްވާ ވަރުގެ މަންޒަރެއް ނޫނެވެ. ދެމައިންނާއި ފަހަދުއަށް އަހަރެން ފުރަގަސްދިނީމެވެ. ލޮލުގައި ބޮނޑިވެގަތް ހޫނު ކަރުނަ ފޮހެލުމަށް ވަގުތު ބޭނުންވީ އެވެ.
"ނޯ-ނޯ ބޭބީ! އެއީ ދަރިފުޅުގެ ކުށެށް ނޫން.. އެމަންޒަރު ދަރިފުޅަށް ފެނުނީތީވެ، މަންމައަށް މައާފުކުރޭ! އައި އެމް ސޯ ސޮރީ ބޭބީ!" ގިސްލަމުންދިޔަ ދަރިފުޅު ހަމަޔަކަށް އެޅުވޭތޯ ކައިރާ މަސައްކަތްކުރި އެވެ.
ދެމައިންވެސް ހާލަތުގެ ޒިންމާ އެމީހެއްގެ ކޮނޑުގައި އުފުލަން މަސައްކަތްކުރާތީ، އަހަރެންގެ ސިކުނޑި ތަގައްޔަރުވެއްޖެ އެވެ. އެކަމަކު، ހަގީގަތް ހޯދުމަށް އަހަރެން ޖެހޭނީ އިންތިޒާރު ކުރާށެވެ.
ހިނދުކޮޅަކަށްވެސް މަންމައާއި ދުރަށް ޖެހިލާން ބީނިޝް ބޭނުން ނުވާކަން އެނގުނީ އޭނާގެ ކުޑަކުޑަ އަތުގެ ތެރޭގައި ކައިރާގެ ޝޯލް ބޮނޑިކޮށްލައި، ވަރަށް ބާރަށް ހިފަހައްޓައިގެން އޮތުމުންނެވެ.
ހަށިފުރެންދެން ނޭވާއަކަށް ހިތްވަރުކުރީމެވެ. ވަރަށް އުނދަގުލުން ފުން ނޭވާއެއް ބޭރު ކުރެވުނެވެ. އިސްޖަހައިލާފައި ގޮސް، އެނދުގެ މަގަތުން ދެމައިން ގާތުގައި އިށީނީމެވެ.
ހިތްވަރުކޮށްފައި ކައިރާގެ އަތުގައި ހިފައިލީމެވެ. މަޑުމަޑުން އެ އަތް ގެނެސް އަހަރެންގެ އަތުގެ ތެރޭގައި ބާއްވައިލީމެވެ. ވަކިވަކިން އިނގިލިތަކުގައި ފިރުމާލީމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;