ads
ރިސޯޓް މުވައްޒަފުންތަކެއް. ފޮޓޯ: ވެލާ ރިސޯޓް
ޑޮލަރުން މުސާރަލިބޭ ފަތުރުވެރިކަމުގައި އުޅޭ މުވައްޒަފުންނަށް އާ ހޯމް ފައިނޭންސިންއެއް
ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ގައުމީ ބޭބންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމް ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ.
Advertisement

ބީއެމްއެލްއިން ބުނީ އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިން ރޭޓަކާއެކު ތައާރަފުކުރި މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓްކަމަށެވެ. މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ފައިނޭންްސް ތައާރަފުކުރުން ދައްކުވައިދެނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަންކަމަށެވެ.

" މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް." މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށްކަމަށް ބޭންކުން ބުނެއެވެ. އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބަލާނެކަމަށާއި މި އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ އަކަށްކަމަށްވެސް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް މި ފައިނޭންސިންް ފެސިލިޓީ ދޫކުރާނެކަމަށް ބޭންކުން ބުނެއެވެ. އެހެންކަމުން މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިހްތިޔާރުކުރާ ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް މި ފެސިލިޓީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައިކަމަށްވެސް ބޭންކުން ބުނެއެވެ. 

ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅޭނެކަމަށާއި ބޭންކުގެ ވެބްސައިޓުން  އިތުރު މަޢުލޫމާތު ލިބެން ހުންނާނެކަމަށްވެސް ބޭންކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;