ފުލުހުން ބުނީ މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ހާރުން މިއާ، ބަންގްލަދޭޝް (47އ) އާއި ހުސްމާން ރަސިކް އަރްސިލް އަލީމް، ސްރީލަންކާ (26އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ.
މި ދެމީހުންގެ ތެރެއިން އެމްޑީ ހާރުން މިއާ ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެއެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ފުޅި (5ލީޓަރު) އާއި، 126 ފުޅި (500އެމްއެލް) އަދި 14 ހަން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެމްޑީ ހާރުން މިއާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ހުސްމާން ރަސިކް އަރްސިލް އަލީމް ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމް ސާވިސްއިން އޭނާ ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހުސްމާން ރަސިކް އަރްސިލް އަލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި ދެމައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;