ads
އަދަދު ރެއިޑްކުރުމުން އިނގިރޭސި ސަފީރު އެކަން ކުށްވެރި ކުރައްވައިފި
"އައިޝާ"ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސީރިއަސް ތުހުމަތުތަކެއް ކޮށް، އޮންލައިން މީޑިއާއެއް ކަމަށްވާ "އަދަދު"އިން ގެނެސްދިން ޑޮކިޔުމެންޓްރީއެއްގެ މައްސަލައިގައި، އެ ނޫހުގެ އޮފީހަށް ފުލުހުން ރޭ ވަދެ، ތަހުގީގަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނާއި އިތުރު ތަކެތި ގެންގޮސްފައިވާތީވެ އެކަމުގެ ކަންބޮޑުވުން އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
Advertisement

މި މައްސަލާގައި "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފަ އެވެ. ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ތިން މަސް ދުވަހަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގިރޭސި ސަފީރު ވިދާޅުވީ ދިވެހި ފުލުހުން އަދަދުގެ އޮފީސް ރެއިޑްކުރިކަމުގެ ހަބަރު ލިބުމަކީ ހިތްދަތި ކަމެއް ކަމަށާއި މީޑިއާގެ މިނިވަންކަން އޮތް މިންވަރާ މެދު އޮތް ކަންބޮޑުވުންތައް އިނގިރޭސި ވިލާތުން ދަނީ އަަބަދުވެސް ފާޅުކުރަމުން ކަމަށެވެ. އެއީ ކޮމަންވެލްތުގެ މިންގަނޑުތައް ދަމަހައްޓަން ރާއްޖޭން ދީފައިވާ އިތުބާރާ ނުގުޅޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިވަން މީޑިއާ އަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން "އަދަދު" ނޫހުގެ އޮފީހަށް ވަދެފައިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަން ދޮގުކުރައްވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

އަދަދުގެ އޮފީސް ރެއިޑް ކުރީ ރައީސް މުއިއްޒު އެހެން ވިދާޅުވިތާ 12 ގަޑިއިރު ފަހުންނެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ބަލައިފާސްކުރުމުގެ އޮޕަރޭޝަނަކަށް ފަހު ފުލުހުން ވަނީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ގެންގޮސްފަ އެވެ. 

އޭގެއިތުރުން އެ މައްސަލައިގައި ފިޔާޒް އާއި ހަސަން މާދަމާ ފުލުހަށް ހާޒިރު ކުރުމަށްވެސް ޗިޓް މިއަދު ވަނީ ފޮނުވާފަ އެވެ. އަދި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓްވެސް ފުލުހުން ވަނީ މިއަދު ހިފަހައްޓާފަ އެވެ. 

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;