ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފު އިސްލާހެއް ކަމަށް ވިދާޅުވެ އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުރިހަމަ ބެންޗުން ބެލި މި މައްސަލާގައި، މިއަދު ހުކުމްކުރީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމާއި، ނަމަވެސް ހުށަހަޅާފައިވާ މައްސަލާގައިވާ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މި ހުކުމާ ގުޅިގެން ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޓުގެ ހުކުމުގައި ބަޔާންކުރި ހަގީގަތްތަކުގެ އަލީގައި، ސަރުކާރުން ހުށަހަޅައި އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ ރާއްޖޭގެ ސިޔާސީ ނިޒާމު ހަރުދަނާކޮށް، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް އަދި މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަގީންވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ އުނިކަންކަން އިސްލާހުކުރައްވައި، ހަމަޖެހުމާއި ތަރައްގީއަށް މަގުފަހިވާނެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރެއްވުމާއެކު އެންމެހައި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކޮށްދެއްވުން ކަމުގައި ބަޔާނުގައިވެ އެވެ.
އެ ޕާޓީން ކުރިއަށް އޮތް ތަނުގައި ވެސް އަމަލުކުރަމުން އަންނާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް، ދިވެހިންގެ ލާބަޔަށް ކަމަށް ޔަގީންކޮށްދޭ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;