މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ އެހީގައި ހަދައިދޭން ނިންމާފައަިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައެވެ. މި މަސައްކަތް ކޮށްދެނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައެވެ. މި މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 23ގައި ޗައިނާގައިވަނީ ސޮއިވެސްކޮށްފައެވެ. އަދި މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭ ފެށޭނެކަމަށް އިންފްރާސްޓްކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ.
މާލޭ މަގުތައް ހެދުން ލަސްވާތީ ރައްޔިތުން މަޖިލީހުގެ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓާރު މުއްތަލިބް ވިދާޅުވީ މާލޭގެ މަގުތައް ހަދަން އަމަލީ ފެށޭނެ ތާރީހެއް ވިދަޅުވާން ނޭގޭކަމަށެވެ. މަގުތައް ހެދުން ލަސްވަނީ ހިލޭ އެހީ ދިނުމުގައި ޗައިނާ ގެންގުޅޭ އުސޫލަތކުގެ ދަށުން ކަންކަން ކުރަމުން އަންނާތީކަމަށެވެ. މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޗައިނާގެ ހިލޭ އެހީގައި ކުރާ މަސައްކަތެއްނަމަ އެކަން ހިނގަނީ އޭގެ ފީޒިބިލިޓި ސްޓަޑީސް ނިންމާ، ސާވޭ ޑިޒައިން ސްޓޭޖު ނިންމާ، ކޮންސްޓްރަކްޝަން ސްޓޭޖާއި ހަމައަށް ދިޔުމަށްކަމަށެވެ. އަދި މިއިން ކޮންމެ ސްޓޭޖެއްގައިވެސް ޗައިނާގައި ޓެންޑާ ކުރެވިގެން ޕްރޮކިއު ކުރެވިގެން ވަކި ބަޔަކު ހޮވައިގެން އެ ބަޔަކު އައިސް މަސައްކަތް ކޮށްފައި އަނެއް ސްޓޭޖަށް ދިއުމަށްޓަކާއި އެއްބަސްވުމެއްގައި ސޮއިކޮށްގެން އަބަދުވެސް ކުރިޔަށްދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށަން ހަދަންޖެހޭ ސާވޭތައް ހެދުމަށް ޗައިނާގެ ޓީމެއް 2024 ވަނަ އަހަރު މާލެ އައިސް މަސައްކަތް ކުރިކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިންވަނީ ބުނެފައެވެ.
މިނިސްޓަރު މުއްތަލިބް މީގެކުރިން ވިދާޅުވީ އަމާޒަކީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެއްކަޮށް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނިންމުންކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;