ads
ދަރިފުޅު - 15 ވަނަ ބައި
އެޕިސޯޑް 15
Advertisement

"އަހަރެން ހަމަޔަކަށް އަޅުވަންޖެހޭ މުހިއްމު ކަންކަން އެބަހުރި" ކައިރާ ބުނެލީ އިސްޖަހާލައިފަ އެވެ.

"އިށީންދޭ... ހަމަ މިހާރު އިށީންދޭ!" އެތަށް އިރަކު ހިމޭނުން ހުރެފައި ފަހަދު އަމުރުކުރީ އިންޒާރެއްގެ ގޮތުގައި އެވެ.

"އަހަރެން....

"ހަމަ މިހާރު އިށީންދޭ..!" ކައިރާގެ ޖުމުލައަށް ހުރަސްއެޅީމެވެ. އަހަރެންގެ އަޑު ހަތަރުފާރުގެ ތެރޭގައި ގުގުމާލީ ބާރަށެވެ.

އިވުނު ގަދަ އިންޒާރާއެކު ދަތްދޮޅި ތިރިކޮށްލާފައި ކައިރާ ހިމޭންވެއްޖެ އެވެ. ގަތް ބިރުން ކައިރާ ތުރުތުރުއެޅިކަން އިހްސާސްވުމަށް،  އަހަރެންގެ ހިއްސުތަކަށް ހިނދުކޮޅެއް ބޭނުންވި އެވެ. ހިތަށް ތަދުވިޔަސް މިވަގުތު އެކަން ހާމަކުރާކަށް ބޭނުމެއް ނޫނެވެ.

"ބީނިޝް ގޮވައިގެން ފަހަދުގެ ކޮޓަރިއަށް ދޭ" ފަހަދުގެ ދެ ލޮލަށް ބަލައިލާފައި އަހަރެން ބުނީމެވެ. 

ވިސްނުންތެރިކަމާއެކު ބޮލުން އިޝާރާތްކުރަމުން ފަހަދުގެ ދެއަތުގެ ތެރޭގައި ބީނިޝް ރައްކާކޮށްލި އެވެ. ލޯތްބާއެކު ފިރުމާލާފައި ފަހަދު އެދިޔައީ ބީނިޝް ގޮވައިގެންނެވެ. 

ފަހަދު ނިކުތުމާއެކު އަހަރެންގެ ކޮޓަރީގެ ދޮރު ލެއްޕީމެވެ. މަޑު ހިނގުމުގައި އައިސް، ކައިރާގެ ކުރިމަތީގައި އިށީނީމެވެ.

"ކިހިނެއްވީ؟ މައްސަލައަކީ ކޮބާ؟" ހިމޭންކަމާއެކު އަހަރެން ސުވާލުކުރީމެވެ.

ވަގުތުން ކައިރާ ބަލައިލީ އަހަރެންގެ ލޮލަށެވެ. ހިފެހެއްޓުމެއް ނެތް ހޫނު ކަރުނަ ދެ ލޮލުގެ ތެރެއިން ދެމިގަތެވެ.

"ބުނެދޭކަށް ފަސޭހައެއް ނޫން.. ބުނެދޭކަށް ބޭނުމެއްވެސް ނޫން" ހިތުގައި އޮތްގޮތަށް ކައިރާ ބުނެލި އެވެ.

"އޯކޭ! ތިކަން އަހަރެން ގަބޫލުކުރަން.. އަހަރުމެން ދެމީހުން ދިމާވީ ދާދިފަހުން.. ދެމީހުންގެ ދެމެދު ގާތްކަމެއް ނުވަތަ އެކުވެރިކަންވެސް ބަދަހިވެފައި ނެތް.. އެކަމަކު  ތެދެއް ބުނަން..؟" އަހަރެން ވާހަކަދެއްކީ ހިމޭންކަމާއެކު އެވެ.

ކައިރާ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.

"ކައިރާއާއި ބީނިޝް އަހަރެންގެ ހަޔާތުގައި މިހައި މުހިއްމު މަގާމެއް ހަސިލްކުރީ ކޮންއިރަކު، ކީއްވެގެންކަން ބުނެދޭކަށް އަހަންނަކަށް ނޭގެ.. ޔަގީންވާ ކަމަކީ، ތިޔަ ދެމީހުން އަހަންނަށް ވަރަށް މުހިއްމު! ހިތުގެ އެންމެ އަޑިން ތިޔަ ދެމައިން ރައްކާތެރިކޮށް ހިމާޔަތްކުރާން އަހަރެން ބޭނުން.. މި ޖުމުލަތަށް އަޑުއެހުމަކީވެސް ކައިރާއަށް އެހައި ފަސޭހަ ކަމަކަށް ނުވެދާނެ.. އެކަމަކު މިއީ ތެދު ހަގީގަތް.. ﷲ ގަންދީ ބުނަން، ތިޔަ ދެ މައިން އަހަންނަށް ވަރަށް މުހިއްމު! ދުނިޔޭގެ ކޮންމެ ނުރައްކަލަކުން ސަލާމަތްކޮށް ހިމާޔަތްކުރާން ބޭނުން..! ތިޔަ ދެމައިންނަކީ އަހަރެންގެ ދުނިޔެ ކަމުގައި ވެ ނިމުނު އިރެއް، އަހަރެންގެ އަމިއްލަ ހިތަށްވެސް ނޭގޭ.. ގަބޫލުކުރަން، ކައިރާގެ މައްސަލަތައް ނުވަތަ ކައިރާގެ ޒާތީ މައްސަލަތަށް އަހަރެންގެ ކުރިމަތީގައި ހުޅުވައިލުމަކީ ފަސޭހަ ކަމަކަށް ނުވާނެ.. އެކަމަށް ޝަކުވާއެއްވެސް ނެތް.. އެކަމަކު މި ވަގުތުން ފެށިގެން އަހަރެން ގޮތެއް ނިންމައިފިން!" 

އަހަރެންގެ އަޑުގައި ހުރި ޔަގީންކަމުގެ ސަބަބުން ކައިރާގެ ގައިން ހީބިހި ނެގި އެވެ. ހިމަ ލޯލިތަށް ކޮޅަށް ޖެހުނު މަންޒަރު އަހަރެން ދުށީމެވެ. އަހަރެން ބުނި ބަހުގެ މާނައަކީ ކޮބައިތޯ މިފަހަރު ސުވާލުކުރީ އޭނާގެ ޖަޒްބާތުން ފުރިގެންވީ ލޮލުގެ ބަސްމޮށުންތެރިކަމުގެ ހުނަރުންނެވެ.

"މިއަދުން ފެށިގެން އެ އެޕާޓްމެންޓުގައި ކައިރާ ދިރިއެއް ނޫޅޭނެ.. ދެމައިން އެކުގައިވެސް އަދި ދެމައިން ވަކިންވެސް އެތަނުގައި ދެން ދިރި ނޫޅޭނެ..! އަހަރެން ދިރިއުޅޭ ތާކު ނޫނީ ދެން ބީނިޝް ގޮވައިގެން ކައިރާއަކަށް ނޫޅެވޭނެ! ކައިރާގެ އިޒުނައެއް ނެތި މި ހައްގު އަހަރެން ލިބިގެންފިން.. ކޮންމެ ހިނދަކު، ކޮންމެ ކަމެއް ދިމާވިޔަސް އަހަރެން ނޫނީ ފަހަދު، ކައިރާގެ ދެ މައިންނާއެކު ހުރެވޭނީ އަހަރެންގެ މި ނިންމުން ކައިރާ ގަބޫލުކޮށްގެން.. އަހަރެން މި ބުނާ އެއްޗެއް ކައިރާއަށް ވިސްނޭތަ؟" އަހަރެންގެ ވާހަކަ އަޑުއަހަމުންދިޔަ ކައިރާއަށް ސުވާލެއް ކުރިމަތިކުރީމެވެ. 

މިފަހަރުވެސް ޖަވާބު ލިބުނީ ބޮލުގެ އިޝާރާތުންނެވެ. އެއްބަސްވީތީ ލިބުނު ހިތްހަމަޖެހުން އަހަރެންގެ ތުންފަތްމަތީން ފެނިދާނެތީ ސަމާލުވީމެވެ.

"ކޮންމެ މީހަކުވެސް ފުރަތަމަ ބުނާނީ ތިހެން.. ދައްކާނީ ތިޔަކަހަލަ ވާހަކަ.. ރަހުމާއި ކުލުނުން އޯގާތެރިވެ، ހަމްދަރުދީވާކަންވެސް ދައްކާނެ.. އެކަމަކު އާހިރުގައި ހަގީގަތް ހާމަވާއިރު، ބިކަވާނީ އަހަރެންނާއި އަހަރެންގެ ދަރިފުޅު.. އެ ދުވަސް އަލުން ދެކެން އަހަރެން ތައްޔާރެއް ނޫން..!" ކައިރާ ބުނެލި އެވެ.

"ކައިރާ.." ތަފާތު ރާގެއްގައި އެ ނަން ދުލުން ބޭރުކުރެވުނީ އިހްތިޔާރުން ބޭރުންނެވެ.

"ހަގީގަތް މާލިކް ގަބޫލުނުކުރަނީ ކީއްވެ؟ އަހަންނާއި ބީނިޝްގެ ދިރިއުޅުމުގައި މާލިކްއަކީ ކާކު؟" 

ޖެހިލުމެއް ނެތި ކައިރާ އަމާޒުކުރި ސުވާލުން އަހަރެންގެ ހިތް ފުނޑުފުނޑުވެދާނެކަން އޭނާއަށް ނޭގުނީބާ އެވެ. ކޮންމެއަކަސް މިއީ އަހަރެންގެ އިހްސާސްތަކުގެ ވަގުތެއް ނޫނެވެ. މިއީ ކައިރާގެ ވަގުތެވެ. އަހަރެން ހިތްވަރު ކުރީމެވެ. ކައިރާއަށް ވިސްނައިދެވޭތޯ އެވެ.

"އެއްވެސް މީހެއްގެ ބުނުމެއް ނުވަތަ ނުފޫޒެއް ނެތި 'ބައްޕާ'އޭ ކިޔާފައި ބީނިޝް އަހަންނަށް ގޮވައިލުމަކީ ކުޑަވަރެއްތަ؟ އެ އިހްސާސް އަހަރެން އެ ދަރިފުޅުގެ ހިތުގައި އާލާކޮށްދިނުމަށް ކުރި އެއްވެސް ކަމެއް ނޯންނާނެ.. އަހަންނަކީ ކައިރާއަށް އެއްވެސް މީހަކަށް ނުވިޔަސް، ބީނިޝްއަށް އަހަރެން މުހިއްމުވެއްޖެ..!" އަސަރާއެކު އަހަރެން ބުނީމެވެ. 

ނަމަވެސް އެއީ އަހަރެންގެ ދިފާއުގައި ބުނި އެއްޗެއް ނޫނެވެ. ކުއްލިޔަކަށް ލޯ ކުރިމަތީން ސިފަވި މަންޒަރެއް ކައިރާގެ ކުރިމަތީގައި ނިއުޅުވާލުމަށް އަހަރެން ނިންމީމެވެ.

"ކޮޓަރީގެ ދޮރު ވައްޓާލާފައި އަހަރެންނާއި ފަހަދު އެތެރެއަށް ވަންވަގުތު، ދުވެފައި އައިސް ކައިރާ ތަތްކޮށްލީ އަހަރެންގެ މޭގައި.. އެހަނދާން އެބަހުރިތަ؟ އަހަންނަކީ ކައިރާއަށް އެއްވެސް މީހަކަށް ނުވަންޏާއި، އެތަނުން ނިކުމެގެން ދިއުމަށް އެވަގުތު ނުބުނީ ކީއްވެ؟ އަހަރެންގެ ދެ ލޮލަށް ބަލައިލާފައި ހަމަޖެހުމުގެ ނޭވާއެއް ކައިރާގެ މުޅި ހަށިގަނޑުން ދޫކޮށްލީ ކީއްވެ؟ ދާދި ގާތުގައި އެހެން މީހަކު ހުރި..! އަހަރެންނަކީ ކާކު؟" ސީރިޔަސް ސުވާލުތަކެއް ކުރިޔަސް، އަހަރެންގެ އަޑު ކޮންޓްރޯލް ކުރީމެވެ.

"އެފަދަ ވަގުތެއްގައި އިންސާނެއްގެ ހިއްސުތަކުގެ މައްޗަށް ބާރު ނުފޯރުވި، ބަލިކަށިވުމަކީ އާންމުކަމެއް.. އެހެން އެ ވީ، އަހަރެންގެ އިހްސާސްތަކުގެ މައްޗަށް އަހަރެންގެ ކޮންޓްރޯލެއް ނެތުނީ..! މާލިކްގެ މަގާމުގައި އެހެން މީހަކު ހުރިނަމަވެސް އަހަރެން އެވަގުތު ކަންތަށްކުރާނީ ހަމަ އެހެން..!" އަމިއްލަ ދިފާއުގައި ކައިރާ ބަސް ބުނެފި އެވެ.

އެކަމަކު...

"ވަރަށް ބޮޑު ތެދެއް..! އެވަގުތު އެތަނުން ކައިރާއަށް ފެނުނީ އަހަރެން އެކަނި.. އެއް ސަފެއްގައި އެއް ހަމައެއްގައި ހުރި ކައިރާގެ 'ބޭބެ' ފަހަދު ހުރީ ނުފެންނަ ތާކިހާ އަޅައިގެން..! އެހެންވީމަ ގައިގައި ހުރި ބާރެއްލާފައި އަހަރެންގެ ގައިގައި ކައިރާ ބައްދާލީ..!"

ކައިރާގެ ޖަޒުބާތުތަށް ބަލިކަށިކޮށްލާފަދަ ރާގެއްގައި އަހަރެން ބުނެލީމެވެ. ހަގީގަތުގައި އަހަރެންގެ ރުޅި ކޮންޓްރޯލް ކުރެވެމުންދިޔަ ގޮތެއް އަހަންނަކަށްވެސް ނޭގެ އެވެ. ކެތްތެރިކަން ކޮޅުން ނުލީތީ ޝުކުރުވެރިވަމެވެ.

"ބުނަން ކައިރާ..؟ ކޮންމެ ވާހަކައެއް ދެއްކިޔަސް، ކިތަންމެ ހަރުކަށިކަމެއް އިސްކުރިޔަސް، އަހަރެން ފަހަތަކަށް ނުޖެހޭނަން..! އަހަރެންގެ ނިންމުން ބަދަލެއްވެސް ނުކުރާނަން.. ދެން އެތަނުގައި ބީނިޝް ގޮވައިގެން ކައިރާ ދިރިއެއް ނޫޅޭނެ.. އެކަން ހަނދާން ނައްތާލާ!" އަހަރެން ބުނީމެވެ.

ލޮލުން އޮހޮރެމުންދިޔަ ކަރުނައަށް ބާރެއް ނުފޯރުވި ކައިރާގެ ދެ ލޮލުގެ ހޫނު ކަރުނައާއެކު ގިސްލެވިއްޖެ އެވެ.

އަހަރެންގެ އިހްސާސްތަކާއި އަހަރެންގެ ނުތަނަވަސްކަން ކައިރާއަށް އިހްސާސް ނުވާތީ ހިތާމަކުރަމެވެ. 

ކުއްލިޔަކަށް ކައިރާ ކޮޅަށް ތެދުވި އެވެ. އެތަނުން ނިކުތަށް ފިޔަވަޅެއް ނެގި ވަގުތު ކައިރާގެ އަތުގައި އަހަރެން ހިފެހެއްޓީމެވެ. އަދައިގެ ވަރަށްވުރެން ބާރަށެވެ. އަހަރެންގެ އަތުގެ ތެރެއިން މިންޖުވެގެން އޭނައަށް ނުދެވޭނެކަން އެ ހަރަކާތުން ބުނެދޭން ބޭނުންވީ އެވެ.

"ލެޓް މީ ގޯ"

"ނޯ"

"މާލިކް، އަހަރެންގެ އަތުން ދޫކޮށްލާ"

"ނޯ"

ޕްލީޒް"

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;