އަޝްފާ "ސީއެންއެމް" އަށް ބުނީ ފުރަތަމަ ލޮލުގެ މައްސަލަ ފާހަގަވީ 2023 ވަނަ އަހަރު ކަމަށާއި، އެގޮތުން އޭރު ލޮލުގައި ރިއްސައި ލޭ އައުމުން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި ފަހުން ލޯ ދުޅަވާތީ އަލުން ޑޮކްޓަރަށް ދެއްކުމުން އޭނާގެ ވާތު ލޮލުގެ ރެޓިނާގައި ޓޮކްސޯޕްލާޒްމާ ސްކާސް ހުރިކަން އެނގުނެވެ. އޭގެފަހުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންނާއި އިންޑިއާގެ ޓްރިވެންޑަރަމްގައި ހުންނަ ޗައިތަންޔާ ހޮސްޕިޓަލުން ލޮލަށް ފަރުވާ ހޯދި ނަމަވެސް ރަނގަޅު ނުވާ ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަޝްފާ އަންނަނީ އިންޑިއާގެ މަދުރާއީގައި އިތުރު ފަރުވާ ހޯދަމުންނެވެ. ތިން މަހުގެ ފަރުވާއަށް ފަހު ލޮލުގެ ސާޖަރީއެއް ހަދަން ޑޮކްޓަރުން އޭރު ނިންމި ނަމަވެސް، ފަރުވާ ދިގުދެމިގެން ގޮސް ސާޖަރީ ހެދުން ވަނީ ލަސްވެފަ އެވެ.
އަޝްފާ ބުނީ މީގެ ދެ ހަފްތާ ކުރިން ވެސް އޭނާގެ ލޯ ދުޅަ ވާތީ ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި ފަރުވާގެ އަސަރު އެދެވޭ ގޮތެއްގައި ކުރަމުން ނުދާތީ ޑޮކްޓަރު މިހާރު ވިދާޅުވެފައިވަނީ ސާޖަރީގެ ކުރިން އިތުރު ތިން މަސް ދުވަހު ބޭސްކުރަން ޖެހޭނެ ކަމަށެވެ.
އަޝްފާގެ ލޮލުގެ ޓެސްޓެއްގެ ނަތީޖާ
އަޝްފާގެ ވާތު ލޮލުގެ ފެނުން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ޑޮކްޓަރު މިހާރު ލަފާ ދެއްވާފައިވަނީ ނާރުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި މަޑުކުރަން ޖެހުމުން މިހާރު ވަނީ ވަރަށް ބޮޑަށް އަތްމަތި ދަތިވެފަ އެވެ.
އަޝްފާ ބުނި ގޮތުގައި އޭނާގެ ފިރިމީހާގެ މަންމަގެ ބަލި ހާލަތު ހުރި ގޮތުން ފިރިމީހާއަށް އޭނާއާ އެކު ފަރުވާއަށް މަދުރާއީއަށް ދެވޭކަށް ނެތެވެ. އަދި އަޝްފާގެ މަންމައަކީ އުމުރުން ދުވަސްވެފައިވާ ލޯފަން މީހަކަށް ވާއިރު، އާއިލާގައި އެހީތެރިވާނެ އިތުރު މީހަކު ވެސް ނެތް ކަމަށް އޭނާ ބުންޏެވެ.
އަޝްފާ ބޭސްފަރުވާއަށް ފުރީ އާސަންދަ އާއި އެކި ފަރާތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާ އެކު އެވެ. އެކަމަކު މިހާރު އާސަންދަ އާއި އެންސްޕާއިން އެހީ ދިން މުއްދަތު ވެސް ހަމަވެފައިވުމުން، މިހާރު ހަރަދުތައް ހަމަޖައްސަނީ ހެޔޮ އެދޭ ފަރާތްތަކުން ފޯރުކޮށްދޭ ފައިސާގެ އެހީގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ލޮލަށް ފަރުވާ ކުރުމަށް މަދުރާއީގައި ގިނަ ދުވަސްތަކެއް މަޑުކުރަން ޖެހޭ އިރު، އާއިލާގެ އިތުރު މީހެއްގެ ފަރާތުން ވެސް އެހީތެރިކަން ނުލިބޭތީ ހުރުމާއި ކެއިންބުއިމާއި ދަތުރުފަތުރަށް ހަރަދުކުރަން ޖެހެނީ އަމިއްލައަށް ކަމަށް އޭނާ ބުންޏެވެ. އަދި އަޝްފާ މަދުރާއީއަށް ދިޔައީ ހެޔޮ އެދޭ ފަރާތަކާ އެކުގައި ކަމަށް ވީނަމަވެސް، އޭނާއަށް ގިނަ ދުވަހު މަޑުކުރެވެން ނެތުމުން މިހާރު އުޅެމުންދަނީ އަގަށް އެޖެންޓެއް ހޯދައިގެންނެވެ.
އަޝްފާގެ ލޮލުގެ ޓެސްޓެއްގެ ނަތީޖާ
އަޝްފާގެ ލޮލުގެ ފަރުވާ މެދުކެނޑިއްޖެ ނަމަ ލޮލަށް އިތުރު ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގައި ޑޮކްޓަރު ފާހަގަކުރައްވާފައި ވާތީ އާއި، އެއީ ދުރު ސަރަހައްދަކަށް ވާތީ ޓިކެޓު ވެސް އަގުބޮޑުވުމުން އޭނާ ބޭނުންވަނީ ފަރުވާ ނިމެންދެން މަދުރާއީގައި މަޑުކުރުމަށެވެ.
އަޝްފާ ލޮލަށް ފަރުވަ ކުރުމަށް އިންޑިއާގައި ދިގު މުއްދަތެއް މިހާރުވެސް ހޭދަކޮށްފައިވާއިރު، އަދިވެސް ގިނަ ދުވަސްތަކެއް މަޑުކުރަން ޖެހޭނެތީ ފައިސާގެ ދަތިކަން ވަނީ އިންތިހާއަށް ކުރިމަތިވެފަ އެވެ. އެހެންކަމުން އަޝްފާގެ އެދުމަކީ ހެޔޮ އެދޭ ފަރާތްތަކުން އޭނާގެ ފަރުވާއަށް އެހީގެ އަތެއް ދިއްކޮށްލުމެވެ. އޭނާގެ ދެ ދަރިންގެ ހައްގުގައި ނަމަވެސް ވެދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޝްފާ އެދިފައިވެ އެވެ.
ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: 7730000201923 (މަރިޔަމް އަޝްފާ)
ޑޮލަރު އެކައުންޓް ނަމްބަރު: 7730000813877 (މަރިޔަމް އަޝްފާ)
އިތުރު މައުލޫމާތު ހޯދުމަށް: 7665740 (މަރިޔަމް އަޝްފާ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;