މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ކޯޓުގެ އަމުރުތަކަށް ނުކިޔަމަންތެރިވާ މީހުންނާއި ކޯޓުގެ ނިޒާމާ ހިލާފުވާ މީހުންނަށް އަދަބު ދިނުމުގެ އިހުތިޔާރު ކޯޓުތަކަށް އޮތް ނަމަވެސް، އެފަދަ އަމަލުތަކަށް ދެވެނީ ގިނަވެގެން 10،000 ރުފިޔާގެ ޖޫރިމަނާއެއް ނުވަތަ އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ނުވަތަ ގޭބަންދުގެ އަދަބެކެވެ. އަދި ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ވަކިވަކި އަމަލުތަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އިސްތިސްނާވާނެ ހާލަތްތައް މިހާރުގެ ގާނޫނުގައި ތަފްސީލުކޮށްފައެއް ނުވެ އެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މަޖިލީހަށް ހުށަހެޅި އާ އިސްލާހުގައި ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް މައިގަނޑު ދެ ބަޔަކަށް ބަހާލައި، އެ އަމަލުތައް ވަކިވަކިން ބަޔާންކޮށްފަ އެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހުގެ ތެރޭގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭ އަމަލުތަކުގެ ތެރޭގައި ހިމެނެނީ:
ފަނޑިޔާރަކަށް، ކޯޓުގެ މުވައްޒަފަކަށް ނުވަތަ ޝަރީއަތަށް ހާޒިރުވެ ހުރި މީހަކަށް މަލާމާތްކޮށް، ފުރައްސާރަކޮށް ނުވަތަ ބަދުބަސް ބުނުން
ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުގެ އަޑު ނުވަތަ މަންޒަރު ރެކޯޑުކުރުން ނުވަތަ އެފަދަ ވަސީލަތެއް ބޭނުންކުރުން
ޝަރީއަތުގެ މަޖިލީހުގެ ނިޒާމު ގެއްލޭ ފަދަ ގޮތަކަށް އަޑުގަދަކޮށް ހަމަނުޖެހުން ހިންގުން
މަގުބޫލު އުޒުރެއް ނެތި، ޝަރީއަތަށް ހާޒިރުވެ ހެކިބަސް ނުވަތަ މައުލޫމާތު ދިނުމަށް އިންކާރުކުރުން
ފަނޑިޔާރެއްގެ ނުވަތަ ކޯޓުގެ މުވައްޒަފެއްގެ ގައިގައި ނުރުހުމުގައި އަތްލުން، އަނިޔާ ދިނުން ނުވަތަ ކޯޓުގެ މުދަލަކަށް ގެއްލުން ދިނުން
މީގެ އިތުރުން ޝަރީއަތުގެ މަޖިލީހުން ބޭރުގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭ ކަންކަމުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވަނީ ކޯޓަކުން ނެރެފައިވާ އަމުރަކަށް ނުވަތަ ހުކުމަކަށް ގަސްދުގައި ނުކިޔަމަންތެރިވުމާއި، ފަނޑިޔާރަކަށް، ކޯޓުގެ މުވައްޒަފަކަށް ނުވަތަ ހެކިވެރިއަކަށް ބިރުދައްކައިގެން ނުވަތަ ރިޝްވަތު ދީގެން ޝަރީއަތަށް ހުރަސްއެޅުމެވެ. އަދި ހިނގަމުންދާ ޝަރީއަތެއްގެ އަދުލުވެރިކަމަށް ހުރަސްއެޅޭ ގޮތަށް ނުވަތަ ފަނޑިޔާރަކާ މެދު އާންމުންގެ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް އާންމުކޮށް ފެތުރުމާއި، ހުއްދަ ނެތި ނަގާފައިވާ ޝަރީއަތުގެ މަޖިލީހެއްގެ އަޑު ނުވަތަ ފޮޓޯ އާންމުކުރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ބިލުގެ 85 ވަނަ މާއްދާގައިވާ ގޮތުން، ޝަރީއަތުގެ މަޖިލީހުގެ ތެރޭގައި ކޯޓުގެ ހުރުމަތް ކަނޑައިފި ނަމަ އެ މީހަކު 25،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ. އަދި ޝަރީއަތުގެ މަޖިލީހުން ބޭރުގައި އެފަދަ އަމަލެއް ހިންގައިފި ނަމަ، 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ގިނަވެގެން ތިން މަސް ދުވަހަށް ޖަލަށް ލުމުގެ ބާރު ފަނޑިޔާރަށް ލިބެ އެވެ. ނަމަވެސް ޖަލު އަދަބެއް ކަނޑައެޅޭނީ އެ އަމަލު ގަސްދުގައި ހިންގާފައިވާކަން ސާބިތުވާ ހާލަތްތަކުގަ އެވެ.
މި އިސްލާހުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނުބެލެވޭނެ އިސްތިސްނާ ހާލަތްތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ޝަރީއަތުގެ ރިޕޯޓުތައް ތެދުވެރިކަމާއެކު ޝާއިއުކުރުމާއި، ކޯޓުގެ ނިންމުންތަކަށާއި ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ނިޔަތުގައި ބިނާކުރަނިވި ފާޑުކިޔުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޝަކުވާ ހުށަހެޅުން ހިމެނެ އެވެ.
މީގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގެ ކުރިން އެ މީހަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި، ހެޔޮ ނިޔަތުގައި މައާފަށް އެދިއްޖެ ނަމަ އަދަބު ލުއިކޮށްދިނުން ނުވަތަ މައާފުކޮށްދިނުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.