މިދިޔަ މަހުގެ 29 އިން މޭ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށްދިޔަ މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގަ އެވެ.
މި ރޯޑްޝޯގެ މައިގަނޑު ބޭނުމަކީ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމާއި، ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި މި އަހަރުގެ ޖެނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިއަން ޑޮލަރު ވަނީ މި ދާއިރާއަށް ދޫކޮށްފަ އެވެ.
މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައި މިވަނީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހުގަ އެވެ. ބޭންކުން ދަނީ ފައިދާގެ ނިސްބަތާއި، ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ، ރެގިއުލޭޓަރީ މިންގަނޑުތަކަށްވުރެ މަތީގައި ދަމަހައްޓަމުންނެވެ. ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބޭންކު އޮތީ ވަރުގަދަ މާލީ ހާލަތެއްގައި ކަމަށްވުމީ ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމަށް ލިބޭ ފަހި ފުރުސަތެކެވެ.
ހައުސިން ޔުނިޓްތަކުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް - ފޮޓޯ: ހައުސިން މިނިސްޓްރީ
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނުނު ކަމަށެވެ.
މިއީ ރާއްޖޭގެ އިގުތިސާދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވި އެވެ.
ބީއެމްއެލްއިން މިއަދު ބުނީ، މިއީ ބައިނަލްއަގުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓެރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއްކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;