ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އައިޝަތު އިކްރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް އެވެ. މިސާލެއްގެ ގޮތުގައި އެ ސިޓީގައި ލިޔުއްވާފައި ވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" އެވެ.
އަތޮޅު ކައުންސިލްތަކުގެ އުމުރު މިއަދަށް ހަމަވެ، އެ ކައުންސިލްތައް މިހާރު އުވިފައިވާއިރު، އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ލާމާރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ވެސް އެ ސިޓީގައި ރައީސް އަންގަވާފައި ވެ އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެނައި އިސްލާހާ އެކު މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ދައުރު މިއަދަށް ހަމަވުމާ އެކު، އަތޮޅު ކައުންސިލްތައް ވަނީ އުވިގެން ގޮސްފަ އެވެ.
މިފަހުން ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވެންޓުންގެ ގޮތުގައި ވެސް ވަނީ ހަމަޖައްސައިފަ އެވެ. ގާނޫނު ކުރިން އޮތް ގޮތުން އެލްޖީއޭގެ އިދާރީ މުވައްޒަފުންނަކީ އެލްޖީއޭގެ ސީއީއޯގެ ލަފައާ އެކު އެ އޮތޯރިޓީގެ ބޯޑުން އައްޔަންކުރާ ބައެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;