އެމްޑީޕީން އިއްޔެ ކުރި އިއުލާންގައި ވާގޮތުން، ޝަކުވާ ހުށަހަޅަން ހުޅުވާލީ، ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާ އާއި ރީ-ރަޖިސްޓްރޭޝަން އާއި ގުޅިގެން ގެނެވުނު ބަދަލުތަކަށެވެ.
އެ ބަދަލުތަކަށް ޝަކުވާ ހުށަހެޅެނީ، އަންނަ ބުދަ ދުވަހުގެ 14:00އާ ހަމައަށް ފޯމު މެދުވެރިކޮށެވެ.
އެމްޑީޕީން ބުނީ، މި ފުރުސަތުގައި ކުރިން ހުށަނާޅާ އާ ޝަކުވާ ބަލައި ނުގަންނާނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމާއި އިބްރާހީމް މުހައްމަދު (ވާޑު) އެވެ. މި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ނަޝީދާއި މީކާއިލްއާ ދެމެދުގަ އެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;