މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ އެހީގައި ހަދައިދޭން ނިންމާފައަިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައެވެ. މި މަސައްކަތް ކޮށްދެނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައެވެ. މި މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 23ގައި ޗައިނާގައިވަނީ ސޮއިވެސްކޮށްފައެވެ.
މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށަން ހަދަންޖެހޭ ސާވޭތައް ހެދުމަށް ޗައިނާގެ ޓީމެއް 2024 ވަނަ އަހަރު މާލެ އައިސް ސާވޭވެސް ކުރިއެވެ. އެހެންނަމަވެސް މިހާތަނަށް މަސައްކަތް ފަށާފައެއް ނުވެއެވެ.
އިންފްރާސްޓަރްޗާ މިނިސްޓްރީން އަނެއްކާވެސް މިއަދު ބުނީ މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތަފްސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް މިއަދު ފަށާފައިވާކަމަށެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޫއުގެ ތެރެއިން، މަސައްކަތާގުޅެ ސަރަޙައްދުތައް ސާވޭކުރުމާއިި ކަމާގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަމަހުގެ 4 ގެ ނިޔަލަށް ކުރިއަށްދާނެކަމަށްވެސް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން މިއަހަރުގެ މެދުތެެރޭ އަމަލީ މަސައްކަތް ފަށާނެކަމަށް މީގެކުރިން މިނިސްޓަރު މުއްތަލިބު ވިދާޅުވިނަމަވެސް މިދިޔަ މަހުގެ ހަތަރު ވަނދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ބުނަން ނޭނގޭކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;