ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ، އަސާސީ މުދަލުގެ އެވްރެޖް އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ އިންޑެކްސް (އީސީޕީއައި)އިން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު އަސާސީ ބާވަތްތަކުގެ އަގު ވަނީ 6.35 ޕަސެންޓް އިތުރުވެފަ އެވެ. އެއީ ފާއިތުވި ފަސް މަސް ތެރޭގައި އެ އަދަދު އެހާވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.
މެއި މަހުގެ ކުރިން، އަހަރުން އަހަރަށް ބަލާއިރު މާލޭގައި ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ އޭގެ ކުރިން އައި އޭޕްރިލް މަހެވެ. އެގޮތުން އެ މަހު ތަކެތީގެ އަގު 4.4 ޕަސެންޓް އުފުލުނެވެ.
އޭޕްރިލް މަހާ އަޅައިބަލާއިރު، މިދިޔަ މަހު ތަކެތީގެ އަގު ވަނީ 1.14 ޕަސެންޓް އިތުރުވެފަ އެވެ.
ވަކިވަކި ބާވަތްތަކަށް ބަލާއިރު، ކާނާގެ ބާވަތްތަކުގެ އަގު ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 6.37 ޕަސެންޓް އިތުރުވެފަ އެވެ. އަދި ބުއިމުގެ ބާވަތްތަކުން 5.08 ޕަސެންޓްގެ އިތުރުވުމެއް ފެނިފައި ވެއެވެ. މީގެ އިތުރުން، ކޮފީ އާއި ސައި އަދި ޖޫހުގެ އަގުތައް ވެސް މިދިޔަ މަހު ވަނީ އުފުލިފަ އެވެ.
އޭޕްރީލް މަހާ އަޅާބަލާއިރު މިދިޔަ މަހު:
ގެރިމަސް ފަދަ ބާވަތްތަކުގެ އަގު 22.61 ޕަސެންޓް ވަނީ އުފުލިފައި
ހަކުރާއި މާމުޔާއި ޗޮކްލެޓް ފަދަ ބާވަތްތަކުގެ އަގު 10.41 ޕަސެންޓް ވަނީ އުފުލިފައި
ކިރާއި ބިސް ފަދަ ބާވަތްތަކުގެ އަގު 8.48 ޕަސެންޓް ވަނީ އުފުލިފައި
އަހަރުން އަހަރަށް ބަލާއިރު އަސާސީ ތަކެތީގެ އަގުތައް 18.58 ޕަސެންޓް ވަނީ އުފުލިފައި
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކު ކާބޯތަކެތީގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އދ. އިން މިހާރު ވަނީ ދީފަ އެވެ.
މެދުއިރުމަތީގައި އުފެދިފައިވާ މި ނުތަނަވަސްކަން ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ. އދ. އިން ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;