ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 07 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ “From burden to solution – safe food everywhere” އެވެ.
މިއަހަރުގެ ޝިޔާރާއި ގުޅިގެން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ރައްކާތެރިނޫން ކާބޯތަކެތީގެ ސަބަބުން އިންސާނުންގެ ދުޅަހެޔޮކަން ގެއްލި، އެކި ބަލިތަކަށް މަގުފަހިވާކަމާއި، ކާބޯތަކެތީގެ ސަބަބުން ޖެހޭ ބަލިތައް މަދު ކުރުމަށް ރައްކާތެރި ކާބޯތަކެތީގެ މާހައުލެއް ގާއިމުކުރުމުގެ މުހިއްމުކަމާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސައިންޓިފިކް ހޯދުންތަކުގެ ބޭނުންހިފައި، ހަރުދަނާ ނިންމުންތަކެއް ނިންމުމުގެ މުހިއްމު ކަމުގެ މައްޗަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތައް ދައްކާގޮތުން، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރަކު 600 މިލިއަން މީހުން ބަލިވެއެވެ. އަދި އަހަރަކު 420,000 މީހުން އެ ބަލިތަކުގައި ފުރާނަ ދޫކުރާކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކައެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ މިބަލިތަކުން އަސަރުކުރުވާ މީހުންގެ 40 ސައްތައަކީ 5 އަހަރުން ދަށުގެ ކުދިންކަމަށްވެސް އެ ޖަމްއިއްްޔާއިން ބުނެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި އެއް މުއައްސަސާއަކުން ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެއީ އުފައްދާ ފަރާތުން ފެށިގެން ބޭނުންކުރާ ފަރާތްތަކާއި ހަމައަށް ހުރިހާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.
އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެތަކެތި އުފެއްދުމުން ފެށިގެން ބޭނުންކުރުމާ ހަމައަށް ހިމެނޭ ހުރިހާ މަރުހަލާއެއްގައި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކޮށްގެން ކަމަށެވެ.
މީގެ ތެރޭގައި ދަނޑުވެރިކަމާ، ކާބޯތަކެތި ތައްޔާރުކުރުމާ ގުދަންކުރުމުގެ އިތުރުން ވިޔަފާރިކުރާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރުން ހިމެނޭއިރު، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުކުރުމަށްޓަކައި ބަލިތައް ފެތުރޭ ގޮތުގެ މައުލޫމާތު ހޯދާ، އެކަންކަމަށް އަމަލީ ގޮތުން ހައްލު ހޯދުމަކީ ވެސް އެންމެންގެ ޒިންމާއެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;