ވީއެމްސީގެ އަހަރީ އާންމު ޖަލްސާ މިއަދު މީރުމާ ހޯލުގައި ބާއްވާފައިވާއިރު، އެ ކުންފުނިން ބުނީ ހުސްވި އަހަރަކީ ފާއިތުވި 9 އަހަރު ތެރޭ މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ 2025 ވަނަ އަހަރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ސެލްފް ޖެނެރޭޓެޑް އިންކަމްގެ ގޮތުގައި 32.54 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިއީ އެ ކުންފުންޏަށް މިދިޔަ އަށް އަހަރު ތެރޭގައި ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.
މި އާމްދަނީ ހޯދާފައި ވަނީ މެންބަރޝިޕް ފީ، ބައިނަލްއަގުވާމީ ފެއާ އަދި ރޯޑްޝޯތަކުގެ އިތުރުން ޕަބްލިކޭޝަންތަކާއި ކުންފުނީގެ މަންފާއަށް ކުރެވުނު އެެހެނިހެން މަސައްކަތްތަކުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.
2025 ވަނަ އަހަރު ކުންފުނިން މާކެޓިން ހަރަކާތްތަކުގެ ތެރޭގައި، 46 ޑެސްޓިނޭޝަން ކެމްޕޭން، 27 ކޮލަބްރޭޝަން ހަރަކާތް، 16 ބައިނަލްއަގުވާމީ ފެއާ، 14 ފެމިލިއަރައިޒޭޝަން ޓްރިޕް، އަދި ޕަބްލިކް ރިލޭޝަންސްގެ 27 ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައި ވެއެވެ.
މިދިޔަ އަހަރު ރާއްޖެއިން ވަނީ ޖެހިޖެހިގެން ހަވަނަ ފަހަރަށް ދުނިޔޭގެ ފަތުރުވެރިކަމުގެ އެއްވަނަ މަންޒިލުގެ އެވޯޑު ހޯދައިފަ އެވެ.
ވިޒިޓް މޯލްޑިވްސްގެ ހަރަދުތަކުގެ 90 ޕަސެންޓް ހަމަޖައްސަނީ ސަރުކާރުން ދޭ އެހީގެ ތެރެއިންނެވެ. މިދިޔަ ދެ އަހަރު ވެސް އެ ކުންފުންޏަށް ދައުލަތުގެ ބަޖެޓުން 154 މިލިއަން ރުފިޔާ ދީފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;