ads
ފެންހިންދާ ވެލިބަސްތާ ޖަހަން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، ފެންހިންދާ ވެލިބަސްތާ ޖަހަން ސިފައިންނާއި ފުލުހުން ނިކުމެއްޖެ
ބޯކޮށްވާރޭވެހި މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ފެންހިންދާ ވެލިބަސްތާ ޖަހަން ސިފައިންނާއި ފުލުހުން ނިކުމެއްޖެ އެވެ.
Advertisement

ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކައި ގޭގެ އޮޅިގަނޑު އުސްކުރުމަށާއި، ފެންބޮޑުވެ ގެއަށް ފެންވަނުމުގެ ކުރިން ވެލިބަސްތާ ޖެހުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ފުލުހުން ބުނީ މޫސުން ގޯސްވެ މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ ގެދޮރަށާއި މުދަލަށް ގެއްލުންވަމުންދާތީ ހުރިހާ ރައްޔިތުންވެސް މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ. އަދި މި ހާލަތާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ދަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ކަމަށް ވެސް ބުންޏެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވިފައިވާތީ، މެޓް އޮފީހުން ވަނީ ކަނޑުގެ ޙާލަތަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ރަސްމީ އިދާރާތަކުން ދޭ މޫސުމީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެދިފަ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް