ސޯލިހު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބުކުރަން ބޭއްވި އިންތިހާބުގައި ބޮޑު ތަފާތަކުން އެ މަގާމު ނަޝީދު ކާމިޔާބުކުރައްވާފައިވާތީ މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމަނިކުފާނު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ނަޝީދުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް، ނަޝީދު ވަނީ އިންތިހާބުކޮށްފަ އެވެ.
މީގެ ތިން އަހަރު ކުރިން ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީ އަދި ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ނަޝީދު ވަނީ 21 ޖޫން 2023 ގައި އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. ނަމަވެސް ދެ އަހަރަށް ފަހު އެ މަނިކުފާނު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން 23 ގަ އެވެ.
މި އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާފައިވަނީ، "ބޮޑު ބަދަލު"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރައްވައި، އެމްޑީޕީ އަނެއްކާވެސް "ވަރުގަދަ" ކުރައްވާނެކަމުގެ ވައުދާ އެކު އެވެ.
ނަޝީދުގެ "ބޮޑު ބަދަލު" އިއުލާނު ކުރައްވާފައިވަނީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާ ގުޅިގެންނެވެ.
މި އިންތިހާބުގައި ސޯލިހު ތާއީދުކުރެއްވީ މީކާއިލަށެވެ. މީކާއިލުގެ ކެމްޕޭންތަކުގައި ސޯލިހު ހަރަކާތްތެރިވެވަޑައިގަތެވެ. އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބަކީ ނަޝީދު ވާދަކުރައްވަން ޖެހިވަޑައިގަންނަވާ އިންތިހާބެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މިހާރު ފުރުސަތު ދޭންވީ އާ ލީޑަރުން އުފެއްދުމަށް ކަމަށް ސޯލިހު ކުރިން ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރު ޖަވާބުދާރީ ކުރުވައި، ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައި ބައިވެރިވާން، ސިޔާސީ ވާދަވެރިންނަށް ނަޝީދު ރޭ ވަނީ ދައުވަތު ދެއްވައިފަ އެވެ. ރޭ އާޓީފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ކޮންމެ ގައުމެއްގެ ހަޔާތުގައި ވެސް، އެ ގައުމެއްގެ ހާލަތު ބަދަލުކުރުމުގެ ވަގުތު އަންނަ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީ އަލުން އަނބުރައި ޕާޓީގެ މެމްބަރުންނަށް ހޯދައި ދެވުމަކީ ފެށުމެއް ކަމަށެވެ.
އެހެންކަމުން، ރާއްޖެ ސަލާމަތް ކުރުމުގައި އެމްޑީޕީގައި އަދި މުޅި ރާއްޖޭގައި ތިބި ޒުވާނުން ތެދުވެ، އާދީއްތަ ދުވަހުން ފެށިގެން އެ މަނިކުފާނު ފައްޓަވައި މަސައްކަތުގައި ބައިވެރިވުމަށް ވެސް ނަޝީދު ގޮވައިލެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;