ads
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން - ފޮޓޯ: އެމްޑީޕީ
ޗެއާޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރެއްވުން ރަނގަޅެއް ނޫން: އިބޫ
ޖޫން 12 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، މިއީ އާ ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ސޯލިހްގެ އުފަން ރަށް -- ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން އާ ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތަކީ މިއީ ކަމަށެވެ. އެހެންވެ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބެއްގައި ރައީސް ނަޝީދު ވާދަކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ. 

ޒުވާނުން ވޯޓުލާ ޕަސެންޓު އިތުރުވަމުން އަންނައިރު، އެމްޑީޕީގެ ލީޑަޝިޕް އެހެން މި ވަގުތު ޖީލަކަށް ބަދަލު ނުކުރެވިއްޖެ ނަމަ، އިބޫ ވިދާޅުވި ގޮތުގައި ޖީލަކަށް އެ ގެއްލެނީ އެމްޑީޕީގެ ލީޑަޝިޕަށް އައުމުގެ ފުރުސަތެވެ. ރާއްޖެ ދުށް ދިގު 30 އަހަރުގެ ވެރިކަމުގެ ސަބަބުން ދިމާވި މައްސަލަތައް އެމްޑީޕީ އަށް ދިމާވާން ބޭނުންފުޅު ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ތަޖުރިބާއިން ވެސް އެނގޭ ކަމަކީ އާ ލީޑަރުން އުފެދެން ޖެހޭ ކަން ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީއަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާ އެކު ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ދެމިހުންނަންވީ ވަގުތު، އެހެންވީމަ އެހެން ބަޔަކަށް މި ފުރުސަތު ދީފައި އަޅުގަނޑުމެން އެ ބަޔަކާ އެކު ކުރިއަށް ދާންވީ،" އިބޫ ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ އަށް އަންނަ މަހު 21 އަހަރު ފުރޭނެ ކަމަށާއި އެ ދުވަހު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރަކީ އެ ޕާޓީން އިންތިހާބުވި ދެ ރައީސުންނާއި މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން އަދި ޕާޓީގެ ޗެއާޕާސަން ކަން ކުރެއްވި ހުރިހާ ބޭފުޅުން އެއް ތަނެއްގައި އަތުރާލައި، އާ ލީޑަރުންނަށް ޕާޓީގެ ހިނގުން ހަވާލުކުރުން ކަމަށެވެ. 

މީކާއިލްއަށް ތައުރީފް ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ ހަރުދަނާކޮށް ވަރުގަދަ ޕާޓީއަކަށް ހެދުމަށްޓަކައި ރަނގަޅު މެނިފެސްޓޯއެއް މީކާއިލްގެ އަތުގައި އެބައޮތް ކަމަށެވެ. އަދި މީކާއިލް އަކީ އެއްވެސް އަތަކަށް ނުޖެހި ޕާޓީގެ ތެރޭގައި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ ގާބިލްކަން ހުރި ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;