ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ ޖަލާއި ގުޅޭ ގޮތުން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް ގައިދީން ބޭތިއްބުމުގެ މައްސަލަކަމަށެވެ. އަދި އެކަމުގެ ސަބަބުން ނުރައްކާތެރި ކުށްވެރިންނާއި ކުދިކުށްތަކުގައި ބަންދުކުރެވޭ މީހުން އެއްކޮށް ބޭތިއްބުމުގެ ނުރައްކާ އޮތްކަން ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބުމާއި، އުސޫލެއް ނެތި ބާރުގަދަ ނަފުސާނީ ބޭސް ދިނުމާއި، ޓީބީ ފަދަ ގައިންގަޔަށް އަރާ ބަލިތައް ޖެހިފައިވާ މީހުން ވަކިކުރެވޭނެ އިންތިޒާމެއް ނެތްކަމުގެ ޝަކުވާތައްވެސް ލިބެމުން އަންނަކަމަށް ކުޑޫގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އަންހެން ގައިދީންނަށް ބޭނުންވާ ސެނިޓަރީ ޕެޑް ފަދަ އަސާސީ ތަކެތި ހޯދުމުގައި ދަތިތައް ހުރިކަންވެސް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ.
ގައިދީން ތިބޭ ގޮޅިތަކުގައި ވެންޓިލޭޝަން ދަށްވުމުގެ ސަބަބުން ހޫނުގަދަވުމާއި، ފާހާނާތައް މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން ބަލިމަޑުކަން ފެތުރުމުގެ ބިރު އޮތް ކަމަށްވެސް ކުޑޫ ވަނީ ވިދާޅުވެފައެވެ. ޖަލު ކޮއްތުގެ ފެންވަރު ދަށްވުމާއި، ސާފުތާހިރުކަން ކުޑަވުމުގެ ޝަކުވާތައްވެސް ލިބިފައިވާކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން "ވާނުވާ" ބަންދުގައި ވަކި ދުވަހެއް ނޭނގި ދިގު މުއްދަތަކަށް ބަންދުގައި ތިބެންޖެހުމުން ގައިދީންނަށާއި އާއިލާތަކަށް ބޮޑެތި ނަފުސާނީ އަދި އިޖުތިމާއީ ދަތިތަކާ ކުރިމަތިވާކަންވެސް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ.
ކޫޑޫ ވަނީ މިކަންކަމުގެ ޖަވާބު ހޯދުމަށް ކަރެކްޝަންސްގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރުމަށް އެދިވަޑައިގެންފައެވެ. އަދި އޭގެއިތުރުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ މެމްބަރުން ޖަލުތަކަށް ޒިޔާރަތްކޮށް ހާލަތު ބެލެމަށްވެސް މަޖލީހުގައި ރައީސަށް ކުޑޫ ފޮނުވި ސިޓީގައި އެދިިވަޑައިގެންފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;