މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛުކުރުމާބެހޭ ބިލު ރައްޔިތުން މަޖިލިހަށް ހުށައެޅީ ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު އެވެ.
މަޖިލިހަށް ހުށައެޅި ބިލިގައިވާ ގޮތުން މަރަށް ހުކުމް އިއްވާ ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާނީ، އޭނާ ދަންޖައްސައިގެންކަމަށެވެ. އެގޮތުން ދަންޖެއްސުން ކަމަށް ބުނެފައި އެވަނީ، ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި، އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށްފަހުގައި، އެ މަޅީގައި އޭނާ އެލޭނެ ގޮތް ހެދުންކަމަށެވެ.
ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ބޭނުންކުރާ އާލަތްތަކާއި ތަކެތި، އަދި އެކަން ކުރާ ގޮތް، އެއީ، ކުށްވެރިޔާއަށް އެންމެ. ވޭން ކުޑަވާނެ ގޮތަކަށް އަދި ވިއެންމެ އަވަހަކަށް އަދަބު ތަންފީޒުކުރެވޭނެ އާލަތްތަކާއި ތަކެއްޗަށް- އަދި ގޮތަކަށް ކަމުގައި ވާންވާނެކަމަށް ބިލުގައި ވެއެވެ.
އެގޮތުން ދަންޖެއްސުމުގައި ބޭނުންކުރާ އާލާތްތަކަކީ އެކަމަށް އެކަށޭނަ ހާލާތްތަކަށްވާން ޖެހޭނެކަމަށާއި އަދި ދަންޖައްސާ ގޮތަކީ އެންމެ އަވަހަށް ކުށްވެރިޔާގެ ފުރާނެ ދާނެގޮތްކަމަށްވާން ޖެހޭނެކަމަށްވެސް މި ބިލުގައިވެއެވެ. މީގެއިތުރުން ދަންޖެއްސުމުގައި ހަރަކާތްތެރިވާ މީހުންނަކީ އެކަމުގެ ތަމްރީނުތައް ލިބިފައިވާ މީހުންނަށް ވާންޖެހޭކެމަަށްވެސް މި ބިލިގައި ވެއެވެ.
މީހެެއްގެ މައްޗަށް މަރުގެ އަދަބު އިއްވާއިރު އެތަނުގައި ޕޮލިސް ކޮމިޝަނަރު ނުވަތަ އޭނަ ކަނޑައަޅާ މީހަކު، ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ މީހަކު، ކޮމިޝަނަރު އޮފް ޕްރިޒަން ނުވަތަ އޭނާ ކަނޑައަޅާ މީހަކު އަދި ޑޮކްޓަރަކު ހުންނަންޖެހޭނެކަމަށްވެސް މި ބިލިގައި ވެއެވެ.