ފުލުހުން ބުނީ މި މަހު 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ކޯޓު އަމުރެއްގެ ދަށުން ހިންގި އެ އޮޕަރޭޝަންގައި ދުވާފަރު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 65 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ކަބީލާއާގެ، ހާޖަރާ މާއިސާ އަލީ (26އ) އާއި ރ. ދުވާފަރު / ދަފްތަރު ނަންބަރު 0235، އަބްދުﷲ އަލީ (33އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހާޖަރާ މާއިސާ އަލީ ހަތްދުވަހަށް އަދި އަބްދުﷲ އަލީ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މުއްދަތު ޖަހާދީފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.