ވަރުގަދަ އެޓޭކިން ކުޅުމަކާއެކު ފެށި މެޗުގެ 13 ވަނަ މިނެޓުގައި އިންގްލެންޑުން ނުރައްކާކުރި އެވެ. ހިލޭ ޖެހުމެއްގެ ތެރެއިން ޑެކްލެން ރައިސް، ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގާނާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިންގްލެންޑުން ނުރައްކާކުރުމަށް މަސައްކަތްކުރަމުންދިޔަ އިރު، ގާނާ އިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ޑިފެންސަށް ވިސްނައިގެންނެވެ. އިންގްލެންޑަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެ އެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި އިންގްލެންޑަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެ އެވެ. ނޮނީ މަޑުއެކޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ރައިސް ބޮލުން ފޮނުވާލި ހަމަލާ، ގާނާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އިންގްލެންޑް ކެޕްޓަން ހެރީ ކޭންގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ގާނާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެ ވަަނަ ހާފުގައި އިންގްލެންޑުން ކޯނަރާއި ހިލޭޖެހުންތަކުގައި އޭރިއޭތެރެއަށް ރަނގަޅު ބޯޅަތަކެއް ކުޅުނު ނަަމަވެސް، އޭގެއިން ވެސް މާބޮޑު ފައިދާއެއް ނެގޭ ގޮތް ވަނީ ނުވެފަ އެވެ.
މި މެޗުގައި އިންގްލެންޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 85 ވަނަ މިނެޓްގަ އެވެ. އެގޮތުން އިންގްލެންޑްގެ ނިކޯ އޯރައިލީ ބޮލުން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސުން ކޭން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
މި ނަތީޖާއާއެކު މި ގްރޫޕުން ދެ ވަނަ ބުރު އަދި އެއްވެސް ޓީމަކަށް ޔަގީނެއް ނުވެ އެވެ. އިނގިރޭސިން އެއްވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު ގޯލުގެ ތަފާތުންނެވެ. ގާނާ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވެ އެވެ. މި ގްރޫޕުގައި މިވަގުތު ޕޮއިންޓެއް ނުލިބިވަނީ މިރޭ ކުޅޭ ކްރޮއޭޝިޔާ އާއި ޕެނަމާ އަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;