ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) އަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެންމެ ބޮޑު ކަނޑުގެ ސަރަހައްދެވެ. އަދި މި ސަރަހައްދަކީ ފެހުރިހި ބަލުމަށްޓަކައި ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވިން އަދި ސްނޯކްލިން ފަދަ ހަރަކާތްތަކެއް ގިނަ އަދަދަކަށް ހިންގާ ސަރަހައްދެކެވެ.
އެހެންކަމުން އެ ސަރަހައްދުގައި ބޭނުން ކުރާ އުޅަނދުފަހަރުގެ ބުރަފަތިން އިންސާނުންނާއި ފެހުރިއްސާ އަދި އެހެނިހެން ދިރޭ ނަސްލު ރައްކާތެރިކުރުމަށް އުޅަނދުތަކުގެ ބުރަފަތީގައި (ޕްރޮޕެލާ ގާޑް) އެޅުވުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. މިއީ މި ސަރަޙައްދުގައި ހިންގާ ފަތުރުވެރިކަމާއި ކަނޑުގެ ހަރަކާތްތަކަކީ އިންސާނުންނަށާއި ތިމާވެއްޓާ ރައްކާތެރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ހަރަކާތްތަކެއް ކަމުގައި ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ.
ސަމްޕާ ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލު ކުރަން އެކުލަވާލެވިފައިވާ ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭންއަށް ގެނައި ބަދަލާއި އެކު އެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރުގައި މިމަހުގެ ކުރިން ޕްރޮޕެލާ ގާޑު އަޅުވަން ވަނީ އަންގާފައެވެ. އަދި އެ މުދައްތު ހަމަވުމުން މި ސަރަހައްދަށް ވަނުމަށް އެދި ރަޖިސްޓްރީކޮށްދެވޭނީ ޕްރޮޕެލާ ގާޑު ހަރުކޮށްފައިވާ އުޅަނދުތަކަށް އެކަނިކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ވަނީ އަންގާފައެވެ.
އެހެންނަމަވެސް 30 ޖޫންގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުތަކާއި އަދި އެ މުއްދަތުގެ ކުރިން އޮތޯރިޓީގައި ރެޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް ޕްރޮޕެލާ ގާޑު އެޅުވުމަށް އިތުރު މުދައްތެއް ދޭނެކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ވަނީ ބުނެފައެވެ. އަދި ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ ގެ މެނޭޖްމަންޓް ޕްލޭންގެ ގަވާއިދުތަކަށް މި ސަރަހައްދު ބޭނުން ކުރާ އެންމެހާ ފަރާތްތަކުން އިޖާބަ ދިނުމަށްވެސް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ވަނީ އިލްތިމާސްކޮށްފައެވެ.
ސަމްޕާގެ ނަމުން ނަންދީފައިވާ ސަރަހައްދު ބަލަހައްޓަން މިހާރު ފުލުހުން ވަނީ ނުކުމެފައެވެ. އެ ސަރަހައްދުގައި ބައެއް ހާދިސާތައް ހިނގާ ފަތުރުވެރިންް ވަނީ މަރުވެސްވެފައެވެ. އެގޮތުން މިދިޔަ އަހަރު އެ ސަރަހައްދަށް ފޭބި މީހެއްގެގައި ލޯންޗެއްގެ ބުރަފަތިން ޖެހި ލިބުނު ޒަހަމްތަކުގައި އެމީހާ ވަނީ މަރުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;