އެމެރިކާގެ ނިއުޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ.
ދެ ވަަނަ ހާފުގައި އިންގްލެންޑުން އެޓޭކަށް ދާ ބޯޅަތައް ކުޅުން އަވަސްކޮށް ފުރުސަތުތައް ހޯދަން ފެށި އެވެ. އެ ގޮތުން، މެޗުގެ 57 ވަަނަ މިނިޓްގައި ކޭން ފޮނުވާލި ބޯޅައެއް ޕެނަމާ ކީޕަރު، އޯލާންޑޯ މޮސްކޭރާ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 62 ވަނަ މިނެޓުގައި އިންގެލެންޑުން ގޯލު ޖަހައި ލީޑު ހޯދިއެވެ. ކޯނަރަކުން ސަކާ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބެލިންހަމް އެވެ.
އޭގެ އިރުކޮޅެއް ފަަހުން، އިންގްލެންޑުން ވަނީ ލީޑުފުޅާކޮށްފަ އެވެ. މިއީ، ބެލިންހަމް ނެގި ހުަރަހަކުން ކޭން ބޮލުން ޖެހި ގޯލެކެވެ. މިއީ، ވޯލްޑް ކަޕް މުބާރާތްތަކުގައި ކޭން ޖެހި 11 ވަނަ ގޯލެވެ. މިއާ އެކު، އިންްގްލެންޑަށް ވޯލްޑް ކަޕްތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ކޭން އަތުގަ އެވެ. މި ރެކޯޑު މީގެކުރިން އޮތީ ގެރީ ލިނެކާގެ އަތުގަ އެވެ.
މީގެ އިތުރުން މި މެޗުގައި އިންގްލެންޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ކުޅެން އެރުމާއެކު، އޭނާ ވެގެންގޮސްފައިވަނީ ހަތަރު ވޯލްޑް ކަޕެއްގައި އިނގިރޭސިވިލާތް ތަމްސީލުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ކްރޮއޭޝިއާއިން ވަނީ 2-1 ގެ ނަތީޖާއަކުން ގާނާ ބަލިކޮށްފަ އެވެ. ގްރޫޕުގެ ފަހު މެޗުތަކުގެ ނަތީޖާއަށްފަހު އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ ލިބިފައިވަނީ ހަތް ޕޮއިންޓާއެކު އެވެ. ހަ ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައިގެ ގޮތުގައި ކްރޮއޭޝިއާއަށް ދެވަނަ ބުރުން ޖާގަ ލިބުނު އިރު، ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި ނިންމާލި ގާނާއަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ.
ގާނާއަށް ފުރުސަތު ލިބެނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ޕެނަމާ އިން މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;