ads
އުސްގެކޮޅު
އުސްގެކޮޅު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަނީ
މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ އާސާރީ ބިނާއެއް ކަމަށްވާ އުސްގެކޮޅު ސަރުކާރުގެ ގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
Advertisement

ތަރުޖަމާނު މިހެން ވިދާޅުވެފައި މިވަނީ ސަލްޓަންޕާކުގައި ހުންނަ ތާރީހީގެ، އުސްގެކޮޅުގައި ގްރެފިޓީ ކުރަހައި އެތަނަށް ގެއްލުންދިން މައްސަލައެއް ފެންމަތިވެ އެކަން ބަލަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފައިވަނިކޮށެވެ. 

އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ އުސްގެކޮޅު ހިމަނައިގެން އިންޓަރެކްޓިވް މިއުޒިއަމެއް އަޅަން  ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި އެކަން ކުރަން އެތަނުގެ ތަޅުދަނޑި ހަވާލުކުރަން މާލޭ ސިޓީކައުންސިލްގައި އެދުނުތާ ދެ އަހަރު ވެއްޖެ ކަމަށާއި ތަޅުދަނޑި ހަވާލުކުރަން ކައުންސިލުން އެއްބަސްވެ އެކަން ނުކުރާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެ ތަނުގެ ތަޅުދަނޑި ހޯދަން ސިޓީކައުންސިލާ އަނގަބަހުން މަޝްވަރާކޮށް، ލިއުމުން އަންގައި އަދި އެތަައް ފަހަރަކު ފޯނުންވެސް މިހާރު މުއާމަލާތުކޮށްފައިވާކަމަށް ތަރުޖަމާނު މުންދު ވިދާޅުވިއެވެ. 

" އަސްލުގައި ފަހުން މިތަނަށް ވަން އިރު އަސްލުގައި ގްރެފިޓީއެއް ނޫން އިނގޭތޯ. އެތާ ތެރެއަށް ގާނޫނާ ހިލާފަށް ބަޔަކު ވަދެ، އެތާ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފައި ހުރިކަމުގެ އަސަރުތައްވެސް އެބަހުރި ފެންނަން. އެހެންވީމާ އެ ފެންވަރަށް އެތަން ނުބެލެހެއްޓި ހުރި ހުރުމާ އެކުގައި މިހާރު ސަރުކާރުން މި ނިންމީ އޮންނަ އުސޫލުގެ ތެރެއިން، ކަމާ ބެހޭ ފަރާތްތަކުގެ ތެރެއިން ޑިވެލޮޕްކޮށްގެން އެތަން އެބޭފުޅުންގެ ބެލުމުގެ ދަށުން ނަގަން،" މުންދު ވިދާޅުވިއެވެ.

އުސްގެކޮޅު ބެލެހެއްޓުން ސިޓީ ކައުންސިލް އަތުން ނަގާ ސަރުކާރުން ހަވާލުވުމަކީ އެ ތަން ހިމަނައިގެން ހިންގަން ނިންމާފައިވާ މަޝްރޫއާ ގުޅިގެން ކުރަން ޖެހޭ ކަމެއްކަމަށްވެސް މުންދު ވިދާޅުވިއެވެ. އެހެންނަމަވެސް އެތަން ބެެލެހެއްޓުމާ މިހާރުން މިހާރަށް ހަވާލުވާން ޖެހެނީ ސިޓީ ކައުންސިލަށް އެތަން ނުބެލެހެއްޓޭތީ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

އުސްގެކޮޅުގައި ގްރެފިޓީ ކުރަހައި އެތަނަށް ގެއްލުންދިން މައްސަލަ ފުލުހުންނާ ގުޅިގެން އެކަން ހިނގައި ދިޔަ ގޮތާއި، މީގައި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ކަމުގައި ކުށްވެރިވާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ހާޖީ އިމާދުއްދީން (6 ވަނަ) ގެ ރަސްކަމުގައި ބިނާކުރެއްވި، 100 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އާސާރީ ބިނާއެކެވެ. ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވީ އެ ތަނަކީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;