ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު އިންގްލެންޑް ޓީމުން މި މެޗު ކާމިޔާބުކުރީ އުނދަގޫ ހާލަތްތަކަކާ ކުރިމަތިލުމަށްފަހު އެވެ. އަދި މިއީ ވޯލްޑް ކަޕުގެ ތާރީހުގައި މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯ ބަލިވި ފުރަތަމަ ފަހަރެވެ.
މެޗު ކުޅެން ތާވަލުކުރި ގަނޑިއަށް ވުރެން އެއް ގަޑިއިރު ފަހުން ފަށަން ޖެހުނު މި މެޗު ފަށައިގެން މެކްސިކޯ އިން ކުރިއަށް ޖެހިގެން ކުޅެމުންދިޔަ އެވެ. މެޗު ފެށުން ލަސްވި މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އިންގްލެންޑްގެ ޑެކްލަން ރައިސް އަށް ވަނީ ފުރަތަމަ މިނިޓް ތެރޭ ރީނދޫ ކާޑެއް ދައްކައިފަ އެެވެ.
މެޗުގެ ފުރަތަމަ ހަމަލާ ފެނުނީ މެކްސިކޯގެ ފަރާތުންނެވެ. އެ ގޮތުން، އެ ޓީމުގެ ފޯވާޑް، ރައުލް ހިމެނޭޒް ބޮލުން ފޮނުވާލި ބޯޅައެއް އިންގްލެންޑްގެ ގޯލު ކީޕަރު، ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި އިންގްލެންޑަށް ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމްއެވެ. އިންގްލެންޑުން އުފެއްދި ހަލުވި ހަމަލާއެއްގައި އޭނާ ވަނީ މެކްސިކޯގެ ކީޕަރު ރައުލް ރަންގޭލްއަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ފޮނުވާލައި، އަޒްޓެކާ ސްޓޭޑިއަމް މައިތިރިކޮށްލާފައެވެ.
މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ބެލިންހަމް ވަނީ އިންގްލެންޑުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ނިންމާލުމާ ގާތަށް އިންގްލެންޑުން ޖެހިލި ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި ޖޫލިއަން ކިނޯނޭސް ވަނީ މެކްސިކޯ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. މިއީ، ހިލޭ ޖެހުމެއްގައި، އިންގްލެންޑްގެ ޑިފެންޑަރު، އެޒްރީ ކޮންސާ އަށް ރަނގަޅަށް ސަލާމަތްނުކުރެވުނު ބޯޅައެއް ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން ކިނޯނޭސް ޖެހި ގޯލެކެވެ.
ވޯލްޑް ކަޕުގައި މެކްސިކޯ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އޭޕީ
ދެވަނަ ހާފްގެ ކުރީކޮޅު މެކްސިކޯގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އިންގްލެންޑްގެ ފުލްބެކް ކުއަންސާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ. އެއް ކުޅުންތެރިއެއް މަދުން ކުޅެން ޖެހުނު ނަމަވެސް އިންގްލެންޑުން ވަނީ މެޗުގެ 60 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އަލުން ލީޑު ފުޅާކޮށްފަ އެވެ. އިންގްލެންޑްގެ އެންތޮނީ ގޯޑަން އަށް މެކްސިކޯގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ދިން މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ.
ނަމަވެސް އޭގެ ނުވަ މިނެޓް ފަހުން އިންގްލެންޑްގެ އޭރިއާ ތެރެއިން މެކްސިކޯގެ ކުޅުންތެރިއަކަށް ކޭން ކުރި ފައުލަކާ ގުޅިގެން މެކްސިކޯ އަށް ވެސް ވަނީ ޕެނަލްޓީއެއް ދީފަ އެވެ. މެކްސިކޯގެ ފޯވާޑް ހިމެނޭޒް ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށްދީ މެކްސިކޯ އަށް އަލުން އުންމީދެއް ގެނެސްދީފަ އެވެ.
ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި މެކްސިކޯ އާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން: މެކްސިކޯގެ ހިމެނޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ބާކީ ވަގުތުތަކުގައި މެކްސިކޯ އިން އެޓޭކަށް ގިނަ ކުޅުންތެރިން ފޮނުވަން، ބަދަލުތަކެއް ގެނެސްގެން ކުޅުނުއިރު، އިންގްލެންޑުން ވަނީ ލީޑު ހިފަހައްޓަން ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
މިއީ އިންގްލެންޑް ޖެހިޖެހިގެން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. ކުއާޓާ ފައިނަލްގައި އިންގްލެންޑް ބައްދަލުކުރާނީ ނޯވޭއާ އެވެ. އަނެއްކޮޅުން، މެކްސިކޯ އިން އަމިއްލަ ގައުމުގައި ހޯސްޓްކުރި ތިން ވޯލްޑް ކަޕްގެ ތެރެއިން، ކުއާޓާ ފައިނަލާ ހަަމައަށް ނުގޮސް މި ކެޓީ ފުރަތަމަ ފަހަރަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;