މިސްރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް މިސްރުންނެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާސިރު އިބްރާޙީމެވެ.
މިސްރުން ލަނޑުޖެހިތާ ހަ މިނެޓުފަހުން، އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދޭން މެސީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އާޖެންޓީނާގެ ނިކޮލަސް ޓެގްލިއަފިކޯއަށް، މިސްރުގެ ހައިސެމް ހަސަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި މެސީއަށް އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިނުމުގެ ފުރުސަތު ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ޕެނަލްޓީ، މިސްރުގެ ކީޕަރު މުސްތަފާ ޝުބައިރު ވަނީ ދިފާއުކޮށްފަ އެވެ. މެސީ ވައަތު ފައިން ފޮނުވާލި މި ބޯޅަ ކީޕަރު ދިފާއުކުރީ ކަނާތް ފަރާތަށް ޑައިވްކޮށްފަ އެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓުތަކުގައި އާޖެންޓީނާ އިން ގިނަ ހުރަސްތަކެއް ނަގައި މިސްރުގެ ގޯލަށް ނުރައްކާކުރި އެވެ. ކީޕަރު މުސްތަފާ ޝުބޭރު ވަނީ އެ ހާފުގައި ނުރައްކާތެރި ދެ ހަމަލާ ހުއްޓުވާފަ އެވެ. މިސްރުން ވަނީ ދެވަނަ ހާފުގައި، މެޗުގެ 67 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ.
އާޖެންޓީނާ ކުޅުންތެރިން އުފާ ކުރަނީ
ދެ ގޯލުގެ ލީޑަކާއެކު މިސްރުން މެޗު ކާމިޔާބުކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް، ހައިޑްރޭޝަން ބްރޭކަށްފަހު އާޖެންޓީނާއިން މެޗުގެ އޮއިވަރު މުޅިން ބަދަލުކޮށްލި އެވެ.
އެގޮތުން 79 ވަނަ މިނެޓުގައި މެސީ ނަގައިދިން ހުރަހަކުން ކްރިސްޓިއަން ރޮމޭރޯ ބޮލުން ގޯލެއް ޖަހައި އާޖެންޓީނާއަށް އުންމީދު އާކޮށްދިނެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން، 83 ވަނަ މިނެޓުގައި މެސީ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ 2-2 އަށް އެއްވަރުކޮށްދީފަ އެވެ. މި ގޯލާއެކު މެސީ ވަނީ ވޯލްޑް ކަޕް ތާރީހުގައި 20 ގޯލު ހަމަކޮށް، އާ ރެކޯޑެއްވެސް ހަދާފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 11 މިނެޓްގެތެރެއިން، ދެވަނަ ވަނަ މިނެޓުގައި އާޖެންޓީނާ އިން މެޗުން މޮޅުވި ގޯލު ޖެހި އެވެ. މިސްރުގެ ވަރުބަލިވެފައި އޮތް ޑިފެންސްގެ ފައިދާ ނަގައި، މެޗު ނިމުމުގެ ކުޑަކޮށް ކުރިން އާޖެންޓީނާއަށް މި މެޗު 3-2 އިން ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.
ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިސްރު ކުޅުނު މެޗުގެ ތެެރެއިން.
މި ފަހަރުގެ ވޯލްޑް ކަޕަށް އައިއިރު، މިސްރުން ވޯލްޑް ކަޕްގައި މޮޅެއް ވެސް ހޯދާފައިނުވެ އެވެ. އެކަމަކު، އެ ޓީމުން މި ވަނީ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފަހު 10 މިނިޓާ ހަމައަށް ދެ ގޯލު ކުރީގައި އޮތް ނަމަވެސް، ފަހު ވަގުތު ތަޖުރިބާ ނެތުމާ އެކު މިސްރު ކެޓީ އެވެ. އަނެއްކޮޅުން، އާޖެންޓީނާ އިން ވަނީ މޮޅު ކުޅުމެއް ދައްކައި ނަތީޖާ އަނބުރާލައިފަ އެވެ.
އާޖެންޓީނާ ކުއާޓާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ މިރޭ ދަންވަރު ސްވިޒަލެންޑާއި ކޮލަމްބިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;