ads
އެމްޑީޕީ
އައްޑޫ ބިންތައް އަތުލައި ތަރައްގީއަށް ހުރަސް އެޅުން ހުއްޓާލާ: އެމްޑީޕީ
ކައުންސިލްތަކާ މަޝްވަރާކުރުމެއްނެތި ރައްޔިތުންގެ ބިންތައް އަތުލައި ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.
Advertisement

އެމްޑީޕީން މިގޮތަށް ގޮވާލީ އައްޑޫ ފޭދޫ އާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހިލި، އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ކައުންސިލުން ބީލަމަށް ހުޅުވާލާފައިވަނިކޮށް، ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު، އައްޑޫގެ އިހްތިސާސުން ކުއްލި ގޮތަކަށް އެ ރަށް އިއްޔެ ވަކިކުރަން ގަރާރަކުން ނިންމުމާއި ގުޅިގެންނެވެ. 

ރައީސް މުއިއްޒުގެ ނިންމެވުމަށް ރައްދުދީ އިދިކޮޅު އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ރަށްތަކާ ސިޓީތަކުގެ އިޚްތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ބޭނުންކުރުމަށްކަމަށެވެ. އަދި އެ ބާރު ބޭނުންކުރަންވާނީ އެރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއި އެކުގައިކަމުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ. 

" ބޮޑު އަގުލްބިއްޔަތަކުން އާ ދައުރަކަށް އިންތިހާބުވި ސިޓީ ކައުންސިލުން، އައްޑޫސިޓީގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، އައްޑޫ ސިޓީ ކައުންސިލާއި، އަދި އައްޑޫ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި އެ ސިޓީގެ އިހްތިސާސްގައިވާ ސަވާހިލި ކައުންސިލްގެ އިހްތިސާސް އިން ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ލާމަރުކަޒީ ޤާނޫނުގެ މަޤްސަދާ ސީދާ ޚިލާފަށް، އަދި އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އަދި އައްޑޫ ތަރައްޤީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމުގައި މިޕާޓީން ދެކެމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިއްމު އެއް ކަމަކީ، ރައްޔިތުންނާ މަޝްވަރާކޮށް 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭނާއި، އިހްތިސާސުގައިވާ ބިންބޭނުން ކުރާނޭ ގޮތުގެ ބިނާވެށި ޕްލޭން އެކުލަވާ ފާސްކޮށް ހިންގުންކަންވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. 

ރައީސް މުއިއްޒުގެ ވެރިކަމަށް 3 އަހަރުވެގެންދާއިރު ރާއްޖޭގެ ރަށްތަކުގެ ތަރައްޤީ އަށާއި، ވަކިން ހާއްސަކޮށް އައްޑޫސިޓީއަށް އެއްވެސް އެދެވޭ ތަރައްޤީއެއް ގެނެސްދެވިފައި ނުވިޔަސް، ރައްޔިތުންގެ މަޝްވަރާއާއެކު އައްޑޫސިޓީ ކައުންސިލްއިން ވޭތުވެދިޔަ 5 އަހަރު، ރައްޔިތުން ޤަބޫލުކުރާފަދަ މަސައްކަތްތަކެއް ކޮށްދީފައިވާކަން، ނިމިދިޔަ ކައުންސިލް އިންތިހާބްގެ ނަތީޖާއިން ސާފުކޮށް އެނގޭކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީ ޕްލޭނާއި ބިނާވެށި ޕްލޭނެއް އެކުލަވާލުމަށްފަހު، އެ ޕްލޭންތަކަށް އެއްވެސް ބަދަލެއް ގެންނަންވާނީ ރައްޔިތުންންގެ މަޝްވަރާއާއި އެކު ކަމަށް ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައި އޮތުމުގެ މާނައަކީ، ރަށެއް ނުވަތަ ސިޓީއެއްގެ އިޚްތިސާސްއަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރަކީ ހިތުހުރިގޮތަކަށް ބޭނުންކުރެވޭނެ ބާރެއްނޫންކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަހުސެއްކަމާއި، އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ޤާނޫނީ ޖާގަ އާއި ބާރު ކައުންސިލްތަކަށް ފަހި ކޮށްދީފައިވީ ހިނދު، ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން އިންތިހާބުވެފައި އޮތް އައްޑޫސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ޤާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމުގައި، ޑރ. މުއިއްޒުގެ ނާޤާބިލް ސަރުކާރުން ހުރަހަކަށް ނުވުމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައިވަނީ ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;