ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޑރ. މުހައްމަދު އަލީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް، އަދި ފަހުން އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމަށް ވެސް އޭނާ އައްޔަންކުރެއްވި އެވެ. އަދި ދެން އައި ސަރުކާރު ކަމަށްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.
މީގެ އިތުރުން ޑރ. މުހައްމަދު އަލީ ވަނީ ގައުމީ ޕާޓީގައި ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދާލަތު ޕާޓީގައި ވެސް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
މުހައްމަދު އަލީ އުމުރުން 67 އަހަރުގައި އަވަހާރަވީ މީގެ ކުޑައިރުކޮޅެއް ކުރިން އައިޖީއެމްއެޗްގަ އެވެ.
ޑރ. މުހައްމަދު އަލީ އަވަހާރަވުމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ޑރ. މުހައްމަދު އަލީގެ އާއިލާއަށާއި އެކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ތައުޒިޔާ ދަންނަވާ ފައެވެ.
ރައީސް ވިދާޅުވީ، ޑރ. މުހައްމަދު އަލީ ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައި، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.