ads
ޗަމްޕާ ބްރަދާޒްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު)، ޗަމްޕާ ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފް
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ޗަމްޕާގެ ދެބެއިންނަށް
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ.) ޗަމްޕާގެ ދެ ބެއިންނަށް އަރުވައިފިއެވެ.
Advertisement

ޗަމްޕާ ބްރަދާޒްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު)އަށާއި، ޗަމްޕާ ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފަށް މި ޝަރަފު އަރުވާފައިވަނީ  މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. 

މުހައްމަދު މޫސާ (އުއްޗު)

މުހައްމަދު މޫސާ އިންޑިއާއިން ކިޔަވައިވިދާޅުވެގެން އެކި މަސައްކަތްތައް ދަސްކުރައްވައިގެން އެނބުރި ރާއްޖެއަށް ވަޑައިގެން، ދަސްކުރެއްވި އެ މަސައްކަތްތަކުން އާމްދަނީ ހޯއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ. މުހައްމަދު މޫސާ، އިގުތިސާދީ އެކިއެކި މަސައްކަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވީ، އެ މަނިކުފާނުގެ ހިތްޕުޅުގައި އެކަންކަމަށް އުފެދިފައިވާ ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ. އޭގެތެރެއިން ދަނޑުވެރިކަމަކީ، މުހައްމަދު މޫސާ ވަރަށް ކުރައްވާހިތްޕުޅުން ކުރައްވަން ފެށްޓެވި މަސައްކަތެކެވެ. އަމިއްލަފުޅަށް އެ މަސައްކަތް ފަށްޓަވައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވައި، އެތައް ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވިއެވެ. ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް އެކި ފެންވަރުގައި ކުރަމުން ގެންދިޔަ ފަރާތްތަކަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުއްވައި، އެކަށީގެންވާ އަގެއްގައި ލިބޭނެ އިންތިޒާމު މުހައްމަދު މޫސާ ހަމަޖައްސަވައި ދެއްވިއެވެ. މުހައްމަދު މޫސާއަކީ، ސަރުކާރުގެ އެގްރިކަލްޗާ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެން، 1996 ވަނަ އަހަރު އެ މަނިކުފާނަށް ވަނީ "ތިމާވެށީގެ ފެހިފަތް" ސަރުކާރުން އަރުވައިފައެވެ.

your imageޗަމްޕާ ބްރަދާޒްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އަށް ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތް އެރުވުމުގެ ތެރެއިން

މުހައްމަދު މޫސާ މިހާރުވެސް ގެންދަވަނީ، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި "ޗަމްޕާ ހޯލްސޭލް" ވިޔަފާރި ޤާއިމުކުރައްވައި ހިދުމަތް ދެއްވަމުންނެވެ. އަދި މާލެއަތޮޅު ތުނބަށްފުށީގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި، އުފައްދާ ގަސްކާނާ މާލޭގެ ބާޒާރަށް ވިއްކަވަމުން ގެންދަވައެވެ. 

މުހައްމަދު މޫސާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި މިހާރުވެސް ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރެކެވެ. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެގެން އައުމުގައި މުހައްމަދު މޫސާގެ ހިއްސާ ވަރަށްބޮޑެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އިންވެސްޓްމަންޓުތަކުގެ މަންފާ މިހާރުވެސް ދިވެހި އާއިލާތަކަށް ލިބެމުންދެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަން ކަމަށްވާ "ދި އެފް.އެމް." އާއި، "ދި އެފް.އެމް. ޕްލަސް" ގެ އިތުރުން، "ދި ޓީ.ވީ."ގެ ބާނީއަކީވެސް މުޙައްމަދު މޫސާއެވެ. މުޙައްމަދު މޫސާގެ އާއިލީ ފައުންޑޭޝަނެއް ކަމުގައިވާ "އަލިފުޅު ތުއްތު ފައުންޑޭޝަން" އިން ވަނީ ކޮންމެ އަހަރަކު ސްކޮލާޝިޕްގެ ފުރުސަތު ދެއްވުމުގެ އިތުރުން، މުޖުތަމައަށް ފައިދާކުރަނިވި ތަފާތު މަޝްރޫއުތައް ހިންގަވައިފައެވެ. މިގޮތުން، މުހައްމަދު މޫސާގެ ވިޔަފާރީގެ ދަށުން ހިންގެވި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތެރޭގައި، އައްޑޫ އިންޓާނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރެއްވުމާއި، ޅ. މަޑިވަރު ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކުރެއްވުން ހިމެނެއެވެ.

ރާއްޖޭގެ އިޤުތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި "މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ" އާއި، "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" ޤާއިމު ކުރެއްވުމުގައިވެސް މުހައްމަދު މޫސާގެ ދައުރު ވަރަށް ބޮޑެވެ. މުހައްމަދު މޫސާގެ ވިޔަފާރީގެ ބައިވެރިންނާ ގުޅިވަޑައިގެން، އުފެއްދެވި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމުގައިވާ "ޓްރީ ޓޮޕް ހޮސްޕިޓަލް" ރާއްޖޭގައި ޤާއިމުކުރުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ކުރިއަރައިގެން ދިޔައެވެ.

މުހައްމަދު މޫސާއަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް (ނ.މ.ޝ.ޢ) އެރުވީ، 26 ޖުލައި 2013 ގައެވެ. މުހައްމަދު މޫސާއަށް ލިބިވަޑައިގެންފައިވާ އެހެން އެވޯޑުތަކުގެ ތެރޭގައި، 2022 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވި "ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި، 2024 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑްސް (SATA)ގެ "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" ހިމެނެއެވެ.

your imageނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު ހުސެއިން އަފީފަށް އެރުވުމުގެ ތެރެއިން

ހުސެއިން އަފީފް 

ހުސައިން އަފީފަކީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރެއިން އެއް ބާނީއެވެ. އެމަނިކުފާނަކީ، ރާއްޖެއަށް ފަތުރުވެރިކަން ތައާރުފު ކުރެއްވި އެންމެ އިސް އެއް މޭސްތިރިވެސް މެއެވެ. ހުސައިން އަފީފު ގައުމީ ހިދުމަތަށް އިސްކަންދެއްވުމުގައި މިހާތަނާ ޖެހެންދެންވެސް ދެމިހުންނެވިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، އެ މަނިކުފާނު، ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި ކޮށްދެއްވި ދެމެހެއްޓެނިވި މަސައްކަތްޕުޅުތަކެވެ. 

އެންމެ ފުރަތަމަ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމަށްޓަކައި މަސައްކަތް ފެށްޓެވިއިރު، ރިޒޯޓު ދާއިރާގެ އެކި ވަޒީފާތައް ކަމުގައިވާ ރިޒޯޓުގެ ބަދިގޭގައި މަސައްކަތް ކުރެއްވުމާއި، ޓުއާ ގުރޫޕްތަކުގައި މަސައްކަތް ކުރެއްވުން އަދި މެނޭޖްމަންޓުގެ ދާއިރާގައިވެސް އަފީފް މަސައްކަތް ކުރެއްވުން ހާމަކޮށްދެނީ، ދިވެހިރާއްޖޭގައި ހޮސްޕިޓޭލިޓީގެ ދާއިރާގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓެވުމަށް އަފީފް ދެއްވި އިސްކަމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ތައާރުފު ކުރެވިގެންދިޔަ، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށްގެން، 2014 ވަނަ އަހަރު ފަހުކޮޅު ރާއްޖޭގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލާ ރިޒޯޓު، މާލެއަތޮޅު ގަސްފިނޮޅުގައި ތަރައްޤީ ކުރައްވައި ހިދުމަތް ދެއްވަން ފެށްޓެވުމާއެކު، އެ ބަދަލުވެގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއަށް އަފީފް ގެނެސްދެއްވި އިންޤިލާބީ އަދި އުންމީދީ ބަދަލެއްގެ ގޮތުގައެވެ. 

ހުސައިން އަފީފަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވި، އެ އެސޯސިއޭޝަންގެ ފައުންޑިން މެންބަރެކެވެ. އެ މަނިކުފާނުވަނީ މަޓީގެ ވައިސް ޗެއާމަން ކަމާއި، ޗެއާމަންގެ މަގާމުފަދަ އެ އެސޯސިއޭޝަންގެ އިސް މަގާމުތައް ފުރުއްވައިފައެވެ. މިހާރުވެސް މަޓީގެ ޗެއާމަންގެ މަގާމުގައި ހުސައިން އަފީފު ހުންނަވައިގެން، ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.

ފަތުރުވެރިކަމުގެ އިތުރުން، ހޮސްޕިޓޭލިޓީގެ ދާއިރާއިންނާއި، އޭވިއޭޝަންގެ ދާއިރާއިންނާއި، ބޭންކިންގެ ދާއިރާއިންނާއި، ސިއްހީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް އޮންޓާޕްރިނިއޯ އެއްގެ ހައިސިއްޔަތުން ހުސައިން އަފީފް ކޮށްދެއްވައިފައިވާ ހިދުމަތްތަކަކީވެސް ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ހިދުމަތްތަކެކެވެ. އައްޑޫ އިންޓަނޭޝަނަލް އެއަާޕޯޓް ތަރައްޤީކުރުމުގައި އެ މަނިކުފާނުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ. 

މީގެއިތުރުން، ހުސައިން ޢަފީފުގެ ބައިވެރިވެވަޑައިގަތުމާއެކުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ގާއިމުކުރެވި ހިދުމަތް ދޭން ފެށުމަކީ، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއިން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދިޔަ ކަމެކެވެ. 210 އެނދުގެ ޓާޝަރީ ލެވެލްގެ މި ހޮސްޕިޓަލު އިފުތިތާހުކުރުމާއި ގުޅިގެން، މީގެ ކުރީގައި ރާއްޖެއިން ނުލިބޭފަދަ މަތީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ލިބެން ފެށިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ފާޓިލިޓީ ކްލިނިކް ތައާރުފުކުރި ހޮސްޕިޓަލްވެސް މެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޢަފީފް ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް އެވޯޑެއް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ. ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަފީފަށް ލިބިވަޑައިގަތީ 1989 ވަނަ އަހަރުއެވެ. އަދި ފަތުރުވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2004 ވަނަ އަހަރުއެވެ. 16 ސެޕްޓެމްބަރ 2010 ގައި ހުސައިން އަފީފަށް ވަނީ "ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާ"ގެ ލަޤަބުވެސް ސަރުކާރުން އަރުވައިފައެވެ. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެމަނިކުފާނަށް އެރުވީ 26 ޖުލައި 2013 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;