ads
އައިޑީކާޑް
ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީކާޑު ބޭނުން ކުރަން ފަށަނީ
ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް އެ އިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ހިއްސާކުރާ ދާއިރާއަކަށް ޑިޖިޓަލް އިގްތިސާދު ހެއްދެވުން ކަމަށެވެ.

މި މަސައްކަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް އެކި ދާއިރާތައް ޑިޖިޓަލް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްމާޓް އައިޑީ ކާޑު ތައާރަފް ކުރުމަކީ މި ބޮޑު މަޝްރޫއުގެ މުހިންމު ބައެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަތުގައި އޮންނަ އައިޑީ ކާޑު، ފިޒިކަލް އައިޑީ ކާޑެއް، އެހެން ނަމަވެސް އެ ކާޑުގެ ބާވަތް ބަދަލުވާނީ ޑިޖިޓަލައިޒްވެ، ސްމާޓް އައިޑީ ކާޑަކަށް. އެކަން ވެސް އިރާދަކުރެއްވިއްޔާ ތާވަލުކުރެވިފައި އޮތް ގޮތަށް ކުރިއަށް އޮތް އަހަރެއް، ދޮޅު އަހަރެއްތެރޭ ހާސިލުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މި މަސައްކަތަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި މިހާރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މި ޕްރޮގްރާމްގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބޭންކުތަކުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޑިޖިޓަލް އިގްތިސާދު ފުޅާކޮށް، 2030 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ހިއްސާކުރާ ދާއިރާއަކަށް ހައްދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެ މަސައްކަތް ނިމޭއިރު، ދައުލަތުން ފޯރުކޮށްދޭ ހުރިހާ ހިދުމަތަކީ ވެސް، ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ހޯދޭހާ ފަސޭހަ ހިދުމަތަކަށް ވުމަކީ ސަރުކާރުގެ އަމާޒަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;