ads
ދަރިފުޅު - 42 ވަނަ ބައި
އެޕިސޯޑް 42
Advertisement

އަނދިރި ކޮންމެ މެންދަމަކަށްފަހު ދުނިޔެ އާއި މަރުހަބާ ކިޔަނީ ރަންރީންދޫ އަލިކަމުގެ ފަތިހަކަށޭ ބުނާތީ އަޑު އަހަމެވެ. ވަންނާނެ ތަނެއް، ހިމާޔަތެއް ހޯދަން ފިޔަވަޅު އަޅާނެ މިސްރާބެއް ނެތި، ރެއާއި ދުވާލުގެ ހަތަރުދަމު އިރާއި ހަނދާއި ތަރިތަކުގެ ނިވަލުގައި އަހަރެން ހޭދަކުރީ ކިހައި ދުވަހެއްކަން ނުވަތަ އެއީ ކިހައި މުއްދަތެއްކަން އަންދާޒާކުރާން ފަސޭހައެއް ނޫނެވެ. 

ދުވާލުގެ އަލިކަންވެސް ދުށީމެވެ. އިރާކޮޅާއި ދަންވަރާއި ފުރަމެންދަމުގެ ކަނު އަނދިރިކަންވެސް ދުށީމެވެ. އެއީ ދިރުމެއް ނެތް، އިހްސާސެއް ނެތް، ކުލަ ފަނޑު އަނދިރި މަންޒަރުތަކެކެވެ.

ނަމަވެސް މުޅިން އައު ދުވަހަކަށް އިރުއަރައި އައު އުއްމީދުތަކެއް އިހްސާސްވެއްޖެ އެވެ. ކަނދުރާ ސީދާކޮށްލުމުގެ އުފަލަކީ މިއީ ކަމެއް މި ނޫނީ ދުވަހަކުވެސް އިހްސާސް ނުކުރަމެވެ. ހަގީގީ މިނިވަންކަމަކީ މިއީ ހެއްޔެވެ؟ 

މާލިކްއާއެކު ހޭދަމިކުރެވޭ ކޮންމެ ސިކުންތަކީ އަހަރެންނާއި އަހަރެންގެ ދަރިފުޅަށްޓަކައި ސުމާރެއް ނެއްވަރުގެ އުފަލާއި ޝަރަފާއި ފަހުރެވެ. ﷲގެ ހަޒްރަތަށް ޝުކުރުވެރި ވުމުގައި ނިމުމެއް ނެތެވެ. އަލްހަމްދު ލިއްލާހި އެވެ!

އަހަރެންގެ އުރުގައި އިން ދަރިފުޅުގެ އުފާވެރިކަން، އޭނާގެ ދެ ލޮލުން ބަބުޅަ އެވެ. 

އަހަރެންގެ ހާލަތު، ދުލުން ބަޔާންކުރުމެއް ނެތެވެ. ލަދުގެ ފަރުދާ ކަހައިލާ، އަހަރެންގެ ދަރަޖަ ހަނދާން ނައްތާލައި ދުނިޔެއާއި ކުރިމަތިލައި އިސްއުފުލާލަން މިއަދު އަހަންނަށް މަޖުބޫރު ކުރީ މާލިކް އެވެ. ހެނދުނުގެ ސަޔަށްފަހު، މާލިކްގެ ކާރުގައި އޮފީހަށް އައީ އަހަރެންނާއި ބީނިޝް ގޮވައިގެންނެވެ. 

މާލިކްގެ އައު އޮފީހުގެ މައިދޮރުން ވަދެގެން ކުރިއަށް ހިނގަމުން މިދަނީ މާލިކްއާއި އެއް ސަފެއްގައި އެވެ. ފެންނަފެނުމަށް މިއީ 'އާއިލާ'އެއްކަމަށް ހީވާނެކަން ޔަގީނެވެ. 

މި މަންޒަރާއި މި އިހްސާސް މުޅިން އަލެވެ. 

ލަދުވެތިކަމާއެކު އަހަރެންގެ މޫނުމަތީގެ ކުލަ މަޑު ފިޔާތޮށިކުލައަށް ބަދަލުވެފައި ވަނީ މުޅިން އައު ދުވަހެއްގައި އޮފީހަށް އައުމުގެ ނަސީބު މިންވަރުކުރެއްވީތީއެއް ނޫނެވެ. އެކަމަކު، އޮފީހުގެ ވެރިޔާއާއެކު އޭނާގެ އޮފީހަށް އައިސް، އަހަރެންގެ ދަރިފުޅާއެކު ތިން މީހުން، ގާތް ނަޒަރަކުން އެއްސަފެއްގައި އެންމެންގެ ކުރިމަތީގައި ހިނގާފައި މިހެން ދާންޖެހޭތީ އެވެ. 

އަހަރެންގެ އަތުގެ ތެރޭގައި ބީނިޝް ތެޅެލި އެވެ.

"މަންމާ އައި ތިންކް ވީ ފޭމަސް" ތުއްތު އަޑުން ބުންޏެވެ.

"ފޭމަސް،ވައި؟" ހިނގަމުން، މަޑުމަޑުން އަހަރެން ސުވާލުކުރީމެވެ.

"އެވްރިވަން ލުކިންގ އެޓް އަސް" ނިކަން ލޯބިކޮށް ބުންޏެވެ.

ބީނިޝްގެ ނުތަނަވަސްކަން ނުވަތަ ސަމާލުކަމަށް އައިކަންކަން ސާފުކޮށްދިނީމެވެ. މިއީ ބީނިޝްގެ ބައްޕަގެ އޮފީސްކަމަށްވެސް އަހަރެން ބުނެދިނީމެވެ. ޝައުގުވެރިކަމާއެކު އަޑުއެހުމަށްފަހު އަހަރެންގެ ކަންފަތަށް އިވުނު އަޑު ވަރަށް ސާދާ އެވެ.

"އޯހްހހހ..." އިތުރު އެއްޗެއް ބީނިޝް ނުބުންޏެވެ.

މީގެކުރީން ބީނިޝްއަށް ފާހަގަ ނުކުރެވޭ ކަންތައްތަކެއް މިއަދު ފާހަގަކުރެވުމުން، ތަފާތެއް އިހްސާސްވީ އެވެ. ހާއްސަކަމަކީ ކޮބައިކަން ނޭގުނަސް، ސަމާލުކަމަކީ ކޮބައިކަން އަހަރެންގެ ދަރިފުޅަށް އެނގިއްޖެ އެވެ.

ދަތްދޮޅި ކިތަންމެ ސީދާކޮށްގެން ހިނގަމުން ކުރިއަށް ފިޔަވަޅުއެޅިޔަސް، އަހަރެންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން އިނގޭނީ އަހަންނަށެވެ. އަހަރެންނާއި މާލިކް، އަދި 'އަހަރުމެންގެ ދަރިފުޅު' މިފަދަ ގޮތަކަށް އެންމެންގެ ކުރިމަތީން ފެނުމުން ކަންކަން ވެގެންދާނެ ގޮތް ދެނަހުރީމެވެ. މާލިކް ކުރުނުކުރުމުން، އެކުގައި މިއަދު އޮފީހަށް ނައިސް ނުވީ އެވެ. 

"ބައްޕާ"

މާލިކްގެ ކެބިންގެ ދޮރު ހުޅުވާލަން ހަރަކާތްކޮށްލި ވަގުތު ބީނިޝް އޭނާއަށް ގޮވައިލި އެވެ.

"ޔެސް ކަޕްކޭކް" ބީނިޝް އާއި އަހަރެން ވަނުމަށް ކެބިންގެ ދޮރު ހުޅުވާލަދީފައި، އެތެރެއަށް ވަންނަމުން މާލިކްގެ ސަމާލުކަން ބީނިޝްއަށް ދިނެވެ.

"އައި ފޭމަސް" ބީނިޝް ބުންޏެވެ.

"ޔޫ އަރ" ޗޮކެއް ކަނޑާލާފައި މާލިކް ބުނެލި އެވެ.

އެންމެން ބީނިޝްއާއި ދިމާއަށް ބަލަމުން ދިޔަކަމަށް މާލިކް ގާތުގައި ބުނެލީ ވަރަށް ލޯބި ގޮތަކަށް ދެ އަތުން ހަރަކާތްކޮށްލާފަ އެވެ. 

އެންމެން އެ ބަލަނީ ބީނިޝް 'ލޯބިކަމުން'ކަމަށް މާލިކް ބުނެލުމާއެކު އަހަރެންގެ ކަނދުރާއާއި ދިމާއިން ޝޯލްގެ ތެރޭގައި ބީނިޝް ބޮނޑިވެލި އެވެ. 

އެތެރެއަށް ވަނުމާއެކު، ގޮނޑިއެއް ގެނެސް އަހަރެންނާއި ބީނިޝް އިށީނުމަށް މާލިކް ބުންޏެވެ. 

ގޮނޑީގައި އިށީންދެ ހަމަޖެހިލުމާއެކު، ބީނިޝްއާއި އަހަރެންގެ ބޮލުގައި ބޮސްދިނީ ނުހަނު ލޯބިންނެވެ.

އޭގެ ފަހުގައި އޭނާގެ ގޮނޑީގައި އިށީނެވެ.

"ފަހަދު އާއި އަހަރެން ވާހަކަ ދައްކައިފިން" ކުއްލިއަކަށް އަހަރެންގެ ލޮލަށް ބަލާލާފައި މާލިކް ބުންޏެވެ.

"ކޮންކަމަކާ؟"

"އެންމެ މުހިއްމު ކަންތަކާ"

"އެއީ.. ކޮން ކަމެއް؟"

"ޝޫޝޝޝ... ވަގުތުޖެހުނީމަ ބުނާނަން"

"ތިހެން ހިތް ނުތަޅުވާ! ބުނެދީ، ޕްލީޒް"

"ކިހިނެއް ވާނީ، މި ވާހަކަ މި ރެއަށް ބާއްވާލިއްޔާ؟ ފަހަދު މާލެއަށް އަންނާނެ މިއަދު.. މާގިނައިރެއް ނުވެ، ގަޑިއެއްހާ އިރުތެރޭގައި އޮފީހަށްވެސް އަންނާނެ" ހަމަޖެހިލާފައި މާލިކް ބުންޏެވެ.

"އޯކޭ" އެއްބަސްވުން ނޫން ގޮތެއް ނެތެވެ.

"ވަރަށް މުހިއްމު މަސައްކަތްތައް އެބަހުރި.. ވަރަށް އަވަހަށް ނިންމާލަންޖެހޭ ކަންކަންވެސް އެބަހުރި.. ބައިގަޑިއެއްހާއިރުތެރޭގައި މީޓިންގއަކަށްވެސް ވަންނާންޖެހޭނެ.. ކައިރާ ބޭނުމިއްޔާ މިތަނުގައި ބީނިޝް ގޮވައިގެން މަޑުކުރިއަސް އެންމެ ރަގަޅު.. އެހެން ނޫނީ، ކުޅޭ ކޮޓަރިއަކަށް ގޮސް، އެތަނުގައި ބީނިޝްއާއެކު މަޑުކޮށްލިޔަސް އެންމެ ރަގަޅު" ހިނިތުންވެފައި މާލިކް ބުންޏެވެ.

"ކުޅޭ ކޮޓަރި؟"

"ހޫމް..  ހުޅުމާލެ ފޭސް2ން މި ބިލްޑިންގ ލިބި، ހުރިހައި މަސައްކަތެއް ނިމުމާއެކު މާލޭގެ އޮފީސްތަށް ދޫކޮށްލާފައި، ހުރިހައި މަސައްކަތްތަކެއް މި އިމާރާތަށް ބަދަލުކުރެވޭތޯ މަސައްކަތް މިކުރަނީ.. މިއީ ވަރަށް ޖާގަ ބޮޑު އިމާރާތެއް..! މިތަނުގެ ބައެއް ސްޓާފުން މިހާރު އޮފީހަށް އަންނާނީ އެމީހުންގެ ކުދި ދަރިން ގޮވައިގެން.. މިހާރު ހުރިހާ މަސައްކަތެއްގެ ދުވެލި ބާރު ވެއްޖެ! މަސައްކަތްތައް ތޮއްޖެހިފައި އޮތުން ނިމުމަކަށް ގެނެވިއްޖެ.. އިރުއިރުކޮޅުން ބްރޭކްއަށް ގެއަށް ދިއުން ހުއްޓުމުން، ވަގުތުގެ މުހިއްމުކަން އެންމެންނަށްވެސް ވިސްނިއްޖެ.. ގޭގައި ކުދިން ބަލައިދޭނެ މީހަކު ނެތް މުވައްޒަފުންނަށް މި ގޮތް ވަރަށް ކަމުދިޔަ.. ދެތިންކޮޓަރި ހުންނާނެ، ކުޅޭ ސާމާނާއެކު.. ވަރަށް ހިތްގައިމުވާނެ.. ފެންވަރު ރަގަޅު ކެންޓީނެއްވެސް ހުންނާނެ.. ކުޑަކުދިންނަށްވެސް އެތަނުން ހިދުމަތް ލިބޭނެ" ހިތްހަމަޖެހުމާއެކު މާލިކް ބުނެދިނެވެ. 

"ޔޫ އަރ ސޯ ސްވީޓް" ވައި އަޑުން ބުނެވުނެވެ. 

އެ އަޑުވެސް މާލިކްގެ ތޫނު ކަންފަތާއި ހަމައަށް ފޯރިކަން ޔަގީނެވެ. އެއް ބުމަ ހިއްލާލާފައި ލާނެއް ގޮތަކަށް ހިނިއައީ އެހެންވެ އެވެ. 

"އަހަރެންގެ ސްވީޓްކަން އަދި ނޭގިގެން ތިއުޅެނީ.. އިން ޝާ ﷲ ވަރަށް އަވަހަށް، ރަހަ ދައްކާލާނަން" ލާނެއް ގޮތަކަށް މާލިކް ބުނެލި އެވެ. 

ރަތް ޓޮމާޓޯއަކަށްވުރެން އަހަރެންގެ މޫނުގެ ކުލަ ގަދަވާނެކަން ޔަގީނެވެ. ގަތްލަދުން ދެ ކޯތާފަތުން ހޫނު އިހްސާސްވި އެވެ.

"އޫޕްސް... އެ އަޑެއް ނީވޭ..."

ކުއްލިޔަކަށް އިވުނު އަޑާއެކު ކެބިންގެ ދޮރާއި ދިމާއަށް ބަލައިލެވުނެވެ. ދެ ކަންފަތުގައި އަތް އަޅައިގެން ހުރީ ޒުވާނެކެވެ. 

"އޯހހ ތައިމޫރް.. އެތެރެއަށް ވަދޭ.. މިއީ ކައިރާ! ދެން ބީނިޝް.." (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;