މި ޕާޓްނަޝިޕްގެ ތެރެއިން ސޮނެވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި ތަޖުރިބާއާ އެކު، ދަރަވަންދޫގައި ގާއިމުވެ މަސައްކަތްކުރާ މަދަނީ ޖަމިއްޔާ، މުރަކަ ފާމްގެ އެއްބާރުލުމާ އެކު ދަރަވަންދޫ ފަރުގެ ދިރުން އާލާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ފަރު ދިރުވާ އާލާކުރުމުގެ ފަންނީ މަސައްކަތް ދަސްކޮށްދީ، ޒަމާނީ ރިސާޗު އަދި ސައިންސްގެ އަލީގައި ދަރިވަރުންނާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމު ރައްޔިތުން ތަމްރީނުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ޕާޓްނަޝިޕާ ގުޅޭ ގޮތުން ދިރާގުގެ ސީނިއާ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ ބިޝާރާ ޙަމީދު ވިދާޅުވީ، ދަރަވަންދޫގައި މުރަކަތައް ދިރުވައި އާލާކުރުމުގެ ޕްރޮގްރާމަކީ މުޖުތަމައުގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށެވެ.
ސޮނޭވާ ސީއެސްއެމްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް ޑރ. ޖޯހާނާ ލިއޮންހާޑް ވިދާޅުވިގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އަމަލީ ތަމުރީނުތަކާއެކު މުޖުތަމައު ބާރުވެރިކޮށް، މުރަކަ އާލާކުރުމާއި ފަރުތައް ބެލެހެއްޓުމުގެ މަސައްކަތް ދަރަވަންދޫ އާންމުންގެ އިސްނެގުމުގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.
ސޮނޭވާ ސީއެސްއެމް އަކީ މުރަކަ އާލާކުރުމާއި ކަނޑުގެ ދިރާސާތައް ކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން މުޖުތަމައުގެ ޒިންމާދާރުކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަސައްކަތްތައް ބިނާވެފައި އޮންނަނީ ސައިންޓިފިކް ދިރާސާތަކާއި އަމަލީ ގޮތުން ފަރުތައް އިއާދަކުރުމުގެ މައްޗަށެވެ. އަދި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމާއި، އަދި ރާއްޖޭގެ ފަރުތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދިރުންތައް ދެމެހެއްޓުމަށްޓަކައި، ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެ ޖަމިއްޔާއިން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް)ގެ މަސައްކަތް.
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ. މުޖުތަމައުތައް ބާރުވެރިކުރުމަށް އިސްކަންދީ، ތިމާވެށި ހިމާއަތްކޮށް ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކަށް ދިރާގުން އަބަދުވެސް އެއްބާރުލުން ދެ އެވެ.