ads
ދަރިފުޅު - 44 ވަނަ ބައި
އެޕިސޯޑް 44
Advertisement

އެޕިސޯޑް 44

"އަހަރެން މިއީ ކޮންމެ މީހަކަށްވިޔަސް މައްސަލައަކީ ކޮބާ؟ ކައިރާގެ ހިތް އަތުލައިގެން ޖަލަށް ވަންނާން ޖެހުނަސް، އެ ކުށަށް އިއުތިރާފް ވާނަން.. ތިޔަށްވުރެން އަގުހުރި އިންސާނެއް އަހަރެންގެ ހަޔާތުގައި ނެތް..! މި ކޮޓަރިއާއި މި އޮފީސް އިމާރާތާއި އަހަރެންގެ ގެ ދޮރާއި މިލްކިއްޔާތުގައި އަގެއް ނެތް.." މާލިކްގެ ޖުމުލައިން އަހަރެންގެ އަނގަ ބަންދުވީ އެވެ. އޭނާގެ ލޮލާއި މޫނުން ފެނުނު ޖަޒްބާތުތަކުން މުޅި ގައިން ހީބިހި ނެގި އެވެ.

އަހަރެން އާޝޯހް ކުރުވުމުގައި އެންމެ ހިނދުކޮޅެއްވެސް މާލިކް ފަހަތަށް ނުޖެހެ އެވެ. އަންތަރީސް ނުވާ އެންމެ ކަމެއްވެސް އޭނާގެ ހަޔާތާއި ގުޅިފައި ނެތެވެ.

"މި ކޮޓަރީގެ އަސްލު ބޭނުމަކީ، އަހަރެން ގެއަށް ދާ ހިތް ނުވާ ދުވަސް ދުވަހު، ނިދާލެވޭނެ ގޮތެއް އޮފީހުގައި ހަމަޖެހިފައި އޮތުން.. އާންމުކޮށް މާލެއަށް  އަންނަނީ ވަރަށް މަދުން.. އެންމެ ގިނަވެގެންވެސް ދެތިންހަތަރު ދުވަހަށް ވުރެން ގިނައިން މާލޭގައި އާންމުކޮށް މަޑެއް ނުކުރަން.. މަސައްކަތްތައް ހުންނަ ގޮތުން، ލިބޭ ވަގުތުކޮޅު ތެރޭގައި އިތުރު ތަނަކަށް ދިއުމަކީ ފަސޭހަ ކަމަކަށްވެސް ނުވޭ.. އަހަރެންގެ ހުރިހާ ވަގުތެއް ހާއްސަވެފައި އޮންނާނީ ހަމައެކަނި އޮފީސް މަސައްކަތްތަކަށް.. އެހެންވެ މި ކޮޓަރީގެ ބޭނުން އޭރު ވަރަށް މުހިއްމު.." 

ކޮޓަރިއާއިމެދު  ހިތުގައި 'ތަފާތު ރައުޔު'އެއް އުފެއްދުމުގެ ކުރީން އަހަރެންގެ ޝައްކު ސާފުކޮށްދީފި އެވެ. މާލިކްގެ ހާއްސަ ސިފަތަކުގެ ތެރެއިން މިއީ އަހަންނަށް ވަރަށް ކަމުދާ ސިފައެކެވެ. ދުލުން ހާމަކުރާކަށް ނުޖެހެ އެވެ. ކޮން ވަގުތަކު އަހަރެން އުފައްދާނީ ކޮން ސުވާލެއްކަން އޭނާއަށް އިނގެ އެވެ.

"މި ކޮޓަރީގައި ކުޑަ އެނދެއް ނުހުންނާނެ.. އެކަމަކު ފުދޭވަރަށް ބާލީސް ހުންނާނެ.. ބީނިޝްގެ ވަށައިގެން ބާލީސް ޖައްސާލާފައި ބަހައްޓާ..." ނިދިފައި އޮތް ދަރިފުޅަށް އިޝާރާތްކޮށް މާލިކް ބުނެލީ އޯގާތެރިކަމާއެކު އެވެ.

ކޮޓަރިތެރެއަށް އަހަރެން ނަޒަރުހިންގާލީމެވެ. ހިތްގައިމު، ވަރަށް އަރާމު ކޮޓަރިއެކެވެ. ޖާގަވެސް ތަނަވަހެވެ. ސޯފާއަކާއި ކޮފީޓޭބަލްއެއްވެސް ހުއްޓެވެ. ކުލަ އަލި ފަރުމާތަކުން ހިތަށް ލިބިދިން ތަނަވަސްކަން ކިތަންމެހާވެސް އަމާނެވެ. 

"އިޓްސް ބިއުޓިފުލް މާލިކް" އޭނާގެ ފަރުމާއަށް އަހަރެން ތައުރީފު ކުރީމެވެ.

"ތޭންކް ޔޫ!"

މާލިކް އެދުމާއި އެއްގޮތަށް ބީނިޝްގެ މަގަތުން ބާލީސްތައް އަތުރާލާފައި، ދަރިފުޅުގެ ނިއްކުރީގައި ބޮސްދިނީމެވެ. ލޯތްބާއެކު ފިރުމާލަމުން މާލިކްވެސް ބީނިޝްގެ ބޮލުގައި ބޮސްދިނެވެ. ބީނިޝްއަކީ ނިދި މަޑު ކުއްޖަކަށް ނުވާތީ، މާ އަވަހަށް ނުހޭލާނެކަން ޔަގީނެވެ. މާލިކްއާއެކު އެ ކޮޓަރީން ނިކުމެ، ކުރިން ހުރިގޮތަށް ކޮޓަރީގެ ދޮރު ލެއްޕީމެވެ. ފެންނަފެނުމަށް މިހާރު އެއީ ފޮތް ހަރުގަނޑެކެވެ. 

މަޑު ހިނގުމެއްގައި ދެމީހުން އައިސް، މާލިކްގެ މޭޒުކައިރީގައި ހުއްޓުނީމެވެ. މާލިކް އިށީނީ އޭނާއަށް ހާއްސަ ގޮނޑީގަ އެވެ. މޭޒުގެ ކުރިމަތީން ހުރި ދެ ގޮނޑިން އެއް ގޮނޑިއަށް އަހަރެން މިސްރާބުޖެހި ވަގުތު، އަހަރެންގެ އަތުގައި ކުއްލިއަކަށް ހިފައި، ޖެހި ލުއްކިއަކާއެކު މާލިކްގެ އުނގުމަތީގައި ބައިންދައިފި އެވެ. 

"މީހަކު އައިސްފާނެ... މާ ދުރަކު ނޫން.. މާލިކްގެ ކުރިމަތީގައި ހުރި ގޮނޑީގައި އަހަރެން އިށީންދެލާނަން" އަދަބުވެރިކަމާއެކު މަޑުމަޑުން އަހަރެން ބުނީމެވެ.

"މިއަށްވުރެން ހިތްގައިމު ތަނެއް ކައިރާ އިށީންނާކަށް މި ކެބިން ތެރެއިން ނުލިބޭނެ.." މާލިކްގެ އުނގަށް އިޝާރާތްކޮށްފައި އޭނާ ބުނެލީ ތަފާތު އިހްސާސަކާއެކު އެވެ. ލަދުވެތިކަމާއެކު އިސްޖަހައިލެވުނީ ކޯތާފަތުން ހޫނުކަމެއް އިހްސާސްވުމުންނެވެ.

"މީހަކު އައިސްފާނެތީ ހާސްވާކަށް ނުޖެހޭނެ.. ހުއްދަ ނެތި މީހަކަށް މި ދޮރު ހުޅުވޭނީ އެއް ފަހަރު.. އެއަށްފަހު އެމީހެއްގެ ވަޒީފާއަށް ޖެހޭނީ އަލްވަދާއު ކިޔަން.." ޔަގީންކަމާއެކު މާލިކް ބުނެލި އެވެ.

"ދެންމެ ތައިމޫރްވެސް އެވަނީނުން.." ހަގީގަތް ހާމަކުރީމެވެ. 

"ފަހަދު އާއި ތައިމޫރްއަށް ފެނިދާނެތީ ހާސްވެ، ކަންބޮޑުވޭތަ؟ އެ ދެ މީހުންނަށް ސިއްރުކޮށްގެން ކަންކަން ކުރުމަށް މީގެ ކުރިން އަހަރެން ވިސްނާފައެއް ނުވާނެ.. އެހެންވީމަ ކޮންމެ ވަގުތަކު ކޮންމެ ކަމަކުވެސް އެދެމީހުންނަށް އަހަރެންނާއި ހަމައަށް އާދެވޭނެ.. އެ ނޫން މީހަކަށް އެ ހައްގެއް ނޯންނާނެ" ޔަގީންކަމާއެކު މާލިކްގެ ބަސްތައް ނިންމާލި އެވެ. 

ލިބުނު ހިތްހަމަޖެހުމުގައި 'ރައްކާތެރި ދެ އަތުގެތެރޭގައި' ބޮނޑިވެލީމެވެ.

އަދި މޭގައި ބޯ އަޅާލާފައި ދެ ލޯ މަރައިލީމެވެ. 

ކެބިންގައި ވެރިވެފައިވަނީ ހިމޭންކަމެވެ. 

މާލިކްގެ އުނގުތެރޭގައި ކުރިއަށްވުރެންވެސް ބޮޑަށް ހަމަޖެހިލީމެވެ.

"ޕްރިންސެސް، ނިދިއަންނަންޏާއި ބީނިޝް ކައިރިއަށް ގޮސް، އޮށޯވެލަން ވީނުން.." މަޑުމަޑުން މާލިކް ބުނެލި އެވެ.

"ނޫން.. މިއަށްވުރެން އަރާމް ތަންމައްޗެއް ދުވަހަކުވެސް ނުލިބޭނެ" އަހަރެން ބުނެލީމެވެ. ލޮލެއް ނުހުޅުވަމެވެ. ވަގުތާއި ހާލަތުގެ ހިތްގައިމުކަން އިހްސާސްކުރާން ބޭނުންވީތީ އެވެ. 

"އެހެންވީމާ ނިދާލާ" ލޯތްބާއެކު މާލިކް ބުންޏެވެ.

ލެޕްޓޮޕް ނަގާފައި މާލިކްގެ މަސައްކަތުގައި އޭނާ ޝާމިލުވެއްޖެ އެވެ. އަހަރެންގެ ބަރުކަމަށް ފަރުވާލެއް ނެތެވެ.  އޭނާގެ މޭމަތީގައި އަހަރެން ބާއްވައިގެން މަސައްކަތް ކުރުމަކީ ކުޑަވެސް ބުރައެއް ނޫންކަން ކަށަވަރެވެ. 

ފަރުވާތެރިކަމާއެކު މާލިކްގެ މަސައްކަތައިގެން ކުރިއަށް ދިޔަ އެވެ. 

އިރުއިރުކޮޅުން އަހަރެންގެ ބޮލާއި ނިއްކުރީގައި އޭނާ ކިސްކޮށްލަ އެވެ. 

ލިބެނީ ކިހައިވަރެއްގެ އުފަލެއްކަން އަހަރެން ހާމަކުރާންވީ ކޮން ބޭނުމަކު ހެއްޔެވެ؟ 

އިހްސާސްވަމުންދިޔައީ އުފަލާއި އަރާމާއި ރައްކާތެރިކަމެވެ. 

"މާތް ﷲ މާލިކް އުފެއްދެވީ ހަމައެކަނި އަހަރެންނަށްޓަކައިހެން ހީވަނީ ކީއްވެބާ؟" މަޑުމަޑުން އަހަރެން ސުވާލުކޮށްލީމެވެ. މާލިކް ހީނލިކަން އެނގުނީ އޭނާގެ ހަށިގަނޑު 'ވައިބްރޭޓް' ވުމުންނެވެ. 

ލެޕްޓޮޕް ދުރުކޮށްލާފައި ގުދުވެލި އެވެ. 

އަހަރެންގެ ބޮލުގައި މަޑުމަޑުން ދަތްދޮޅި ވިއްދާލާފައި ހަމަޖެހިލާފައި ބައްދާލި އެވެ. 

އޭނާގެ މޫނުމަތީގައި އެކުލެވޭނެ އުފާވެރި ހިނިތުންވުން ވަރަށް ރަގަޅަށް އަންދާޒާކުރެވެ އެވެ.

"އަހަންނަށް ހީވަނީ ކައިރާ މިދުނިޔެއަށް ފޮނުއްވީ އަހަރެންނަށްޓަކައިހެން.. ދެކިބަލަ، މިއަށްވުރެން ފުރިހަމައަށް އިންސާނެއްގެ ދެ އަތުގެ ތެރޭގައި އެހެން އިންސާނަކު ފިޓްވެފައި ވަނިކޮށް ދުށީމުތަ..؟ އަހަރުމެން ދެމީހުން މި ދުނިޔެއަށް ފޮނުއްވީ އެކަކު އަނެކަކަށްޓަކައި.." މާލިކް ބުނެލި އެވެ.

"އަސްލުތަ؟" ކުޑަކުއްޖަކު ފަދައިން ސުވާލުކުރެވުނީތީވެ ލަދުވެސް ގަތެވެ. 

"އަހަރުމެން ދެމީހުންގެ އަތް، އެކަކު އަނެކެއްގެ އަތުގެ ތެރޭގައި ފިޓުވެގެންދާ ހިތްގައިމުގޮތާއިމެދު ވިސްނާލިންތަ..؟" ދެމީހުންގެ އަތް އެކަކު އަނެކެއްގެ އަތުގެ ތެރޭގައި ޖޯޑުކޮށްލި އެވެ. 

ތެދެކެވެ. މާލިކްގެ ބޮޑު އަތްތިލައިގެ ތެރޭގައި އަހަރެންގެ އަތް މަހާލެވިގެންދަނީ ނުހަނު ފުރިހަމަކަމާއެކު އެވެ. 

ކުއްލިޔަކަށް އިވުނީ ދޮރުގައި ޓަކި ޖަހައިލި އަޑެވެ. ފުންމައިގެން ތެދުވާން މަސައްކަތްކުރެވުނީ އިހްތިޔާރަކު ނޫނެވެ.

"ހަމަޖެހިބަލަ.."

"މާލިކް، އަހަރެން ދޫކޮށްލާ! ކޮންމެވެސް މީހަކު ޓަކި އެބަޖަހާ"

"ދުވަހަކުވެސް ދޫކޮށް ނުލާނަން"

"ދުވަހަކު ދޫކޮށްލާ ވާހަކައެއް ނޫނޭ.. މިވަގުތު ދޫކޮށްލާށޭ! ޕްލީޒް މާލިކް"

"ކާކު؟" 

ތަންކޮޅެއް ބާރަށް މާލިކް ސުވާލުކުރި އެވެ. 

މާލިކްގެ އުނގުން ފުންމައިގެން އަހަރެން ތެދުވީމެވެ. ހަމަކުއްލިޔަކަށް ދޮރުހުޅުވާފައި އެތެރެއަށް އެވަނީ އާދަޔާ ހިލާފަށް ރީތި އަންހެން ކުއްޖެކެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;