ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ ކަންތަކުގެ ދޮގު ވާހަކަތައް ދެއްކުމުން، މާކެޓްގައި އިތުރު ނުތަނަވަސްކަން އުފައްދައި، ބްލެކް މާކެޓަށް އިތުރަށް ހިތްވަރުދީ އަދި ވިޔަފާރިވެރިންނަށާއި، އިގްތިސާދަށް ނުރައްކާވާ ކަމަށެވެ.
ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ކުޑަކުރުމަށް ކުރީގެ ރައީސް ނަޝީދު، ސަރުކާރަށް ގޮވާލެއްވި ވާހަކައަށް ވެސް މި ވީޑިއޯގައި މިނިސްޓަރު އަލިއަޅުވާލެއްވި އެވެ.
މިގޮތުން، އެ މަނިކުފާނުގެ ވެރިކަމުގައި ޑޮލަރު ނުލިބިގެން އެމްއެމްއޭގެ ދޮރާށިން ފެށިގެން މަސްމާރުކޭޓާ ހަމައަށް ކިޔޫ ދަމާލުމުން ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަވާނެ ކަމަށް އޭރު ނަޝީދު ވިދާޅުވި ކަމަށް ސައީދު ވިދާޅުވި އެވެ. އަދި، އެ ވެރިކަން ނިމުނުއިރު، ޑޮލަރެއްގެ އަގު ހުރީ 17 ރުފިޔާގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޑޮލަރުގެ ކަޅު ބާޒާރު އުފެދެނީ ބޭންކިން ސިސްޓަމްގެ ތެރެއަށް ޑޮލަރު ނުވަދެ، ބޭރުގައި ޑޮލަރު ވިއްކާތީ އެވެ. މިކަމަށް ހިތްވަރު ލިބެނީ ބައެއް ނޫސްތަކުގެ ހެޑްލައިންތަކާއި އެމްޑީޕީގެ ވެރިން ރޭޓު މަތިކުރަން ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށް ސައީދު ތުހުމަތުކުރެއްވި އެވެ.
ނަޝީދުގެ ސަރުކާރުގައި ޑޮލަރުގެ ރޭޓު ހިފެހެއްޓުމަށް ފުލުހުން ބައިތިއްބަން ވިދާޅުވި ވާހަކަފުޅާއި އިގްތިސާދީ ގޮތުން ނުރަނގަޅު ނިންމުންތަކެއް ނިންމިކަން ސައީދު ހަނދާން ކޮށްދެއްވި އެވެ. އޭގެ ތެރޭގައި އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމާއި ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ވިއްކުމާއި އަދި ކޮވިޑްގެ ތެރޭގައި ބޭކާރު ގޮތުގައި ފައިސާ ޗާޕުކޮށް އިގްތިސާދު އަނދަވަޅަކަށް ވައްޓައިލިކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ 1.2 ބިލިއަން ޑޮލަރުގެ ބޮޑު ލޯނު ދައްކައި، ރަހުނު ކޮށްފައި ހުރި ސްކޫލްތަކާއި ހޮސްޕިޓަލްތައް ސަލާމަތްކޮށްފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި، އިގްތިސާދު ކޮޅަށް ޖެހުމަށް 10 ބިލިއަން ޑޮލަރުގެ ބޮޑެތި މަޝްރޫއުތައް ރާވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ތަކެތީގެ އަގު އުފުލޭ ކަމަށް ބުނެ "ދަތިވެއްޖެ" ނަމުގައި އެމްޑީޕީން މިރޭ މުޒާހަރާ ކުރަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފަ އެވެ.
ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;