އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އަބްދުއްރަހްމާން ވިދާޅުވީ، އެހެން އެއްވެސް ސަރުކާރަކުން ކޮށްނުދިން ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްދީފައިވާ ކަމަށެވެ. އަދި އެއީ "ރަށަށް މިނިވަންކަން ގެނެސްދެއްވުން" ކަމަށް ފާހަގަކުރައްވައި، އެކަމަށްޓަކައި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ދާއިރާގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރެއްވި އެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި މީދޫ ކައުންސިލަށް ގްރާންޓްގެ ގޮތުގައި ދިނުމަށް 20.5 މިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހްމާން ވިދާޅުވީ، އެއީ ކައުންސިލްގެ ރިކަރެންޓް ޚަރަދު ހަމަޖައްސާފައި ބާކީވާ ވަރުގެ އަދަދެއް ކަމަށެވެ.
އެހެން ނަމަވެސް، އަލަށް އާބާދުވި ސަރަހައްދަށް ކަރަންޓު ދިނުމާއި ދަތުރުފަތުރުގެ އިންތިޒާމާއި ބޭސް ލިބުމުގައި ހުރި "ކުދި ތަކުލީފުތައް" ސަރުކާރުން ހައްލުކޮށްދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އަބްދުއްރަހްމާން ވިދާޅުވި އެވެ.
ދާއިރާގެ ވާހަކަތަކަށް ވަޑައިގަތުމުގެ ކުރިންނާއި ވާހަކަ ނިންމަވާލައްވަމުން ވެސް އޭނާ ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށާއި ރައްޔިތުންނަށް ކަމެއް ނުވިޔަސް ވޯޓު ދެއްވާ މިއީ ތިން ވަނަ ބަޖެޓް ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.