އޭރު ގަޑިން މެންދަމުން އަލިވެ ތިންގަޑި ބައިވަނީއެވެ. އުޑުމަތީގައި ތަރިތައް ފިޔަޖަހަމުން ދިޔަ ނަމަވެސް، މަގުމަތީގެ އަލިކަން ވަރަށް ފަނޑެވެ. އަހުމަދު ހިނގަމުން ދިޔައީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކައިރިންލާފައެވެ. އެހިސާބަކީ އާންމުކޮށްވެސް ދަންވަރު ގަޑީގައި މީހުން މަދު، ފަޅުކަމެއް އެކުލެވޭ ހިސާބެކެވެ. އޭނާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. ނަމަވެސް އެރޭ އޭނާއަށް ކުރިމަތިވާން އޮތީ އޭނާގެ މުޅި ހަޔާތުގައިވެސް ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ފަދަ ނާމާން ތަޖުރިބާއެކެވެ.
ކުއްލިއަކަށް އޭނާގެ ފައިގައި ވަރަށް ބާރަށް އެއްޗެއް ޖެހުނެވެ. ފުރަތަމަ ހީކުރެވުނީ އެއީ މަގުމަތީގައި އުޅޭ ބުޅަލެއް ކަމަށެވެ. އަހުމަދު ސިހިފައި ތިރި ބަލައިލިއިރު ފެނުނީ އާދަޔާ ހިލާފު މަންޒަރެކެވެ. އެއީ ބުޅަލެއް ނޫނެވެ. އެއީ ވަރަށް ބާރު ސްޕީޑުގައި ވަށް ބޯޅައަކަށް ވެގެން އެނބުރެމުން ދިޔަ އެއްޗެކެވެ. އެ އެނބުރެމުން ދިޔަ ގޮތުން އޭގެ އަސްލު ސިފައެއް ކަނޑައެޅިގެން ބުނާކަށް ނޭނގެއެވެ.
އެ ގޮތްނޭނގޭ އެތި އެނބުރެމުން އެނބުރެމުން ގޮސް މިސްރާބުޖެހީ މަޖީދިއްޔާ ސްކޫލާ ދިމާލަށެވެ. އަހުމަދު ހުރީ ގަނޑުވެފައެވެ. އޭނާގެ ލޯކުރިމަތިން އެ ހިނގި ކަންތައް ގަބޫލުކުރަންވެސް ދަތިވިއެވެ. އެ އެތި ގޮސް ލޯމަތިން ގެއްލުމާއެކު، އަހުމަދަށް ވަށައިގެންވާ މާހައުލަށް އައިސްފައިވާ ކުއްލި ބަދަލު އިހުސާސްކުރެވެން ފެށިއެވެ. ވައިރޯޅި މުޅިން ހުއްޓި، މުޅި ތަނަށް އާދަޔާ ހިލާފު ފިނިކަމެއް ވެރިވިއެވެ.
އަހުމަދަށް ވަށައިގެން ބަލައިލެވުނެވެ. އޭނާއަށް ހުރެވުނީ މާލޭގެ މަގުމަތީގައި ކަމާމެދު ޝައްކު އުފެދޭވަރު ވިއެވެ. މުޅި މަގު އެއްކޮށް އޮތީ ބޯ ޖަންގައްޔަކަށް ބަދަލުވެފައެވެ. މަގު މަތީގައި އޮތީ ހުސް ފަތެވެ. ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަނީ ބިޔަ، ބޯ ގަސްތަކެވެ. ގޯތިތަކުގެ ތެރެއިންނާއި ފާރުތަކުގެ މަތިންވެސް އޮތީ ބޯގަސް ފަޅާފައެވެ. ގޯޅިތައް ވަކިކުރަންވެސް ނޭނގޭ ވަރަށް މުޅި ސަރަހައްދު އޮތީ ބަދަލުވެފައެވެ.
ބިރުން ގޮސް އަހުމަދުގެ މުޅި ހަށިގަނޑުން ދާހިތްލާން ފެށިއެވެ. އޭނާ އަވަސް އަވަހަށް ފިޔަވަޅުތައް ބާރުކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. އަމާޒަކަށް ވީ ވީހާވެސް އަވަހަކަށް ގެއަށް ދިޔުމެވެ. ގަސްތަކުގެ ތެރެއިން، ފަތްތަކުގެ މަތިން ހިނގަމުން ގޮސް އޭނާއަށް ސޯސަން މަގަށް ނުކުމެވިއްޖެއެވެ. ސޯސަން މަގަކީ އާންމުކޮށް އަލިގަދަ، އަދި ދަންވަރުވެސް އެކި ކަހަލަ ވެހިކަލްތައް ދުއްވާ މަގަކަށް ވުމުން، އެތަނުން މީހެއްގެ ހިލަމެއް ވާނެކަމަށް އޭނާ އުއްމީދުކުރިއެވެ.
ނަމަވެސް ސޯސަން މަގުގެ ހާލަތު އޮތީ މާ ގޯސްކޮށެވެ. މުޅި މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ކާރެއް، ސައިކަލެއް، އަދި އެނޫންވެސް އެއްވެސް ވެހިކަލެއްގެ އަޑެއް ބަޑެއް ނީވެއެވެ. އަހުމަދު ހީކުރީ އޭޑީކޭ ހޮސްޕިޓަލާ ހަމައަށް ދެވުމުން ކޮންމެވެސް ވަރެއްގެ އަމާންކަމެއް ލިބޭނެ ކަމަށެވެ. ހޮސްޕިޓަލަކީ އަބަދުވެސް މީހުން ހޭލާ އުޅޭނެ، އަލިގަދަ ތަނަކަށް ވާތީއެވެ.
އޭޑީކޭ ހޮސްޕިޓަލާ ދިމާލަށް ދެވުނުއިރު އަހުމަދަށް ލިބުނީ އިތުރު ސިހުމެކެވެ. ހޮސްޕިޓަލުގެ ބޮޑު އިމާރާތުގެ ބަދަލުގައި އެތަނުގައިވެސް އޮތީ ބޯ ޖަންގައްޔެކެވެ. އެތަނުން އަލިކަމެއް ނުފެނުނެވެ. ނަރުހެއް، ޑޮކްޓަރެއް، އަދި ބަލިމީހެއްގެ ހިލަމެއްވެސް ނެތެވެ. މުޅި ސަރަހައްދުގައި ރަސްކަންކުރަމުން ދިޔައީ ގަދަ އަނދިރިކަމާއި ފުން ހިމޭންކަމެކެވެ. އަހުމަދުގެ ނޭވާ އަވަސްވެ، ހިތުގެ ތެޅުން އިންތިހާއަށް ބާރުވިއެވެ. އެއީ ދުވަހަކުވެސް އޭނާ ދުށް ފަދަ ބިރުވެރި މަންޒަރެއް ނޫނެވެ.
އެ ނާމާންކަމުގެ ތެރޭގައި ހުރެ، ވަރަށް ވިސްނުންތެރިކަމާއެކު އަހުމަދު ސޯސަންމަގު އެއްކޮޅުން އަނެއްކޮޅަށް ހިނގިއެވެ. މަގުގެ ދެކޮޅަށް ހިނގިއިރުވެސް އޮތީ ހަމަ ބޯ ޖަންގައްޔެކެވެ. އޭނާގެ ވަށައިގެންވީ ބިޔަ ގަސްތަކާއި، ފައިދަށުގައިވި ހިކި ފަތްތައް ނޫން އެހެން އެއްވެސް އެއްޗެއް ނުފެނުނެވެ. އެ ހިސާބުން އަހުމަދަށް މިއީ އާދައިގެ ކަމެއް ނޫންކަން ޔަގީންވިއެވެ. މިއީ ޖިންނި ޝައިތާނުންގެ ނާމާންކަމެއްކަން އޭނާގެ ސިކުނޑި ގަބޫލުކުރިއެވެ.
ދެން ހަދާނެ ގޮތެއް ނުވިސްނި ހުރެފައި، އަހުމަދު ނިންމީ އޭނާގެ ގައިގައި ހުރި ހުރިހާ ބާރެއްލާފައި ގެއާ ދިމާލަށް ދުއްވައިގަތުމަށެވެ. އެ ބިރުވެރި ޖަންގަލީގެ ތެރެއިން، ފަތްތަކުގެ މަތިން ފުންމަމުން، ގަސްތަކުގެ ގޮފިތަކުން ރެކެމުން އޭނާ ދުވިއެވެ. އޭނާގެ ހިތް އޮތީ ބިރުން ފިތްކަނޑައިގެންދާ ވަރުވެފައެވެ. ކޮންމެ ފިޔަވަޅަކާއެކު އޭނާ ހިތާހިތުން މާތް الله އަށް ދުއާކުރަމުން ދިޔައެވެ. އެ ނާމާންކަމުން ސަލާމަތްކޮށްދެއްވުން އެދިއެވެ.
ދުވަމުން ދުވަމުން ގޮސް އޭނާގެ ގެ ހުންނަ މަގަށް ވަދެވުނުއިރުވެސް އޭނާގެ ފަހަތުން ބިރުވެރި އެއްޗެއް އަންނަ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ގެއާ ހަމައަށް ފޯރިއިރު އޭނާ ހުރީ ނޭވާ ހާސްވެ، މުޅި މީހާ ވަރުބަލިވެގެން ވެއްޓޭ ހިސާބުގައެވެ. ގޭގެ ދޮރު ހުޅުވާފައި އެތެރެއަށް ވަދެވުނު ވަގުތަކީ، މާލޭގެ މިސްކިތްތަކުން ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށި ވަގުތެވެ.
އެރޭ އޭނާއަށް ކުރިމަތިވި އެ ނާމާން ތަޖުރިބާގެ ބިރުވެރިކަން އޭނާގެ ހިތަކުން ދުވަހަކުވެސް ފިލައިގެން ނުދިޔައެވެ. ފަތިސް ބަންގީގެ އަޑާއެކު ނިމުނު އެ ނާމާން ދަތުރަކީ މިއަދާ ހަމައަށްވެސް އޭނާ އެންމެ ހަނދާންކުރަން ބޭނުންނުވާ، ނަމަވެސް ދުވަހަކުވެސް ހަނދާނުން ނުފިލާނެ ބިރުވެރި ހާދިސާއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;